ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެއިރު އިދިކޮޅުގައި ތިއްބެވި ލީޑަރުންނަށް ރައީސްކަމަށް ކުރިމަތި ނުލެވޭ ގޮތަށް، ނިމިގެން ދިޔަ މަޖިލީހުން ފާސްކުރި އިސްލާހު ބާތިލް ކުރަން މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައީސް އޮފީހުން ބުނީ ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހުގެނައުމަށް ހުށަހަޅާފައިވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާނަމަ، ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ހޯދާފައިވާނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ އެމީހަކު ބޭރު ރައްޔިތުކަން ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލިތާ މަދުވެގެން 10 އަހަރު ފަހުން ކަމަށް އޮތް ބައި އުނިކޮށް އެ ގާނޫނު އިސްލާހުކުރުމަށެވެ.

މިއާއެކު ކުރީގެ ރައީސް މުހައްމަދު ނަޝީދާ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް ރައީސްކަމަށް ކުރިމަތިލުމުގެ ޝަރުތު ހަމަވާނެއެވެ.

ކުރީގެ ރައީސް ޔާމީނަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބިވަޑައިގެންފައި އޮތް އިރު، އޭރު ގާނޫނަށް ބަދަލު ގެނައީ ބޭރު ގައުމަކުން ހިމާޔަތް ހޯދައިގެން އުޅޭ މީހަކު، ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބެއްގައި ވާދަކުރެވޭނީ، އެ ގައުމެއްގެ ހިމާޔަތް ދޫކޮށްލާތާ 10 އަހަރު ފަހުން ކަމަށް ބަދަލުގެނެސްފައެވެ.

ޕީޕީއެމްގެ މެޖޯރިޓީ މަޖިލީހުގައި އޮވެގެން ގާނޫނަށް އިސްލާހު ގެނެސް ފާސްކުރީ އެއިރުގެ ގިނަ އިދިކޮޅު ލީޑަރުން އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން ތިއްބަވަނިކޮށެވެ. މި އިސްލާހުގެ ސަބަބުން ޕްރޮފެސަރު ހަސަން އުގެއިލްއަށް ވެސް ރައީސްކަމަށް ކުރިމަތި ނުލެއްވެއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ވަކި މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ބަދަލުކޮށް ނުވަތަ ފާސްކޮށްފައިވާ ގާނޫނުތަކާއި ގަވާއިދުތައް މުރާޖައާކުރުމަކީ މިސަރުކާރުގެ ވައުދެެއް ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނެސް ބައެއް ފަރާތްތަކަށް ރައީސްކަމަށް ކުރިމަތި ނުލެވުމަކީ އެފަދަ ކަމެއް ކަަމަށް ރައީސް އޮފީހުން ބުނެއެވެ.

ރިޔާސީ އިންތިހާބުގެ ގާނޫނަށް ބަދަލު ގެނެއީ، އެއިރުގެ އިދިކޮޅު ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދް ކުރިމަތިލައްވާފައިވަނިކޮށެވެ. އަދި މިއީ ސީދާ އެމަނިކުފާނަށް އަމާޒުކޮށް ގެނައި އިސްލާހެއްކަމަށް އެއިރު އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރައީސްކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތާ ބެހޭ ގާނޫނަށް ވެސް ސަރުކާރުން ވަނީ އިސްލާހު ހުށައަޅާފައެވެ.

މިހާރު އޮންނަ ގޮތުން އެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ރައީސްކަން ކޮށްފައިވާ މީހަކު އެ މަގާމުގައި ހުރި އިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ ނަމަ، އޭނާ އާއި އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ގާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި އިނާޔަތް ނުލިބެއެވެ.

ނަމަވެސް މަޖިލީހަށް ފޮނުވި ރައީސްކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތާބެހޭ ގާނޫނަށް ހުށައަޅާފައިވާ އިސްލާހަކީ، އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރައީސްކަން ކޮށްފައިވާ މީހަކު، އެ މަގާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާނަމަ، އޭނާއާ އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ގާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި އިނާޔަތް ނުލިބޭގޮތަށް އޮތް އޮތުން އިސްލާހުކުރުމަށް ހުށަހަޅާ އިސްލާހެކެވެ.

ސަރުކާރުން ހުށައަޅާފައިވާގޮތަށް އިސްލާހު ވެގެން ދިއުމުން، ރައީސްކަން ކޮށްފައިވާ މީހާއާއި، އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ގާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި އިނާޔަތް ނުލިބޭ ގޮތަށް ހަމަޖެހޭނީ، އެ ޤާނޫނު ވުޖޫދަށް އައުމަށްފަހު ރައީސްކަން ކޮށްފައިވާ މީހަކު، އެ މަގާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވުމުންނެވެ.