15 އަހަރުން ދަށުގެ ކުޑަކުދިންގެ މަައްޗަށް ދައުވާ ނުއުފުލޭ ގޮތަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު އަލުން އެކުލަވާލުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވައިފިއެވެ.

ރައީސް އޮފީހުން ބުނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނެއް އަލުން އެކުލަވާލަން ސަރުކާރުން ނިންމަވާފައި ވަނީ ގާނޫނު ނަންބަރު 91/9 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ގާނޫނު) ބައްޓަން ކުރެވިފައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާގައި ބަޔާން ކޮށްފައިވާ އެންމެހާ ހައްގުތައް އޭގެ އެންމެ ފުޅާމިނުގައި ލިބިދެވޭ ފަދަ ގޮތަކަށް ކަމުގައި ނުވާތީއެވެ. އަދި، އެ މުއާހަދާގައި ކުޑަކުދިންނަށް ކަށަވަރުކޮށްދޭ ހައްގުތައް، ދިވެހިރާއްޖޭގައި ތަންފީޒުކުރުމަށްޓަކައި ކުޑަކުދިންނަށް ލިބިދެވޭނެ ހައްގުތައް އަލަށް ހުށަހެޅި ބިލުގައި ހިމަނާފައިވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެގޮތުން ބިލުގައި ކަނޑައަޅާފައިވާ ކުޑަކުދިންނަށް ލިބިދޭ ހަގުތަކުގެ ތެރޭގައި؛

  • ތަފާތުނުކުރުން
  • ދިރިހުރުމާއި ހެދިބޮޑުވުމުގެ ހައްގު
  • ކުއްޖާގެ މަސްލަހަތަށް އިސްކަންދިނުން
  • އަޅާލުމާއި ހިމާޔަތް ލިބުން
  • އަނިޔާކުރުމާއި ގޯނާކުރުމާއި އަޅާނުލުމުން ރައްކާތެރިކަން ލިބުން
  • މައިންބަފައިން އެނގުމާއި އެމީހުންގެ އަޅާލުން ލިބުމުގެ ހައްގު
  • ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހާއްސަ އަޅާލުމާއި ރައްކާތެރިކަން ލިބުމުގެ ހައްގު
  • ދުޅަހެޔޮ ސިއްހަތާއި ސިއްހީ ފަރުވާ ލިބުމުގެ ހައްގު
  • އުނގެނުމުގެ ހައްގު
  • ރަހުމްކުޑަ ލާއިންސާނީ އަދަބު ނުދިނުން
  • އަނިޔާއިން ރައްކާތެރިވުން
  • ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު އާންމުނުކުރުމުގެ ހައްގެވެ.
"މި ބިލު ގާނޫނަކަށް ވުމުން، އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންގެ ކައިވެނި މި ގާނޫނުން މަނާކުރެއެވެ. އަދި، ކުޑަކުދިންނަކީ، ބޮޑެތި މީހުންނާ އެއް މިންވަރަކަށް ހެދިބޮޑުވެ، ތަސައްރުފު ފުދިފައިވާ ބައެއް ކަމުގައިނުވާތީ، އެއްވެސް ކުއްޖަކަށް، މަރުގެ އަދަބު ދިނުން، މި ބިލުން މަނާކޮށް، ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ، 15 އަހަރު ފުރުމުން ކަމުގައި ކަނޑައެޅިފައިވެއެވެ،"
ރައީސް އޮފީސް

މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، އުމުރުން 15 އަހަރުން ދަށުގެ ކުޑަކުދިންގެ މައްޗަށް އެއްވެސް ކުށެއްގެ ޖިނާއީ ދައުވާއެއް ނުއުފުލޭނެ ކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އޭގެ ބަދަލުގައި، 15 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން، ކުށްކުރުމާ ދުރުހެލިކޮށް، އެކުދިންނަށް ބޭނުންވާ ފަރުވާދީ، އެކުދިން ރީހެބިލިޓޭޓް ކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅު އެޅޭނެ ނިޒާމެއް ހަމަޖެއްސުމަށް ބިލުގައި ލާޒިމުކޮށްފައިވެއެވެ.

އަދި މި ބިލުގެ ދަށުން ކުޑަކުދިންނާބެހޭ ސިޔާސަތުތައް ކަނޑައެޅުމުގައާއި، މިނިސްޓަރަށް ލަފާދޭ ފަރާތެއްގެ ގޮތުގައި، އުފައްދާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ކައުންސިލެއް އުފެއްދުމަށް މި ބިލުގައި ހިމަނާފައިވެއެވެ. އަދި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި މައިގަނޑު މަސްއޫލިއްޔަތު އަދާކުރަން މިނިސްޓަރުގެ ލަފާގެ މަތިން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއެއް އުފައްދައި، އެ ސާވިސްގެ ޒިންމާތައް މި ބިލުގައި ކަނޑައަޅާފައިވެއެވެ.

މި ބިލުގެ ދަށުން ދައުލަތުން ވަގުތީ ގޮތުން ހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ ކުދިންނަށް ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޯލްޓަނޭޓިވް ކެއާގެ ހިދުމަތް ފޯރުކޮށްދޭނެ ރެސިޑެންޝަލް ފެސިލިޓީތަކެއް އެކަށީގެންވާ އަދަދަކަށް ގާއިމްކުރަންވާނެކަމަށާއި، އެތަންތަނުގައި ބައިތިއްބަންޖެހޭ ފަރާތްތަކަކީ ކޮބައިކަން ކަނޑައަޅާފައިވެއެވެ.

މީގެއިތުރުންވެސް ގާނޫނު ތަންފީޒުކުރެވޭ މިންވަރު ބަލައި މޮނިޓަރކުރުމަށްޓަކައި، މިނިވަން މުސްތަގިއްލު ޗިލްޑްރަންސް އޮމްބަޑްސްމަނެއް އަައްޔަންކުރަންވާނެ ކަމަށް ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ. ޗިލްރަންސް އޮމްބަޑްސްމަންގެ އޮފީހަކީ، ހިއުމަން ރައިޓްސް ކޮމިޝަންގައި ގާއިމުކުރެވޭ އިދާރާއެކެވެ.