1440 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރި ޙައްޖުވެރިންގެ މެދުގައި ބޮޑު ބަލިމަޑުކަމެއް ފެތުރަނަ ނުދީ، ފުރާނައަށް ނުރައްކާވާ ޒާތުގެ ސިއްހީ ކާރިސާއަކާ ނުލާ، މިއަހަރުގެ ޙައްޖުގެ އަޅުކަން ކުރިއަށް ގެންގޮސް ނިންމާލުމުގައި ސައުދީ އަރަބިއްޔާގެ ސަރުކާރާ ސިއްހަތާ ބެހޭ ވުޒާރާއިން ކުރި މަސައްކަތަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން މަރުޙަބާ ކިޔައިފިއެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުން 2.5 މިލިއަނެއްހާ މުސްލިމުން މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރިއިރު އެމީހުންގެ ހިދުމަތުގައި ހަރަކާތްތެރިވި ސިއްހީ އޮފިޝަލުންނާ، އެހީތެރިންގެ މަސައްކަތްތައް ފާހަގަކޮށް، ޑަބްލިއު.އެޗް.އޯއިންވަނީ އެ ފަރާތްތަކުގެ އަގު ވަޒަންކޮށްފައެވެ.
ޙައްޖު މޫސުމާ ދިމާކޮށް ބޮޑު ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރައްޓަކާ، ޑަބްލިއު.އެޗް.އޯގެ ހާއްސަ ޓީމެއްވެސް ސައުދީގެ ކަމާބެހޭ ފަރާތްތަކާ އެކުގައިވަނީ ހަރަކާތްތެރިވެފައެވެ.
މިއަހަރުގެ ޙައްޖު މޫސުމާ ކުރިމަތިވިއިރު، ދުނިޔޭގެ އެކި ހިސާބުތަކުގައި ތަފާތު އެކި ކަހަލަ ބަލިތައް ދިޔައީ ފެތުރެމުންނެވެ. ނަމަވެއް ޙައްޖުގެ އަޅުކަމާ ދިމާކޮށް، ޙައްޖުވެރިންގެ މެދުގައި އެފަދަ ބޮޑު ބަލިމަޑުކަމެއް ފެތުރިފައެއް ނުވެއެވެ.