ކަޝްމީރުގެ މައްސަލާގައި ބައިނަލްއަގުވާމީ މުޖުތަމައު ހިމޭންވެފައި އޮންނަނީ ކީއްވެތޯ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ސުވާލު ކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހަކީ އިންޑިއާގެ މިނިވަން ދުވަހުގެ ގޮތުގައި އެގައުމުން ފާހަގަކުރި އިރު، ޕާކިސްތާނުން އިންޑިއާގެ މިނިވަން ދުވަސް ފާހަގަކޮށްފައި ވަނީ "ކަޅު" ދުވަހުގެ ގޮތުގައެވެ. މި ދުވަހާ ގުޅުވައިގެން ވާހަކަފުޅު ދައްކަވަމުން އިމްރާން ވަނީ ވަރުގަދަ އިންޒާރެއްވެސް ދެއްވާފައެވެ.

ކަޝްމީރު ސަރަހައްދުގައި އޮތް މުސްލިމު މެޖޯރިޓީ ނައްތާލައި، މުސްލިމު ނަސްލުން ސަރަހައްދު ސާފުކުރުމަށް ޖަރީމާ ހިންގައިފިނަމަ އޭގެ ނަތީޖާ "ފިސާރި" ހިތިވާނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

ޓްވީޓް ކުރައްވަމުން އިމްރާން ވަނީ، ގުޖުރާތުން މުސްލިމުން "ފައްސާލުމަށް" މޯދީ ގެންގުޅުއްވި ސިޔާސަތުތަކުގެ މަތިން ހަނދާން އާ ކޮށްދެއްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އިމްރާން ވަނީ، ސްރެބްރެނިކާގައި މުސްލިމުންނާ ދެކޮޅަށް ހިންގާދިޔަ ފަދަ ގަތުލުއާންމާ ނަސްލު ދޮވެލުމުގެ ދެވަނަ އަމަލެއް ހިންގަމުން ދާއިރުވެސް ދުނިޔެ ހިމޭނުން މަންޒަރު ބަލަން އޮންނާނީތޯ ސުވާލު އުފައްދަވާފައެވެ. މިކަން މިހެންވާން ދޫކޮށްލައިގެން ދުނިޔެ އޮވެއްޖެނަމަ ނަތީޖާ ވަރަށް ހިތިވާނެ ކަމަށާ، ހައްދުފަހަނައަޅާ ދިއުމާ ހަމަނުޖެހުންތަކެއް އެހާ ހިއްސާބުން ފެށިގެންދާނެ ކަމުގެ އިންޒާރުވެސް އިމްރާން ވަނީ ދެއްވާފައެވެ.

ޕާކިސްތާނުގެ މިނިވަން ދުވަސް ކަމުގައިވާ އޯގަސްޓް މަހުގެ 14 ވަނަ ދުވަސް އެގައުމުން ފާހަގަ ކޮށްފައި ވަނީ ކަޝްމިރުގެ ރައްޔިތުންނާއެކު ގައި ވާކަން އަންގައި ދިނުމުގެ ދުވަހުގެ ގޮތުގައެވެ. އެގޮތުން ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީގެ އިމާރާތުގައިވެސް ވަނީ "އާޒާދު ޖައްމު ކަޝްމީރު" ދިދަ ނަގާފައެވެ. އެ އިމާރާތުގައި ހުންނަ ޕާކިސްތާނުގެ ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ވާއިރު، ޕާކިސްތާނުން ދަނީ އެގައުމަށް ބާރު ހިންގޭ އެކި ހިސާބުތަކުގައި ކަޅުދިދަތައްވެސް ނަގަމުންނެވެ. ނަމަވެސް މިފަދަ މަންޒަރެއް ރާއްޖެއިން އަދި ފާހަގައެއް ނުކުރެވެއެވެ.

ރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީގައި އާޒާދު ކަޝްމީރުގެ ދިދަ ނަގާފައި އަދި ޕާކިސްތާންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި

އިންޑިއާއާއި ދެކޮޅަށް ޕާކިސްތާނުން ވަރުގަދަ ކެމްޕޭނެއް ފަށާފައި މިވަނީ، ކަޝްމީރުގެ ރައްޔިތުންނަށް މިނިވަންކަމާ އިސްތިގުލާލު ކަށަވަރުކޮށްދިން މާއްދާ 370، އިންޑިއާގެ ގާނޫނު އަސާސީއިން އުވާލުމާ ގުޅިގެންނެވެ. މާއްދާ 370 އަކީ، ކަޝްމީރު މީހުންނަށް މިނިވަންކަމުގެ އިމްތިޔާޒުތަކަކާ ބާރެއް ލިއްބައިދިން މާއްދާއެކެވެ. އެގޮތުން ވަކި ގާނޫނު އަސާސީއެއް އެކުލަވާލުމާ، ވަކި ދިދައެއް ގެންގުޅުމާ، ގާނޫނުތައް ހަދާ އުޅުމުގެ ބާރު ކަޝްމީރުގެ ރައްޔިތުންނަށް އޮތީ ލިބިފައެވެ. ހާރިޖީ، ދިފާއީ އަދި މުއާއްސަލާތާ ގުޅުންހުރި ސިޔާސަތުތައް ހިންގާ ބެލެހެއްޓުން އޮންނަނީ މައި ސަރުކާރަށެވެ.