ކަޝްމީރުގެ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންކަމަށް ހުއްޓިފައިވާ ބައިނަލްއަގުވާމީ ސަމާލުކަން އެހެން މިސްރާބަކަށް ބަދަލުކުރުމުގެ ގަސްތުގައި އިންޑިއާއިން އަޅާ ކަސިޔާރު ކޮންމެ ފިޔަވަޅަކަށް، ވަރުގަދަ ރައްދެއް ދިނުމަށް ޕާކިސްތާނުގެ އަސްކަރިއްޔާއާ މުޅި ގައުމު އޮތީ ތައްޔާރީ ހާލަތުގައި ކަމަށް ވިދާޅުވެ، ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަޙްމޫދު ގުރައިޝީ، އިންޒާރުގެ މެސެޖެއް ދެއްވައިފިއެވެ.

މިފަދަ މޭރުމަކުން ގުރައިޝީ އިންޒާރުގެ މެސެޖެއް ދެއްވާފައިވަނީ، ކަޝްމީރުގެ މައްސަލަ ބެލުމަށް ޕާކިސްތާނުން އެކުލަވާލާފައިވާ ހާއްސަ ކޮމިޓީއާއިއެކު ކުރިއަށް ގެންދެވި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް ފަހު، ޕާކިސްތާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު މޭޖާ ޖެނެރަލް އާސިފް ޣަފޫރާއެކު ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ކޮމިޓީގެ ބައްދަލުވުމާ ބެހޭ ގޮތުން ގުރައިޝީ ވިދާޅުވީ، ކަޝްމީރުގެ މައްސަލައާއި ކަޝްމީރުގެ ކުރިމަގާ ގުޅޭ ކަންކަން ގާތުން ބެލުމަށް ހާއްސަ ޔުނިޓެއް، ޕާކިސްތާނުގެ ހާރިޖިއްޔާގައި އެކުލަވާލުމަށް ނިންމާފައިވާކަމަށެވެ. މީގެ އިތުރުން ދުނިޔޭގެ ހުރިހާ ހިސާބެއްގައި ހުންނަ ޕާކިސްތާނުގެ އެމްބަސީތަކުގައި "ކަޝްމީރު ޑެސްކް" ގާއިމުކުރުމަށް ނިންމާފައިވާކަންވެސް ގުރައިޝީ ވަނީ އިއުލާންކުރައްވާފައެވެ.

ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅިއަށް ލިބިދީފައި އޮތް މިނިވަންކަމާ އިސްތިގުލާލު ގެއްލިދާ ގޮތަށް އިންޑިއާގެ ގާނޫނު އަސާސީއިން މާއްދާ 370 އުވާލުމާ ގުޅޭ ގޮތުން ގުރައިޝީ ވިދާޅުވީ، އެއީ ޕާކިސްތާނާ ބެހޭ ކަމެއް ނޫންކަމަށާ، ޕާކިސްތާނުގެ ކަންބޮޑުވުން ގުޅިފައިވަނީ، ކަޝްމީރުގެ އާބާދީއަށް އަންނާނެ ބަދަލުތަކާ، ރައްޔިތުންގެ ހައްގުތަކަށް ލިބިދާނެ އުނިކަމެއްގެ މައްޗަށް ކަމަށެވެ.

ކަޝްމީރަކީ އިންޑިއާގެ ހުރިހާ ސްޓޭޓްތަކެއްގެ ތެރެއިން މުސްލިމުންނަށް މެޖޯރިޓީ އޮންނަ ހަމައެކަނި ސަރަހައްދު ކަމަށްވާއިރު، ގާނޫނަށް ގެނައި ބަދަލާއެކު މިކަން ބަދަލުވެގެން ދިއުމުގެ ފުރުސަތު ބޮޑެވެ.