ކުރިއަަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ސަރުކާރުން ފޮނުވާފައިވާ ހަ ބިލުގެ މަސައްކަތް ނިންމާ ތަސްދީގުކުރެވޭ ވަރަށް މަސައްކަތް ނިންމާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އީދު ބަންދަށްފަހު މަޖިލިސް ހުޅުވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ހަ ބިލެއްގެ ފުރަތަމަ ކިއުން އިއްވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ހަފްތާތެރޭގައި މަޖިލީހުން ކުރަން ހުރި މަސައްކަތް ވަރަށް ގިނަ ކަމަށާއި، އަމާޒަކީ ސަރުކާރުން ހުށަހަޅާފައިވާ ހަ ބިލް ވެސް ކުރިއަށް އޮތް ދެ ހަފްތާތެރޭގައި މަޖިލީހުން ނިންމާ އެ ހަ ބިލު ތަސްދީގުކުރުމަށް ފޮނުވޭ މިންވަރަށް މަސައްކަތް ކުރިއަށް ގެންދެވުން ކަމަށެވެ.

ސަރުކާރުގެ ފަރާތުން ވަނީ އިއްޔެ މުހިންމު ބިލްތަކެއް މަޖިލީހަށް ފޮނުވާފައެވެ. އެގޮތުން ކުޑަކުދިންގެ އަދުލުގެ ބިލާ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ، މުސްތަގިއްލު ބައެއް ކޮމިޝަންތަކާއި މުސްތަގިއްލު ބައެއް މަގާމްތަކާއި ބައެއް މަގާމުތަކާ ގުޅުންހުރި ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ބިލާ، ރިޔާސީ އިންތިހާބުގެ ގާނޫނާއި ރައީސްކަން ކޮށްފައިވާ މީހަކަށްދޭންޖެހޭ ރައްކާތެރިކަމާ އިނާޔަތާބެހޭ ގާނޫނު އިސްލާހުކުރުމުގެ ބިލާ، ޕެސްޓިސައިޑްސް ބިލު ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވާފައެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ މަސްވެރިކަމުގެ ބިލަކީ ވެސް މި ދައުރުގައި މަޖިލީހުގައި ހިނގާ މުހިންމު އެއް މަސައްކަތް ކަމަށާއި، މަސްވެރިކަމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދިއުމަށްޓަކައި މިއަދު އެ މަސައްކަތަށް ވަގުތު ދިނުމުގެ އިތުރުން މިރޭ ވެސް މަޖިލީހުގެ ޖަލްސާއެއް ބާއްވާ މަސްވެރިކަމުގެ ބިލު ނިންމުމަކަށް ގެންދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަދި މީގެ އިތުރުން 22 އޮގަސްޓްވާ ބުރާސްފަތި ދުވަހު ޖަލްސާއެއް ބޭއްވުމަށާ، އަދި 25 އޮގަސްޓްވާ އާދީއްތަ ދުވަހު ވެސް ޖަލްސާއެއް ބާއްވަން ގަސްދުކުރަން،"
ނަޝީދު

ނަޝީދު ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ އިރު، އިންޓަ ޕާލަމެންޓްރީ ޔުނިއަންގެ ދެކުނު އޭޝިއާގެ ސްޕީކަރުންގެ ހަތަރުވަނަ ސަމިޓް އަންނަ މަހުގެ ފުރަތަމަ ދެ ދުވަހު ރާއްޖޭގައި ކުރިއަަށް ދާނެ ކަމަށެވެ. އަދި އެކަމަށް ވެސް މަޖިލިސް ދަނީ ތައްޔާރުވަމުން ކަމަށާއި މި ސަމިޓްގައި މަޝްވަރާ ކުރެވެނީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމާ ގުޅޭގޮތުން ކަމަށް ނަޝީދު ވިދާޅުވިއެވެ.