ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަކުރުމުގެ ދައުވާގެ ޝަރީއަތުގެ ތިންވަނަ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހަށް ތާވަލު ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް، "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތުގައި ދެން ބާއްވާ އަޑުއެހުން ތަވާލުކޮށްފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އަށެވެ. އަދި މި ޝަރީއަތުގެ އަޑުއެހުން ވެސް ޓީވީތަކުން ލައިވް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ ކޮށްފައިވާ މަނީ ލޯންޑަރިންގެ މައްސަލާގައި މިހާތަނަށް ދެ އަޑުއެހުމެއް ވަނީ ބާއްވާފައެވެ. މި ދެ އަޑުއެހުން ވެސް ޓީވީއިން ލައިވް ކޮށްފައިވާއިރު، އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކިބަސް ވަނީ ނަގާފައެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މުއައްވިޒުގެ ހެކި ބަސް ނަގާފައިވީ ނަމަވެސް އަންނަ ބުރާސްފަތި ދުވަހު ބާއްވާ އަޑުއެހުމުގައި އޭނާ ޝަރީއަތަށް ހާޒިރު ކުރުމަށް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ނިންމާފައެވެ. އެއީ އެ މައްސަލާގައި އޭސީސީން ތައްޔާރުކޮށްފައިވާ ބަޔާނަކާ ގުޅޭ ގޮތުން ހެކި ބަސް ދިނުމަށެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އެ ބަޔާނާ ގުޅޭ ގޮތުން ސުވާލު ނުކުރެވުނީ ރައީސް ޔާމީނަށް އެ ބަޔާން ހަވާލު ކުރެވިފައި ނެތުމުންނެވެ.