އިންޑިއާއާއި ޕާކިސްތާނުން އެ ސްޓޭޓެއްގެ ފުރިހަމަ މިލްކުވެރިކަމަށް ދައުވާ ކުރަމުންދާ ޖައްމު އާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގެ ހުރިހާ ކަމެންހެން ހުއްޓިފައި އޮންނަތާ 2 ހަފުތާއެއްހާ ދުވަސްފަހުން، އެ ސްޓޭޓްގައި ހިންގަމުންދިޔަ ސަރުކާރުގެ އިދާރާތަކާ މަރުކަޒުތަކުގެ ހިންގުން މިއަދު އެއްކޮށް ފަށާފައިވާކަމަށް ޖައްމު އާއި ކަޝްމީރު ސްޓޭޓްގެ ޗީފް ސެކްރެޓަރީ ބީވީއާރް ސުބްރަމާނިޔަމް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗީފް ސެކްރެޓަރީ ވަނީ، ޖައްމު އާއި ކަޝްމީރަށް ލިބިދީފައި އޮތް ސްޓޭޓެއްގެ ދަރަޖަ ބާތިލުކުރުމަށް އިންޑިއާގެ މައި ސަރުކާރުން ނިންމާފައިވާ ނިންމުމާ ގުޅިގެން، ޖައްމު އާއި ކަޝްމީރުގައި މިވަގުތު އެ ސަރަހައްދުގައި ތަންފީޒުކުރަމުންދާ ހަރުކަށި ބައެއް ފިޔަވަޅުތަކަށް ލުއިދެމުންދާނެ ގޮތުގެ ތަފްސީލުވެސް ހާމަކުރައްވާފައެވެ.

އަންނަ ހަފުތާއިން ފެށިގެން ސްކޫލްތަކުގެ ކިޔެވުންވެސް ދާއިރާތަކަށް ބަހާލެވިގެން ފެށިގެންދާއިރު، މެދުކަނޑާލާފައިވާ މުވާސަލާތީ ހިދުމަތްތައްވެސް ފޭސްތަކަކަށް ބަހާލައިގެން ދޭން ފަށާނެ ކަމަށް ޗީފް ސެކްރެޓަރީ ވަނީ ވިދާޅުވެފައެވެ. މިއަދުން ފެށިގެން ސަރުކާރުގެ ހުރިހާ އޮފީހެއް ހިންގަން ފަށާފައިވާއިރު، ހުކުރު ނަމާދަށްފަހު ގިނަ ކަންތައްތަކެއްގައި ދުލާ، ލުއި ދިނުމަށް ހަމަޖެހިފައިވާކަން ޗީފް ސެކްރެޓަރީ ވަނީ ފާހަގަކުރައްވާފައެވެ.

ބަންދުކޮށްފައިވާ ކަޝްމީރުގެ ލީޑަރުންގެ މައްސަލައަށް އިޝާރާތް ކުރައްވަމުން ޗީފް ސެކްރެޓަރީ ވިދާޅުވީ، ގާނޫނީ އިމުގެ ތެރެއިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެ ބޭފުޅުންވެސް މިނިވަންކުރެވިގެންދާނެކަމަށެވެ.

މީޑިއާގެ މަސައްކަތްތައްވެސް ފާޅުގައި ހިންގުން ހުއްޓާލާފައި އޮތުމަށްފަހު ބައެއް ސަރަހައްދުތަކުން މިމަސައްކަތް ފަށާފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގެ މައި ސްޓޭޓްގެ ގޮތުގައި ބަލަމުން އަންނަ ސްރީނަގަރުގައި އަދިވެސް ހުރަސްތަކެއް ހުރިކަމަށް ޚަބަރު ލިބެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ، މީޑިއާއަށް ހުރަސް އަޅާ މައްސަލައިގެ އިތުރުން ކަޝްމީރުގެ ފަހުގެ ހާލަތާ ގުޅިގެން ހުށަހަޅާފައިވާ އިތުރު މައްސަލަތަކެއްވެސް އެ ކޯޓަށް ބަލައިގަންނާނެ ކަން ހާމަކޮށްފައެވެ. ނަމަވެސް އެ މައްސަލަތައް ތާވަލުކުރި ދުވަހެއްގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.