މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ދެ ފަރަތެއް އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު އަރުވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ދެ މިނިސްޓްރީއެއްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ދެ ބޭފުޅަކު އައްޔަން ކުރައްވައި އެ ބޭފުޅުންގެ މަގާމުގެ ފަތްކޮޅު އެރުއްވީ އެކަމަށް މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެގޮތުން، މިއަދު މިނިސްޓާ އޮފް ސްޓޭޓް ފޯ އެޑިއުކޭޝަންގެ މަގާމަށް މިއަދު އައްޔަން ކުރެއްވީ ފުވައްމުލަކު ސިޓީ، މާދަޑު، ހަޒާރުމާގެ އާއިޝަތު އާތިޔާ ނަސީރެވެ. އަދި މިނިސްޓާ އޮފް ސްޓޭޓް ފޯ ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ މަގާމަށް އައްޔަން ކުރެއްވީ ގދ. ތިނަދޫ، ނީލުގެ، ޒިފްލީނާ ހަސަންއެވެ.

އެޑިއުކޭޝަން މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އާއިޝަތު އާތިޔާ ނަސީރު / ފޮޓޯ: ރައީސް އޮފީސް

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި އާއިޝަތު އާތިޔާ ނަސީރަކީ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ނޮޓިންހަމް އިން އެޑިއުކޭޝަނަލް ލީޑާޝިޕް ދާއިރާއިން މާސްޓާސް ޑިގްރީ ހާސޮލުކުރައްވާފައިވާ ފަރާތެކެވެ. އާތިޔާ އެންމެ ފަހުން އަދާކުރައްވާފައި ވަނީ އޭޑީކޭ ހޮސްޕިޓަލްގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމެވެ. އޭގެ އިތުރުން އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލްކަމާ ތައުލީމީ ދާއިރާގެ އެކިއެކި މަގާމުތައް އާތިޔާ އަދާކުރައްވާފައި ވެއެވެ.

ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ޒިފްލީނާ ހަސަން / ފޮޓޯ: ރައީސް އޮފީސް

ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި ޒިފްލީނާ ހަސަނަކީ މިހާރު ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުން ގެންދަވާ ފަރާތެކެވެ. ޒިފްލީނާ މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައި ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް ސަދަން ކުއީންސްލޭންޑުންނެވެ. ޒިފްލީނާ ފުރުއްވާފައިވާ ބައެއް މަގާމުތަކުގެ ތެރޭގައި އެމްޑީޕީގެ ކޮންގްރެސް ކޮމެޓީގެ މެންބަރުކަމާއި އެޕާޓީގެ އެކި އެކި މަގާމުތަކުގެ އިތުރުން ބައެއް މެގަޒިން ތަކުގެ އެޑިޓަރުކަމާއި ތައުލީމީ ދާއިރާގެ ބައެއް މަގާމުތައް ހިމެނެއެވެ.