މިނިވަން މުއައްސަސާތަކަށް މެންބަރުން ނެގުމާއި ވަކިކުރުމަށް ރައްޔިތުން މަޖިލީހުގެ ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ހުށަހެޅުއްވުމަށް އެމްޑީޕީ ޕީޖީ ގުރޫޕުން ދެކޮޅު ހަދައިފިއެވެ.

މަޖިލީހުގެ ގަވާއިދަށް ރައީސް ނަޝީދު ހުށަހެޅުއްވި މި އިސްލާހަކީ މިނިވަން މުއައްސަސާތަކަށް މެންބަރުން ނެގުމާއި ވަކިކުރުމަކީ އެންމެ ކޮމިޓީއަކުން ކުރާ ވަރަށް ވުރެ ފުޅާ ދާއިރާއެއްގައި ވިސްނައި މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ފަރާތްތަކެއްގެ ޝާމިލްވުން އޮންނަން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާތީ ހުށަހެޅުއްވި އިސްލާހެކެވެ.

މިއަދު އެމްޑީޕީގެ ޕީޖީއިން ބޭއްވި ބައްދަލުވުމުގައި ސުޕާ ކޮމިޓީ ހެދުމަށް މަޝްވަރާ ކުރުމަށް ފަހު، ވޯޓަށް އެހުމުން އެކޮމިޓީ ހެދުމަށް ނުފެންނަ ކަމަށް ގިނަ މެންބަރުން ވޯޓު ދެއްވާފައިވާ ކަން ވަނީ އެނގިފައެވެ.

ރައީސް ނަޝީދު ވަނީ، މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރުމަކީ މަޖިލީހުގެ އެންމެ ކޮމިޓީއަކުން މަސައްކަތް ކުރާ ބާވަތުގެ ކަމެއް ނޫން ކަމަށާ، އެއީ މެންބަރުން ކޮމިޓީއެއްގައި ތިއްބަވާފައި ޖަޒުބާތުގައި ޖޯޝުގައި ކުރާ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ސުޕާ ކޮމިޓީ ހަދަން ރައީސް ނަޝީދު ހުށަހަޅުއްވަމުން ވިދާޅުވީ، މިހާރު ހުރި ދާއިމީ ކޮމިޓީތަކަކީ އޯވަސައިޓް ކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީތަކެއް ކަމަށާއި، އެހެން ކަމުން ހަރުދަނާ އުސޫލަކުން މުއައްސަސާތަކަށް ބޭފުޅުން އައްޔަންކޮށް ވަކިކުރަން އެކަމަކަށް ހާއްސަވެފައިވާ ކޮމިޓީއެއް އޮތުން މުހިންމު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.