މަޖިލިސް ކެއުމުން ފެނުނީ ކޮންޑަމެއް ނޫން ކަމަށާއި، އެއީ ކާއެއްޗެހި ހަލާކުވިޔަ ނުދީ ރައްކާ ކުރަން ބޭނުންކުރާ ފުޑް ރެޕްގެ ތަންކޮޅެއް ކަމަށް މަޖިލީހުގެ މީޑިއާ ޑިރެކްޓާ ހަސަން ޒިޔާއު ވިދާޅުވެއްޖެއެވެ.

ބައެއް މީޑިއާތަކުން ވަނީ، މިއަދު މަޖިލީހުގެ މެންބަރުން ކެއުމަށް ހުރި ތަކެތީގެ ތެރެއިން ކޮންޑަމެއް ކަހަލަ އެއްޗެއް ފެނިފައިވާ ކަމަށް ބުނެ ރިޕޯޓްކޮށްފައެވެ. ނަމަވެސް "ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން ޒިޔާއު ވަނީ މި ވާހަކަތައް ދޮގުކޮށް، މެންބަރުންގެ ކެއުމުން ފެނުނީ ކޮންޑަމެއް ނޫން ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޒިޔާއު ވިދާޅުވީ މަޖިލީހުން މިހާރު ދަނީ ކާއެއްޗެހީގެ ތެރެއިން ފުޑް ރެޕްގެ ތަންކޮޅެއް އޮންނަންވީ ކީއްވެތޯ ބެލުމަށް މަޖިލީހުގައި ކޭޓާ ކުރާ ފަރާތްތަކާއި ވާހަކަ ދައްކަމުން ކަމަށެވެ.

ބައެއް މީޑިއާތަކުން މަޖިލީހުގެ މެންބަރަކާ ހަވާލަދީ ބުނީ، ކޮންޑަމެއް ކަހަލަ އެއްޗެއް ފެނިފައިވަނީ ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެންބަރު އަދި އަހުމަދު ޝިޔާމް ކޭންބެއްލެވުމަށް އިން ތަށިންނެވެ. އަދި މެންބަރުން ކެއިން ބައްލަވައިގަންނަ ތަނަށް ވަޑައިގެން، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެކަން ބައްލަވާފައިވާ ކަމަށް އެ މެންބަރާ ހަވާލާދީ މީޑިއަތަކުން ރިޕޯޓްކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކެއުމުގެ ކަންކަން ހަމަޖައްސަމުން އަންނަނީ ރައްޔިތުންގެ މަޖިލީހުގައެވެ.