އދގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސޫރިޔާގެ ދާހިލީ ހަނގުރާމައިގެ ސަބަބުން 2 އަހަރެއްހާ ދުވަހުގެ ތެރޭގައި 6.5 މިލިއަން ރެފިއުޖީން އެގައުމުގެ ތެރޭގައި އުފެދުނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 4 މިލިއަނެއްހާ އިރާގީ ރެފިއުޖީން އެބައުޅެއެވެ. ނައިޖިރިއާއަށް ބަލާއިރު 2 ލައްކާއެއްހާ މީހުން އަމިއްލަ ވަޒަނުގައި ދިރިއުޅެމުންދަނީ ގެދޮރު ނެތް މީހުންގެ ގޮތުގައެވެ. މި ދަންނަވާލެވުނީ މިފާއިތުވެގެންދިޔަ 5 ވަރަކަށް އަހަރުގެ ތަފާސް ހިސާބުތަކެކެވެ.

މީލާދީން 1947 ވަނަ އަހަރަށް ނަޒަރު ހިންގާލަމާ ހިނގާށެވެ. އޭރުގެ އިންޑިއަން ސަބްކޮންޓިނެންޓްގެ ގޮތުގައި އޮތް ސަރަހައްދުން 10 މިލިއަން ރެފިއުޖީން އުފެދުނެވެ. އެއީ ހަމަ އެއަހަރުގެ އޯގަސްޓް މަހުގެ 14 ވަނަ ދުވަހާ 15 ވަނަ ދުވަހެވެ. އިނގިރޭސިންގެ 200 އަހަރުވީ އިސްތިއުމާރީ ބާރު ނިމުމަކަށް ގެނެސް، 'ގޭމުގައި' ހިމެނުނު 3 ބައި މީހުންގެ މެދުގައި ވަރުގަދަ ޕާޓިޝަންތަކެއް ޖެހުނެވެ. ދެދުވަސް ގުޅޭ މެންދަމު 00:00 ވީ އިރު، އަދުގެ ދުނިޔެ މި ދެކޭ އިންޑިއާއާއި ޕާކިސްތާނު އުފަންވެއްޖެއެވެ.

ބްރިޓިޝް އިންޑިއާ

ވަކިވެފައިވާ 2 ގައުމުގެ ގޮތުގައި އިންޑިއާއާއި ޕާކިސްތާނު އުފެދުމާ ހިސާބަށް އެތަނުގައި އޮތީ އިނގިރޭސި ރާޖުންގެ އިސްތިއުމާރީ ވެރިކަމެވެ. މީހުން ބައިބައިކޮށްގެން ވެރިކަން ހިންގުމުގައި ގަރުނަކަށް ވުރެ ގިނަ އަހަރުތަކެއް ފާއިތުވަންދެން އިނގިރޭސި ރާޖުން އިންޑިއާގެ ސަބްކޮންޓިނެންޓްގައި ވެރިކަން ހިންގަމުންދިޔައެވެ. އެއީ 1857 ވަނަ އަހަރުގެ އިންގިލާބީ ބަޢާވާތަށް ފަހުގައެވެ. އިނގިރޭސިންގެ ބާރުތަކުން އޭރު ދިޔައީ އިނޑިއާގެ އެކި ސަރަހައްދުތައް އެމީހުންގެ ބާރުގެ ދަށަށް ގެންދަމުންނެވެ. ބައެއް ސަރަހައްދުތަކަށް މިނިވަން ރަސްރަސްކަލުން ހަމަޖެއްސިއެވެ. އަނެއް ބައި ސަރަހައްދުތަކަށް މުގަލް ހާންދާނުގެ ރަސްރަސްކަލުންނެވެ. ކޮންމެ ގޮތަކުން ވިއަސް، އިންޑިއާގެ ސަބްކޮންޓިނެންޓް، އިނގިރޭސިންގެ މުށުތެރޭން ދެމި ނުގަނެވޭ ވަރުކޮށްލިއެވެ.

މައްސަލައިގެ ފެށުން އަންނަނީ 1905 ވަނަ އަހަރުއެވެ. ބައިބައިކޮށްގެން ވެރިކަން ހިންގުމަށް އިނގިރޭސިން ގެންގުޅުނު ސިޔާސަތު އަތަށް ގޮވީ މިހާތަނުގައެވެ. އެއީ ބަންގާޅު ބައި ކުރި ހިސާބުންނެވެ. މިކަން ކުރީ ވައިސްރޯއީ ކާޒޯންގެ ބެލުމުގެ ދަށުންނެވެ. ބައިމަދު މީސްކޮޅަކަށް ބާރު ދިނުމުގެ ނިޔަތުގައި ކުރި ކަމެކެވެ. ނަމަވެސް، ހިންދޫންނަށް މިކަން ސިފަވީ އެމީހުންނާ ދިމާލަށް ޖެހި ވަރުގަދަ އުންޑައެއްގެ ގޮތުގައެވެ. އޭރު ހިންދޫން އޮތީ އިންޑިއަން ނޭޝަނަލް ކޮންގްރެސްގެ ނަމުގައި 1885 ވަނަ އަހަރު ވަރުގަދަ ޖަމާއަތެއް ހަދާފައެވެ. ހިންދޫންގެ ނުފޫޒު ގަދަވަމުން ދިޔަ އެ ދަނޑިވަޅުގެ ފައިދާ ނަގާ، ހިންދޫންގެ ބާރު ގަދަވިޔަ ނުދިނުމަށްޓަކައި އޯލް އިންޑިއާ މުސްލިމް ލީގުގެ ނަމުގައި މުސްލިމުންގެ ޖަމާއަތެއް އުފެދުމަށް މާ ގިނަ ދުވަހެއް ނުނެގިއެވެ. އެއީ 1906 ވަނަ އަހަރެވެ.

އޭރު، އިންޑިއާގެ ވެރިކަން ކުރާނީ ކޮން ޖަމާއަތަކުން ކަން ކަނޑައެޅުމުގައި އޮތީ ބޮޑު ބަހުސެއް ފެށިފައެވެ.

ޕާކިސްތާނު

ޕާކިސްތާނުގެ ފެށުން އައީ ކާކާ ހިސާބުންތޯ ބަލާއިރު ތަފާތު ގޮތް ގޮތަށް ވާހަކަ ދެކެވެއެވެ. ތާރީހީ ބައެއް ލިޔުންތަކަށް ބަލާއިރު މިކަމުގެ މޭސްތިރިއަކީ ސައްޔިދު އަހުމަދު ހާންއެވެ. ދެގައުމުގެ ނަޒަރިއްޔާގެ ބާނީއަކީ މިއީ ކަމުގައި ބުނެވެއެވެ. ހިންދޫންނާ މުސްލިމުންނަށް ވަކި ދެ ގައުމު އުފައްދާ، މުގަލް ދަރިކޮޅުގެ ބާރުގެ ދަށުގައި މުސްލިމުންނަށް ވީ ފަޅި ކުރިއަރާ ދިއުމަށް މިއީ ކޮންމެހެން ބޭނުންކަމެއް ކަމަށް ބަޔާންކުރި މީހަކީވެސް މިއީ ކަމަށްވެއެވެ.

ޕާކިސްތާނުގެ އުފެދުމަށް ދެން އެންމެ ވަރުގަދަ ނުފޫޒެއް ފޯރުވިކަމަށް ބުނާ ދެވަނަ މީހަކީ ފަލްސަފާ އިލްމުވެރިއެއް ކަމަށްވާ އައްލާމާ މުޙައްމަދު އިގުބާލު ކަމަށްވެއެވެ. އޭނާއަކީ މުސްލިމު ލީގު އުފެއްދުމުގެ އިތުރުން، އިންޑިއާގެ ސަބްކޮންޓިނެންޓްގައި ދިރިއުޅެމުން ދިޔަ މުސްލިމުންގެ ހައްގުތަކަށް ހަރުއަޑުން ވަކާލާތު ކުރަމުން ދިޔަ، ނުފޫޒުގަދަ އެކްޓިވިސްޓެކޭވެސް ބުނެވިދާނެއެވެ.

ކަންމިހެން އޮތް ނަމަވެސް، އަދު މި ދެކޭ ޕާކިސްތާނުގެ ރަސްމީ ބާނީ އަކީ، ހިންދޫ މުސްލިމު އެމްބެސެޑަރެއްގެ ގޮތުގައި އިރެއްގައި މުހާތަބު ކުރެވިގެން ދިޔަ މުޙައްމަދު އަލީ ޖިނާހު ކަމަށް ތާރީހު ފޮތްތަކުގައި ލިޔެފައި ހުރެއެވެ. އޭނާއަކީ ލަންޑަންގައި ހުންނަ ލިންކަންސް އިން އިން ތަމްރީނު ހޯދައިގެން ހުރި ބަރިސްތާއެކެވެ. ނަމަވެސް، ޕާކިސްތާނުގެ ފެށުމާއެކު އެއީ "ގައުމުގެ ބައްޕަ" ކަމުގައި ގަބޫލުކުރަން ފެށިއެވެ.

ޖިނާހު އަކީ އޭރުވެސް އަމިއްލަ ވެރިކަމަކަށް ވަކާލާތު ކުރި ޝަހްސެކެވެ.

އިންޑިއާ

އިންޑިއާގެ މިނިވަންކަމުގެ ނަން ގުޅެނީ މަހާތަމާ ގާންދީއާ އެވެ. ދެކުނު އެފްރިކާގައި ގާނޫނީ ވަކީލުކަން ކުރުމަށްފަހު އަމިއްލަ ވަޒަނުގެ ދަށްފަންތީގެ މީހުން ހަމައަކަށް އެޅުވުމަށް ގާންދީ އިންޑިއާއަށް އެތެރެވީ 1915 ވަނަ އަހަރުއެވެ. އޭރުވެސް ގާންދީ ގެންދިޔައީ އިނގިރޭސިންނަށް ދައްކަމުންދިޔަ ނާއިންސާފު ޖިޒީ ހުއްޓުވާލުމަށް މުޒާހަރާތަކަށް ގޮވާލަމުން ކަމަށްވެއެވެ. ނަމަވެސް، ގާންދީގެ ސުލްހަވެރި މުޒާހަރާތަކަކީ، މިހާރުވެސް އެ މުޒާހަރާތަކެއްގެ މިސާލުން މިސާލުޖަހާ އުޅޭ މުޒާހަރާތަކެކެވެ.

ވަކިވެފައިވާ މިނިވަން ވެރިކަމަކަށް ޖިނާހު ގޮވާލަމުންދިޔަ ދުވަސްވަރު، ކޮންގްރެސްގެ ލީޑާޝިޕް ނެގީ ގާންދީއެވެ. އެއީ 1921 ވަނަ އަހަރެވެ. އޭރު އިންޑިއާގެ ސަބްކޮންޓިނެންޓްގައި ތިބި އިސްލާމުންނާ ހިންދޫންނާ އަދިވެސް އެނޫން ދީންތަކުގެ މީހުން ތަމްސީލުކުރަން ހަމަޖެހިފައި އޮތީ ކޮންގްރެސްއިންނެވެ.

މިފަދަ ގޮތަކަށް އޮއްވާ، އެކަތިގަނޑެއްގެ ގޮތުގައި އަމިއްލަ ވެރިކަމެއް ކުރުމަށް ޖަވާހިރުލާލް ނެހުރޫއަށް އެއްބަސް ނުވެވުނު ނުވެވުމަކީ، 1947 ވަނަ އަހަރު ދެގައުމެއްގެ ގޮތުގައި އިންޑިއާއާއި ޕާކިސްތާނު އުފަންވެގެން ދިއުމުގެ ސަބަބު ކަމަށް ތާރީހު ދިރާސާކުރާ ފަރާތްތަކުން އިއްތިފާގުވެއެވެ.

ހިމޭންވި ބަންގްލަދޭޝް

1947 ވަނަ އަހަރުގެ މިނިވަންކަމުގެ ރޭހުގެ ވާހަކަ ދައްކާއިރު މުޅިންވެސް އިވެނީ އިންޑިއާއާއި ޕާކިސްތާނުގެ ވާހަކައެވެ. އިނގިރޭސިންގެ އިސްތިއުމާރީ ނިމުމާއެކު އިންޑިއަން ސަބްކޮންޓިނެންޓުން އުފަންވި 3 ވަނަ "ދަރިފުޅު" ނުވަތަ ބަންގްލަދޭޝްގެ ވާހަކަ މިމޭރުމަކުން ދެކެވެމުން ނުދެއެވެ. މިނިވަންކަމުގެ ރޭހުގައި އެންމެ ބޮޑު ލޭ އޮހުރުވުމެއް ހިނގާ ދިޔައީ ބަންގާޅުގައި ކަމަށް ވީ ނަމަވެސް، އެ ގައުމަށް ބައިނަލްއަގުވާމީ ސިޔާސީ ޕޯޑިއަމްތަކުގައިވެސް މާބޮޑު ސަމާލުކަމެއް ދެވޭތީ ފެނިގެނެއް ނުދިޔައެވެ. ނަތީޖާއަކަށްވީ، ބަންގްލަދޭޝްގެ ހަގީގީ މިނިވަންކަމުގެ ތާރީހު، އަނެއް ދެ ގައުމަށް ވުރެ އެތައް އަހަރެއް ފަހުން، 1971 ވަނަ އަހަރު ޖަހަންޖެހުމެވެ.

ބަންގާޅުންނަކީ މުސްލިމް ލީގު އުފެއްދުމުގައި އިސް ދައުރެއް އަދާކުރި ބައެއް ނަމަވެސް، އިރުމަތީ ޕާކިސްތާނުގެ ގޮތުގައި އޮތް މި ސަރަހައްދުގެ ސިޔާސީ ޝަހްސުން ވީ، އިގުތިސޯދީ، އިޖުތިމާއި އަދި ސިޔާސީ ހައްގުތަކުގެ ގޮތުން ބާކީކޮށްލެވުނު ބަޔަކަށެވެ. ނަތީޖާއަކަށްވީ މުސްލިމު ލީގަކީ ބަންގާޅުންނާ ދެކޮޅު ބައެއްގެ ސިއްކަ ޖެހިގެން ދިއުމެވެ. އިންޑިއާގެ ސަބްކޮންޓިނެންޓް ބައިކުރެވިގެން ދިޔަ ގޮތަކީ ބަންގްލަދޭޝްގެ ތާރީހަށް މާ ބޮޑު ލާބައެއް ނެތް ވާހަކަތަކެއް ކަމުގައި އެގައުމުން ގަބޫލުކޮށް، އެކަން އެގޮތުގައި ބޭއްވީއެވެ. ހިމޭންކޮށްފައެވެ. އޭގެ ބަދަލުގައި، ބަންގާޅުގެ ތާރީހުގެ ގޮތުގައި އެގައުމުން ފަހްރުވެރި ކަމާއެކު ފާހަގަ ކުރަމުން ދަނީ އެހެން ހާދިސާތަކެކެވެ.

އިންޑިއާއިން ސިފަކުރާ ގޮތުގައި 1971 ވަނަ އަހަރުގެ ހަނގުރާމައަކީ ހިންދޫންނާ މުސްލިމުންނަށް ވަކި ދެގައުމު ބޭނުންވާ ކަމަށް ސާބިތުކޮށްދޭ ހެއްކެކެވެ. ބަންގާޅުންގެ ފިކުރު ތަފާތެވެ. ބަންގާޅުން ދެކޭ ގޮތުގައި އެއީ އެމީހުންގެ މިނިވަންކަމުގެ ޖިހާދެވެ.

މިލްކުވެރިއަކު ނެތް ޖައްމު އާއި ކަޝްމީރު

އިނގިރޭސިންގެ އިސްތިއުމާރީ އަޅުވެތިކަމުގައި އިންޑިއާގެ ސަބްކޮންޓިނެންޓް އޮތް ދުވަސްވަރު، އިނގިރޭސިންގެ އިތުރުން، އެހެން ގައުމުތަކެއްގެ އަޅުވެތިކަމާ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތް ސަރަހައްދު ތަކެއްވެސް އޮތެވެ. އެގޮތުން، ފަރަންސޭސިންނާއި، ޕޯޗުގީޒުންގެ އިތުރުން އޮމާނީ ވެރިކަމުގެ ދަށުގައި އޮތް 500 އަށްވުރެ ގިނަ، މިނިވަން ސްޓޭޓްތަކެއްވެސް އޮތެވެ. އެތަންތަނުގައި އޮތީ އެ ސަރަހައްދީ ރަސްކަމެކެވެ.

އިނގިރޭސިންގެ އަތްދަށުގައި އޮތް ސްޓޭޓްތަކުގެ ތެރެއިން އިންޑިއާ ނުވަތަ ޕާކިސްތާނަށް ކަނޑައެޅިފައި ނެތް ސްޓޭޓްގެ ގޮތުގައި މިއަދު އޮތް ހަމަ އެކަނި ސްޓޭޓަކީ ޖައްމު އާއި ކަޝްމީރުގެ ސްޓޭޓެވެ. މި ސްޓޭޓްގެ ފުރިހަމަ މިލްކުވެރިކަމަށް، އިންޑިއާއާއި ޕާކިސްތާނުން ހަނގުރާމަ ކުރަމުންދާތާ 70 އަށްވުރެ ގިނަ އަހަރު ވީއިރުވެސް، މިކަމަށް އަލިމަގެއް ފެނިފައެއް ނުވެވެ. ޖައްމުއާއި ކަޝްމީރުގެ ސްޓޭޓަކީ، އިނގިރޭސިން އިސްތިއުމާރީ އަޅުވެތިކަމުގެ ދުވަސްވަރު އޮތް ސްޓޭޓްތަކުގެ ތެރެއިން، ފުރިހަމަ މިނިވަންކަމެއް ނުލިބި އޮތް ހަމައެކަނި ސްޓޭޓްވެސް މެއެވެ.

ޖައްމުއާއި ކަޝްމީރުގެ މިލްކުވެރި އަކީ އިންޑިއާކަމެއް ނުވަތަ ޕާކިސްތާނަކަމެއް އަދިވެސް ކަނޑައެޅޭ ގޮތެއް ނުވެއެވެ.