މަސްރަހު ހޫނުވެފައިވާ ކަޝްމީރުގެ މައްސަލާގައި އިންޑިއާއާއި ޕާކިސްތާނުންވެސް ހަމަލާ ބަދަލުކުރުމާ ދުރުގައި ތިބެން ޖެހޭކަމަށް އދގެ ސަލާމަތީ މަޖިލީހުގެ މެމްބަރު ގައުމުތަކުން އިއްތިފާގު ވާކަމަށް، ޗައިނާއިން އދއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޝާންގް ޖުން ވިދާޅުވެއްޖެއެވެ.

ބައިގަރުނަށްފަހު ކަޝްމީރާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އދގެ ސަލާމަތީ މަޖިލީހުގައި 90 މިނެޓެއްހާއިރަށް ކުރިއަށް ގެންދިޔަ ބައްދަލުވުމާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން، މި ބައްދަލުވުމަށް އެދި ހުށަހެޅި ޗައިނާގެ މަންދޫބު ވިދާޅުވީ، ކަޝްމީރުގެ މަސްރަހު މިހާރު އިންތިހާއަށް ނުތަނަވަސްވެ، ނުރައްކާ ވެފައި ވާކަމަށެވެ. އަދި ކަޝްމީރުގެ މައްސަލަ އިތުރަށް، ގޯހުން ގޯހަށް ހިނގައިދާނެ ކަމުގެ ބިރުވެރިކަން އެބައޮތްކަމަށް މެމްބަރު ގައުމުތަކުން ގަބޫލުކުރާކަންވެސް ޗައިނާގެ މަންދޫބު ވަނީ ފާހަގަކުރައްވާފައެވެ.

ޗައިނާގެ ވާހަކަތައް މިފަދަ ގޮތަކަށް ހުރިއިރު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް ވަނީ މިފަދަ ވާހަކަތަކެއް ތަކުރާރުކުރައްވާފައެވެ. އެގޮތުން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންއަށް ޓްރަމްޕް ފޯނުން ގުޅުއްވާ، ޖައްމުއާއި ކަޝްމީރު މައްސަލާގައި އިންޑިއާއާއި ޕާކިސްތާނުންވެސް ނުތަނަވަސްކަން ކުޑަކޮށް، ދޭދޭ ގައުމުގެ މެދުގައި މަޝްވަރާކޮށްގެން ހައްލު ހޯދުމަށް ބާރު އަޅުއްވާފައިވާކަމަށް ވައިޓްހައުސްއިން އާންމުކުރި ބަޔާނެއްގައި ވަނީ ފާހަގަކޮށްފައެވެ.

15 މެމްބަރުންގެ މައްޗަށް އެކުލެވޭ އދގެ ސަލާމަތީ މަޖިލީހަށް ކަޝްމީރުގެ މައްސަލައާއި ބެހޭ ގޮތުން ބަޔާން ތަފްސީލުކޮށްދެއްވީ، ސުލްހަގާއިމުކުރުމަށް އެއްބާރުލުން ދެއްވުމާބެހެ އދގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އޮސްކާ ފެރްނާންދޭޒް ތަރަންކޯއާއި ސުލްހަބަލަހައްޓާ މިޝަންތަކުގެ އޮޕަރޭޝަންތަކާ ގުޅިގެން އދއަށް އަސްކަރީ ލަފާ އަރުވާ މުޝީރު ކާރްލޯސް ހަމްބާރްތޯ ލޮއިތޭއެވެ.