މުސްތަގިއްލު ބައެއް ކޮމިޝަންތަކާއި މުސްތަގިއްލު ބައެއް މަގާމުތަކާއި ބައެއް މަގާމުތަކާ ގުޅުންހުރި ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ބިލުތައް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ފޮނުވައިފިއެވެ.

އިސްލާހު ހުށަހަޅި ގާނޫނުތަކަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނާއި އޮޑިޓް ގާނޫނާއި ދިވެހި ސިވިލް ސާވިސްގެ ގާނޫނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނަށެވެ.

ސަރުކާރުން މި ބިލުތައް ހުށަހަޅަނީ ގާނޫނުއަސާސީގެ ދަށުން ގާއިމު ކޮށްފައިވާ މުސްތަގިއްލު ކޮމިޝަންތަކާއި މުސްތަގިއްލު މަގާމްތައް އަދާކުރައްވާ ފަރާތްތަކާ ގާނޫނު އަސާސީންނާއި ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރަނީ ތައައްސުބުން އެއްކިބާވެ، މިނިވަންކަމާ އެކުގައިކަން ކަށަވަރު ކުރުމަށްޓަކައެވެ.

މި ގާނޫނުތަކަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ގާނޫނު އަސާސީންނާއި ގާނޫނުން މިފަދަ މުސްތަގިއްލު ކޮމިޝަންތަކާއި މުސްތަގިއްލު މަގާމުތައް އަދާކުރައްވާ ފަރާތްތަކަށް، މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް، ތައައްސުބުން އެއްކިބާވެ، މިނިވަންކަމާ އެކުގައި އަދާކުރުމަށް ލާޒިމު ކުރުމާއި، ކޮމިޝަންތަކުގެ މުވައްޒަފުން ވެސް މިފަދަ އުސޫލުތައް ހިފެހެއްޓުމަށް ބާރުއަޅާ އިސްލާހުތައް ހިމެނެއެވެ.

މުސްތަގިއްލު މަގާމިތައް އަދާކުރައްވާ ފަރާތްތަކަކީ، ކޮރަޕްޝަންގެ ނުފޫޒުން އެއްކިބާވެ މަސައްކަތްކުރާ ފަރާތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި މި ފަރާތްތަކާއި މި ފަރާތްތަކުގެ އާއިލާގެ މެންބަރުންގެ މާލީ ބަޔާން ހާމަކުރުން ލާޒިމުކުރުމާއި، އެފަރާތްތަކަކީ އެއްވެސް ފަރާތަކަށް ނުހައްގު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައި ނުވަތަ ވަކި ފަރާތަކަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައި އަމަލުކުރާ ބަޔަކަށް ނުވާނެކަން ކަށަވަރުވާނެ ގޮތަށް ގާނޫނު އިސްލާހުކުރުން ވެސް މީގެތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން މިނިވަން ކޮމިޝަންތަކުގައި ތިއްބަވާ ފަރާތްތަކަކީ އަމިއްލަ ވިޔަފާރި ކޮށް ނުވަތަ މަސްލަހަތު ފުށޫ އަރާފަދަ އެހެނިހެން މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަކަށް ވެގެން ނުވާނެ ކަމަށް ގާނޫނުގައި ބަޔާން ކުރުމާއި މުސްތަގިއްލު މަގާމްތައް އަދާކުރައްވާ ފަރާތްތަކާއި، މުސްތަގިއްލު ކޮމިޝަންތަކުގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑުތަކެއް ގާނޫނުގައި ކަނޑައަޅައި، އެ މިންގަނޑުތައް ހިފެހެއްޓުމަށް ލާޒިމުކުރުން ހިމެނެއެވެ. އަދި އެ މިންގަނޑުތަކާއި ހިލާފު ވުމުން އެޅޭނެ ފިޔަވަޅުތައް ސާފުކޮށް ބަޔާން ކުރުން ވެސް މި ގާނޫނުތަކަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި ކޮމިޝަންތަކުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން، އެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، ޖަވާބުދާރީވެ، އެމީހުންގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ޒިންމާ އުފުލަންޖެހުމާއި އަދި ކޮމިޝަން ހިނގަމުންދާ ގޮތާ ގުޅޭގޮތުން، ނުވަތަ ކޮމިޝަނުން ކުރަމުންދާ ކަމަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުން ހޯދައި ބަލަންޖެހޭ ކޮންމެ ކަމެއްގައި، އީޖާބީ ގޮތެއްގައި އެއްބާރުލުން ދޭންވާނެ ކަމަށް ބަޔާންކުރުން ވެސް މި އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.