ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުކުރާ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

އެންސްޕާ ޖެންޑާގެ ދަށަށް ބަދަލުކުރުމަށް އިޖުތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ މަނަދޫ ދާއިރުގެ މެންބަރު އަހްމަދު ހާރޫނެވެ. އިސްލާހު ބަލައި ގަތުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 65 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

މި އިސްލާހު ހުށަހެޅުއްވީ އެންސްޕާގެ ކަންކަން، ސިއްހަތާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ހެލްތް މިނިސްޓްރީއާ ހަވާލުކޮށްފައި އޮތުމުގެ ބަދަލުގައި، އެންސްޕާ އިޖްތިމާއީ މަސްއޫލިއްތު ހަވާލުކޮށްފައިވާ ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލު ކުރުން ކަމަށެވެ.

އެންސްޕާ މިހާރު ހިންގަމުން ގެންދަނީ ހެލްތް މިނިސްޓްރީގެ ދަށުންނެވެ.

އެންސްޕާ ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުކުރާ ބިލު ބަލައިގަނެ ފާސްކުރި ނަމަވެސް، މި އިސްލާހަށް އަމަލުކުރަން ފަށާނީ ބިލު މަޖިލީހުން ފާސްކޮށް ރައީސް މި ބިލު ތަސްދީގު ކުރައްވާ ގެޒެޓްގައި ޝާއިއު ކުރާ ދުވަހުން ފެށިގެންނެވެ.