އޮޅުވާލައިގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އަށް ބާ ޑަމްޕްޓްރަކެއް ގަތް މައްސަލައިގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ މުހައްމަދު ޝިފާއުގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ދައުވާކުރަން ނިންމައިފިއެވެ.
އޭސީސީ އިން ޝިފާއުގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ވެމްކޯ އިން އެމަޖެންސީކޮށް އެއް ޑަމްޕްޓްރަކް ގަތުމަށް ކިއުބެކް އިންވެސްޓްމަންޓާ އެކު އެއްބަސްވުމެއް އެކުލަވާލާފައިވާއިރު، އެކުންފުންޏަކީ ޝިފާއުގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެއް ތަހުގީގު ކުރުމަށް ފަހުގައެވެ.
ވެމްކޯއިން ފުރަތަމަ އެދުނީ އެއް ޓަނުގެ ޓްރަކެއް ގަތުމަށެވެ. ނަމަވެސް އެވަރުގެ ޓްރަކެއް ނުލިބިއްޖެނަަމަ 350 ކިލޯގެ ޓްރަކެއް ހޯދައިދިނުމަށްވެސް ފަހުން ވަނީ ރިކުއެސްޓްކޮށްފައެވެ. އެ ޓްރަކް ގަނެފައިވަނީ އާ ޓްރަކްއެއްގެ ގޮތުގައި ނަމަވެސް އެ ޓްރަކްގަތް ޖަޕާނުގެ އެކްސްޕޯޓަރާއި ކަސްޓަމްސްއާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ލިޔެކިޔުންތަކުން ވެސް އެ ޓްރަކަކީ ބޭނުންކޮށްފައިވާ ބާ ޓަރަކްއެއް ކަން ހާމަވާކަމަށް އޭސީސީން ބުނެއެވެ.
އޭސީސީން ބުނީ އެ ޓްރަކް ގަނެފއިވަނީވެސް އެންމެ ތަނަކުން ކޯޓޭޝަން ހޯދައިގެން ކަމަށެވެ. އަދި އެގޮތަށް ތަކެތި ގަންނައިރު މުދަލެއް ގަންނަން ވާނީ އެއްް ކޯޓޭޝަނަށްވުރެ ގިނައިން މުދަލުގެ ހަމަ އަގު ޔަގީން ކުރުމަށް ގިނަ ކޯޓޭޝަންތަކެއް ނަގައިގެން ކަމަށް އޭސީސީން ބުނެއެވެ. އޭސީސީން ބުނީ މި މުއާމަލާތް ހިންގާފައިވަނީ ނުހައްގުން މަންފާ ލިބެންނުޖެހޭ ފަރާތަކަށް މަންފާ ހޯދާދިނުމަށް ކަމަށާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފާއިދާއެއް ހޯދާދިނުމަށް ކުރިކަމެއް ކަން ވެސް ހާމަވާ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭސީސީން މިއަދު ހާމަ ކުރި ރިޕޯޓުގައިވާ ގޮތުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރެ، އިމްޕޯޓަރެއް މެދުވެރިކޮށް ރާއްޖެއަށް އެތެރެކޮށްފައިވާ 350 ކިލޯގެ ޑަމްޕްޓްރަކަކީ އެތެރެކުރިއިރު ބޭނުންކޮށްފައި އޮތް ޑަމްޕްޓްރަކެއްކަން ޝިފާއުއަށް އެނގޭ ކަމަށޭވެ. އަދި މި މައުލޫމާތު އެނގި ހުރެ ސައްހަ ނޫން ސިޓީއެއް މެދުވެރިކޮށް ޑަމްޕްޓްރަކްގެ މިލްކުވެރިކަން ޝިފާއުއާ ވިޔަފާރީގެ ގުޅުން އޮންނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ ކިއުބެކް އިންވެސްޓްމަންޓަށް ބަދަލުކުރުމަށް ހުއްދަ ދީފައިވާތީ އެކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވޭ ކަމަށް އޭސީސީން ބުނެއެވެ.
މީގެ އިތުރުން އެ ޑަމްޕްޓްރަކްގެ ރަޖިސްޓްރީ އެމްކޯ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުގު ނަންމަތީ އޮއްވާ، ވެމްކޯގެ ބޭނުމަށް މި ޑަމްޕްޓްރަކް ކިއުބެކް އިންވެސްޓްމަންޓުން އާ ޑަމްޕްޓްރަކެއް ގޮތަށް ގަތުމަށް ނިންމާފައިވާ ކަމަށާއި ޑަމްޕްޓްރަކް ގަތުމަށް ވެމްކޯ އާއި ކިއުބެކް އިންވެސްޓްމެންޓާ ދެމެދު އެކުލަވާލާފައިވާ ވެމްކޯގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ވެސް ޝިފާއު ކަމަަށް އޭސީސީ އިން ބުނެއެވެ. އަދި ޑަމްޕްޓްރަކަށްވާ ފައިސާ ހޯދުމަށް ކިއުބެކް އިންވެސްޓުމެންޓުން ހުށަހެޅި އިންވޮއިސްގައި ފުލް ޕޭމަންޓް ކިއުބެކް އިންވެސްޓްމެންޓަށް ދޫކުރުމަށް އަންގާ ޝިފާއު ސޮއިކޮށްފައިވާ ކަމަށާއި އެއީ އާ ޑަމްޕްޓްރަކެއް ނޫންކަން އެނގިހުރެ ގަސްދުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ޑަމްޕްޓްރަކްގެ ފައިސާ ކިއުބެކް އިންވެސްޓްމެންޓަށް ދޫކޮށްފައިވާ ކަމަށް ވެސް އޭސީސީ އިން ބުނެއެވެ.