މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އަޅަމުން އަންނަ އާ ސީ ޕްލޭން ޓާމިނަލްގެ އޮޑިޓެއް ހެދުމަށް އޮޑިޓް އޮފީހަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.

މާލިއްޔަތު ކޮމިޓީން މި ޓާމިނަލުގެ އޮޑިޓެއް ހެދުމަށް ނިންމީ، މި ޓާމިނަލް ނު އަގުގައި ވަކި ބަޔަކަށް ކުއްޔަށް ދޭން އުޅޭ ކަމުގެ ތުހުމަތު ކޮށްފައެވެ. މި ޓާމިނަލް ކުޑަ އަގެއްގައި ކުއްޔަށް ދީފިނަމަ ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭ މިންވަރު ކުޑަ ވެގެން ދާނެ ކަމަށް ބައެއް މެންބަރުން ދެކެއެވެ.

އެގޮތުން ބައެއް މެންބަރުން ވަނީ، ސަރުކާރުގެ ހަރަދުގައި އަލަށް ހަދާ ސީ ޕްލޭން ޓާމިނަލް ކުއްޔަށް ދޭން ނިންމާފައިވަނީ ވެސް މީގެ އެތައް އަހަރެއް ކުރިން ދީފައިވާ އަގަށް ކަމަށް ތުހުމަތު ކުރައްވާފައެވެ. މެންބަރުން ވިދާޅުވީ، ސީ ޕްލޭން ޓާމިނަލްގައި އެމްއޭސީއެލް އިން ލޯންޖު ހިންގައިގެން ބޮޑުފައިދާއެއް ހޯދަމުން އަންނައިރު އެ ތަން ހިންގުމުގެ ވަސީލަތްތައް ނެތް ކަމަށް ބުނެ ލޯންޖުތައް ވެސް ދޫކޮށްލުމަށް ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެމްއޭސީއެލުން ތަރައްގީ ކުރަމުން އަންނަ އާ ސީ ޕްލޭން ޓާމިނަލްގެ 73 ޕަސެންޓް މަސައްކަތް ނިމިފައި / ފޮޓޯ: އެމްއޭސީއެލް

މީގެ އިތުރުން، އެމްއޭސީއެލް އިން އާ ސީ ޕްލޭން ޓާމިނަލް ކުއްޔަށް ދޭން އުޅެނީ ޓީއެމްއޭ އަށް ކަމަށް ވެސް ބައެއް މެންބަރުން ވަނީ ތުހުމަތު ކުރައްވާފައެވެ. އެގޮތުން، ދައުލަތުގެ ބެލުމުގައިވާ ތަނެއް ކުއްޔަށް ދޫކުރަން ޖެހޭނީ ދައުލަތަށް އެންމެ ފައިދާހުރި ގޮތަކަށް ކަމަށް މެންބަރުން ދެކެއެވެ.

އާ ސީޕްލޭން ޓާމިނަލްގެ 73 ޕަސެންޓު މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިހާރު ޓާމިނަލުގައި ކުރަމުންދަނީ އިމާރާތުގެ ކަރަންޓް ވަޔަރުކުރުމާއި، ފިޔުލް ޕައިޕްލައިންތައް ހަރުކުރުމުގެ އިތުރުން އިންޓީރިއާ ފިނިޝިންގެ މަސައްކަތް އަދި އިމާރާތުގެ ބޭރުން ފަސާޑު ހެދުމުގެ މަސައްކަތެވެ.