ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލަވައިގެން އިންޑިއާއަށް އެތެރެވާން ދަތުރުކުރެއްވި ޓަގް ބޯޓުގެ ކެޕްޓަން ފުރުން މަނާކޮށްފިއެވެ.

އިންޑިއާ ކައިރިން އަދީބު ހުންނަވަނިކޮށް މި މަހުގެ އެއްވަނަ ދުވަހު އިންޑިއާ ސިފައިން ހިފަހެއްޓީ "ވާގޯ 9" ނަމަކަށް ކުޔާ ޓަގް ބޯޓެކެވެ. އަދީބު އިންޑިއާއަށް އެެތެރެވާން މަސައްކަތް ކުރެއްވީ އެ ބޯޓުގެ ފަޅުވެރިއަކަށް ވެވަޑައިގެންނެވެ. މި މައްސަލައިގައި ފުލުހުން ވަނީ އެ ބޯޓާ ގުޅޭ މައްސަލައެއް ތަހުގީގު ކުރުމަށް ބޯޓު ރާއްޖެ އައުމުން ހިފަހައްޓައިފަ އެވެ.

ފުލުހުން ބުނީ ޓަގް ބޯޓާ ގުޅޭ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށާއި، އެހެންކަމުން، އެ ބޯޓުގެ ކެޕްޓަން ރާއްޖެއިން ފުރުން މަނާކޮށްފައިވާ ކަމަށެވެ. ނަމަވެސް މައްސަަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

އަދީބު ފިއްލަވައިގެން އިންޑިއާއަށް އެތެރެވާން މަސައްކަތް ކުރެއްވީ އެމަނިކުފާނުގެ ޕާސްޕޯޓު ސުޕްރީމް ކޯޓުން ހިފަހައްޓާފައި ވަނިކޮށެވެ. އަދި އެމަނިކުފާނުގެ މައްޗަށް މީގެ ކުރިން ކުރި ޖަލު ހުކުމްތައް ކޯޓުތަކުން ބާތިލްކޮށް އޭނާ މިނިވަންވެފައި ވަނިކޮށެވެ.

އަދި އަދީބު މިހާރުވަނީ އަނބުރާ ރާއްޖެ ގެނެސް، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް ތަހުގީގަށް ބަންދުކޮށްފައެވެ. ނަމަވެސް، ޖަލު ގޮޅިއަށް ވެއްޓުމުގެ ސަބަބުން އެމަނިކުފާނަށް ގެންދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.