ރާއްޖޭގެ އުތުރުގެ އަތޮޅެއްގައި 10 އަހަރުން ދަށުުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ފުލުހުން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދޭ ގޮތުގައި މި މަހުގެ 15 ވަނަ ދުވަހުގެ 13:30 ހާއިރު، 10 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލާއާއި ގުޅިގެން މިއަދު 29 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާއަށް ކޯޓުން 15 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައި ވާކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ކުޑަ ކުދިންނަށްކުރާ އަނިޔާއަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ މައްސަލައެއް ކަމަށާއި، އެހެންކަމުން އަނިޔާ ލިބޭ ފަރާތްތަކުގެ އައިޑެންޓިޓީ ރައްކާތެރި ކުރުމަށްޓަކައި، އެ ކުއްޖާގެ އަތޮޅާއި، ރަށް ހާމަކުރެވެން ނެތް ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.