އެއީ މީލާދީން 1947 ވަނަ އަހަރުގެ އޯގަސްޓް މަހެވެ. އިންޑިއާގެ ސަބްކޮންޓިނެންޓްގައި އިންގިރޭސިން ތަންފީޒުކުރަމުންދިޔަ 200 އަހަރުވީ އިސްތިއުމާރީ ބާރުވެރިކަން ނިމުމަކަށް ގެނެސް، މައިގަނޑު 2 ގައުމަކަށް އެ ސަރަހައްދު ބައިކުރުމަށް ނިންމިއެވެ. އެއީ މުސްލިމުންގެ މެޖޯރިޓީ އޮތް އުތުރުގެ ސަރަހައްދުތަކުން އުފެދުނު ޕާކިސްތާނާ، ހިންދޫންގެ މެޖޯރިޓީ އޮންނަ ދެކުނުގެ ސަރަހައްދުން އުފެދުނު އިންޑިއާއެވެ.

ލިޔުމުގައި ފަސޭހައެއްކަމަކު މި ބައިކުރުން ކުރުމަކީ މާ ފަސޭހަކަމަކަށް ނުވިއެވެ. އިނގިރޭސިންގެ އިސްތިއުމާރީ އަޅުވެތިކަމުގައި އޮތް ސަރަހައްދުތަކުގެ އިތުރުން އެހެން ގައުމުތަކެއްގެ އަޅުވެތިކަމާ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކެއްވެސް އޮތެވެ. ގޮތުން، ފަރަންސޭސިންނާ، ޕޯޗުގީޒުންގެ އިތުރުން އޮމާނީ ވެރިކަމުގެ ދަށުގައި އޮތް 500 އަށްވުރެ ގިނަ، މިނިވަން ސްޓޭޓްތަކެއްވެސް އޮތެވެ. އެތަންތަނުގައި އޮތީ އެ ސަރަހައްދީ ރަސްކަމެކެވެ.

އިނގިރޭސިން އިންޑިއާގެ ސަބްކޮންޓިނެންޓް ދޫކޮށްލުމަށްފަހު، އިންޑިއާ ނުވަތަ ޕާކިސްތާނާ ގުޅުމުގެ ފުރުސަތު މި ސްޓޭޓްތަކަށް ދިނެވެ. ނުވަތަ މިނިވަން ސްޓޭޓްތަކެއްގެ ގޮތުގައި ދެމި އޮތުމުގެ ފުރުސަތު މި ސްޓޭޓްތަކަށް ދިނެވެ. މީގެ ތެރެއިން ބައެއް ސްޓޭޓްތައް އިންޑިއާއާއި ޕާކިސްތާނާ ގުޅުނީ ވަރަށް ފަހުގެ ތާރީހެއްގައެވެ.

އިނގިރޭސިންގެ އަތްދަށުގައި އޮތް ސްޓޭޓްތަކުގެ ތެރެއިން އިންޑިއާ ނުވަތަ ޕާކިސްތާނަށް ކަނޑައެޅިފައި ނެތް ސްޓޭޓްގެ ގޮތުގައި މިއަދު އޮތް ހަމަ އެކަނި ސްޓޭޓްއަކީ ޖައްމު އާއި ކަޝްމީރުގެ ސްޓޭޓެވެ. މި ސްޓޭޓްގެ ފުރިހަމަ މިލްކުވެރިކަމަށް، އިންޑިއާއާއި ޕާކިސްތާނުން ހަނގުރާމަ ކުރަމުންދާތާ 70 އަށްވުރެ ގިނަ އަހަރުވީއިރުވެސް، މިކަމަށް އަލިމަގެއް ފެނިފައެއް ނުވެވެ. ޖައްމުއާއި ކަޝްމީރުގެ ސްޓޭޓަކީ، އިނގިރޭސިން އިސްތިއުމާރީ އަޅުވެތިކަމުގެ ދުވަސްވަރު އޮތް ސްޓޭޓްތަކުގެ ތެރެއިން، ފުރިހަމަ މިނިވަންކަމެއް ނުލިބި އޮތް ހަމައެކަނި ސްޓޭޓްވެސް މެއެވެ.

އޭޝިއާ ބައްރުގެ ނިއުކްލިއާ 2 ބާރުގެ ގޮތުގައި އިންޑިއާއާއި ޕާކިސްތާނުންވެސް ޖައްމުއާއި ކަޝްމީރުގެ މިލްކިއްޔާތަށް ތަޅާފޮޅަމުންދާއިރު، ޖައްމުއާއި ކަޝްމީރު ވަނީ ލައިން އޮފް ކޮންޓްރޯލްގެ އިމުން، ޕާކިސްތާނާ އިންޑިއާއަށް ބައިކޮށްފައެވެ.