އެއްވެ އުޅުން ހަކިކުރުމަށް މިދިޔަ ސަރުކާރުން ގާނޫނަށް ގެނައި އިސްލާހު ބާތިލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި އިސްލާހު ބާތިލު ކުރަން މަޖިލީހަށް ހުށަހެޅީ ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ނިމިގެން ދިޔަ މަޖިލީހުން އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނެސްފައި ވަނިކޮށެވެ. މި އިސްލާހަށް ފަހު، މާލޭގައި ހުއްދަ ނުހޯދާ މުޒާހަރާ ކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް އޮތީ ކަނޑައަޅާފައެވެ.

ރައީސް އޮފީހުން ބުނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަން ކަމުގެ ގާނޫނަށް އިސްލާހު ހުށަހަޅަނީ، އެއްވެއުޅުމުގެ މިނިވަންކަން ހަނިކޮށް، އެއްވެއުޅެވޭނެ ސަރަހައްދުތަކެއް ކަނޑައެޅުމަށް ވަރަށް ފުޅާ ދާއިރާއެއްގެ އިހްތިޔާރުތަކެއް ސަރުކާރަށް ލިބިދިނުމަށް ކަމަށެވެ. އަދި އެވަގުތު އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ހަރަކާތްތައް ހުއްޓުވުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއިން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި އާންމުކޮށް އިއުލާނު ކޮށްފައިވާ ތަންތަނުގައި އެކަނިކަމަށް ކަނޑައަޅާފައި ވާ ބައި އުނިކޮށް، ސުލްހަވެރި ކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު އިސްލާހުކުރުމަށް ކަމަށެވެ.

ރައީސް އޮފީހުން ބުނީ ވަކި މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ބަދަލުކޮށް ނުވަތަ ފާސްކޮށްފައިވާ ގާނޫނުތަކާއި ގަވާއިދުތައް މުރާޖައާކުރުމަކީ މިސަރުކާރުގެ ވައުދެއް ކަމަށެވެ.