ހޫނުވަމުންދާ އިންޑިއާއާއި ޕާކިސްތާނުގެ ޒަމާންވީ "ކަޝްމީރުގެ މައްސަލަ"އާއި ގުޅިގެން ސެލެބްރިޓީއިން ދައްކަމުންދާ ވާހަކަތަކަކީ، ސިޔާސީ ލީޑަރުންނެކޭ ދާދި އެއް ގިންތިއެއްގައި ސޯޝަލް މީޑިއާގައި ވަރަލް ވަމުންދާ ވާހަކަތަކެކެވެ. ވަކިން، ހާއްސަކޮށް، ބޮލީވުޑްގެ ސެލެބްރިޓީން ފާޅުކުރަމުންދާ ހިޔާލާ ޝުއޫރުތަކަކީ، ގިނަ ފަހަރަށް، ސިޔާސީ ލީޑަރުންގެ ވާހަކަތަކައަށްވުރެވެސް ގިނައިން ދައުރުވަމުންދާ އެއްޗަކަށް އޮންނަނީ ވެފައެވެ. މިފަދަ ގޮތަކަށް ދެއްކި ވާހަކައަކުން، ސޯޝަލް މީޑިއާގައި "ހަނާ" ވަމުންދާ އެއް ސެލެބްރިޓީއަކީ، ބައިނަލްއަގުވާމީ ސުޕާސްޓާރެއްގެ ދަރަޖަ ދީފައިވާ ބަތޮލާ ޕްރިޔަންކާ ޗޯޕްޅާއޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.

ޕްރިޔަންކާ ޗޯޕްޅާއަކީ، އދއިން ހޮވާ "ހެޔޮނިޔަތުގައި" މަސައްކަތްކުރާ ސަފީރުންގެ ތެރެއިން ސަފީރެކެވެ. އެ މަގާމަށް އޭނާ ހަމަޖެއްސުނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. މިމަގާމަކީ މަޝްހޫރު ފަންނުވެރިން ހިއްސާކުރާ މަގާމަކަށްވާއިރު، ކަޝްމީރުގެ މައްސަލާގައި ޕްރިޔަންކާއަށް ސަމާލުކަން ހުއްޓެނީ ސަބަބެއް ނެތިއެއް ނޫނެވެ.

މިއަހަރުގެ ކުރީކޮޅު އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހިންގި އަސްކަރީ ކުރިމަތިލުންތަކާ ގުޅިގެންވެސް ޕްރިޔަންކާއަކީ "ދެފުށްކެހެރި" މީހެއްގެ ދަރަޖައަށް އޮތީ އޭނާއަށް ދެވިފައެވެ. ކަޝްމީރުގެ މައްސަލާގައި، މިފަހަރު ބައިނަލްއަގުވާމީ ރާޑަރަށް ޕްރިޔަންކާ އަރާފައިވަނީ މިދިޔަ ހަފުތާ ހަފުތާ ބަންދުގައި އެމެރިކާގެ ލޮސް އެންޖަލީސްގައި ކުރިއަށްދިޔަ އިވެންޓެއްގެ ތެރޭގައި އިން ބައިވެރިއަކާ، ޕްރިޔަންކާއާއި ދެމެދު ކުރިއަށްދިޔަ ހޫނުގަދަ ބަހުސަކާ ގުޅިގެންނެވެ.

ޕްރިޔަންކާ ބައިވެރިވި އިވެންޓްގެ އޯޑިއަންސްގައި އިން އެކަކީ ޕާކިސްތާނު ދަރިކޮޅުގެ އެމެރިކާ ރައްޔިޔެއް ކަމަށްވާ ޢާއިޝާ މަލިކްއެވެ. އޭނާ ބުނާ ގޮތުގައި ޕްރިޔަންކާ އެދަނީ "ނިއުކްލިއާ ހަނގުރާމައަކަށް ހިތްވަރުދެމުން"ނެވެ. އޭނާއަކީ އިންސާނިއްޔަތަށް މަސައްކަތްކުރާ މީހެއް ކަމަށާ، އޭނާއަކީ އަވަށްޓެރިންނަށް އިހުތިރާމް ކުރާ މީހެއްކަމަށް ބުނެ ޕްރިޔަންކާ ދައްކަވަމުންދިޔަ ވާހަކަތަކުގެ ސަބަބުން އުނދަގޫވި ކަމަށާ، ފެބުރުވަރީ މަހުގެ ހަމަނުޖެހުންތަކާ ގުޅިގެންވެސް ޕްރިޔަންކާ "ދެފުށްދެގޮތްކަން" ވަރަށް ސާފުކޮށް ފެނުނު ކަމަށް ޢާއިޝާ ޕްރިޔަންކާއަށް ދިމާލަށް ބުނާއަޑު އިވޭ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި ދައުރުވެއެވެ.

ޢާއިޝާއަށް ޖަވާބު ދެމުންވެސް ޕްރިޔަންކާ ވަނީ ޕާކިސްތާނުގެ ޒުވާނާއަށް ފުރައްސާރަކޮށްފައި ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. އެގޮތުން "ހަޅޭއްނުލުމަށް" ޕްރިޔަންކާ، ޢާއިޝާއަށް އަންގައެވެ. އަދި ކޮންމެ މީހަކުވެސް ގަބޫލުކުރާ ވަކި ހަމަތަކެއް ހުންނާނެ ކަމަށާ، އޭނާގެ ފިކުރު ބަދަލުވުމެއް ނެތްކަމަށް ދޭހަވާފަދަ މޭރުމަކުން ޕްރިޔަންކާ ވާހަކަދެއްކި މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ. ކުޑަކުދިންތަކަކަށް އަނިޔާލިބެމުންދާއިރު އެކަމުގައިވެސް އަނިޔާ ދޭ ފަރާތުގެ ކޮޅަށް ޕްރިޔަންކާ އަރާ ހުރިކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުންދާއިރު، ޕްރިޔަންކާ ބުނަނީ އޭނާއަކީ "ގައުމިއްޔަތަށް" ލޯބިކުރާ "ވަތަނީ" ދަރިއެއް ކަމަށެވެ.

މިފަދަ ނުތަނަވަސް ދަނޑިވަޅެއްގައި، ގަދަ ހިތްވަރާއެކު ތެދުވެ އަޑުއުފުލި އަންހެން ކުއްޖަކަށް ޖަވާބުދާރީ ވުމުގެ ބަދަލުގައި އެކުއްޖާ "ކުޑަކޮށްލި" މީހަކު، އދގެ ސަފީރު ކަމުގެ މަގާމުގައި ހުރުމަށް ކުފޫ ހަމަނުވާކަމަށް ބުނެ، ގިނަ ބަޔަކު ދަނީ ޕްރިޔަންކާ އަތުން މި ލަގަބު އަތުލުމަށް ގޮވާލަމުންނެވެ.