ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ، އުމުރުން 15 އަހަރު ކަމުގައި ކަނޑައަޅާ ކުކުދިންގެ އަދުލުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަަށް ސަރުކާރުން ފޮނުވައިފިއެވެ.

މިހާރު އަމަލުކުރާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހަދާފައި އޮންނަ ގަވާއިދު ބުނާގޮތުން އުމުރުން 10 އަހަރު ވެފައިވާ ކުދިން އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައި ވާ ކުށްތަކާއި މަރުގެ ހުރިހާ ބާވަތެއްގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭނެ އެވެ. އަދި 15 އަހަރު ވުމަށް ފަހު ހުރިހާ ޖިނާއީ ކުށްތަކެއްގެ މަސްއޫލިއްޔަތު އުފުލަން ޖެހެއެވެ.

ރައީސް އޮފީހުން ބުނީ ކުޑަކުދިންގެ އަދުލުގެ ބިލެއް ސަރުކާރުން ހުށަހެޅީ، ކުޑަކުދިންނަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން ހާއްސަ އެހީތެރިކަމަކާއި ރައްކާތެރިކަން ލިބުން ހައްގު ބަޔަކަށް ވާއިރު، ކުޑަކުދިންގެ މައްޗަށް ގާނޫނު ހިންގައި ތަންފީޒު ކުރުމުގައި ގެންގުޅެން ޖެހޭނެ ހާއްސަ އުސޫލުތަކާއި ފިޔަވަޅުތައް ކަނޑައަޅައި ބަޔާންކޮށް، މި ކަންކަމުގެ މައްޗަށް އެކުލެވިގެންވާ ހާއްސަ ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ގާއިމު ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ސަރުކާރަށް ފެންނާތީ ކަމަށެވެ.

މި ބިލު ގާނޫނަކަށް ވުމުން، ބޮޑެތި މީހުންގެ މައްޗަށް ހިންގާ އާންމު ޖިނާއީ އަދުލުގެ ނިޒާމާއި މުޅިން ވަކިކުރެވިފައިވާ ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ގާއިމު ކުރެވިގެން ދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި، ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ބަލަން ހާއްސަ ތަމްރީނު ލިބިފައިވާ ފަނޑިޔާރުން ތިބޭ ޖުވެނައިލް ކޯޓެއް ކަނޑައެޅި މާލޭގައި މިހާރު ގާއިމު ކޮށްފައި ވާ ޖުވެނައިލް ކޯޓުގެ އިތުރުން، އެ ކޯޓުގެ ސަރަހައްދީ ޑިވިޝަންތައް ގާއިމު ކުރެވިގެން ދާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

"މި ބިލު ފާސްވެ ގާނޫނަކަށް ވެއްޖެނަމަ ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ، އުމުރުން 15 އަހަރު ކަމުގައި ކަނޑައެޅޭނެއެވެ. ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު ބިލުގައި ކަނޑައަޅާފައިވަނީ، އިސްލާމީ ގައުމުތަކުގައި ކަނޑައަޅާފައިވާ އުމުރަށް ރިއާޔަތްކޮށްފައެވެ،"
ރައީސް އޮފީސް

މި ބިލުގެ ދަށުން، ދާހިލީ ކަންކަމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލު ކުރެވިފައި ވާ މިނިސްޓްރީގެ ދަށުން ހިނގަމުން ދާނެ ސަރުކާރުގެ އިދާރާއެއް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ނަމުގައި އުފައްދައި، އެ ޑިޕާޓްމަންޓުގެ މަސްއޫލިއްޔަތުތައް ކަނޑައެޅިގެން ދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން، މި ބިލު ގާނޫނަކަށް ވެ އަމަލުކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިން ބަންދުކުރާ މަރުކަޒުތައް ސަރުކާރުން ހެދުމަށް މި ބިލުގައި ލާޒިމު ކުރެއެވެ.