ކަޝްމީރުގެ މައްސަލައާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ހުކުރުދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފިއެވެ.

ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ސަލާމަތީ މަޖިލީހުން ކުރިއަށް ގެންދަން ތާވަލު ކޮށްފައިވާ މި ބައްދަލުވުމަކީ ޗައިނާގެ ހުށަހެޅުމަކަށް ކުރިއަށް ގެންދާ ބައްދަލުވުމެއް ކަމަށް މައުލޫމާތު ލިބެއެވެ.

މަސްރަހު ހޫނުވެފައިވާ ކަޝްމީރުގެ މައްސަލައާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހުކުރުދުވަހު ކުރިއަށް ގެންދާ މި ބައްދަލުވުމުގައި، ސަލާމަތީ މަޖިލީހުގެ މެމްބަރު 15 ގައުމުން ބައިވެރިވާނެ ކަމަށް ޚަބަރު ލިބެއެވެ.

ނުރަސްމީ، ސިއްރު ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށް ޗައިނާއިން ހުށަހަޅާފައި މިވަނީ، އިންޑިއާއާއި ޕާކިސްތާނުންވެސް އެ ސަރަހައްދުގެ ފުރިހަމަ މިލްކުވެރިކަމަށް ދައުވާކުރާ ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅިއަށް ލިބިދީފައި އޮތް މިނިވަންކަމާ އިސްތިގުލާލަށް އުނިކަން ލިބޭ ގޮތަށް، އިންޑިއާގެ ގާނޫނު އަސާސީއިން މާއްދާ 370 އާއި 35 (ހ) އުވާލުމާ ގުޅިގެން، މިމައްސަލަ ބަލާ ދިނުމަށް އެދި ޕާކިސްތާނުން އދއަށް ގޮވާލާ، ސިޓީއެއް ފޮނުވަފައިވަނިކޮށެވެ.

އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދގެ މައި އިދާރާގައި ކުރިއަށްދާ މަޝްވަރާތައް ފަށަން ހަމަޖެހިފައިވަނީ އެތަނުގެ ގަޑިން ހުކުރު ދުވަހުގެ ހެނދުނު 10:00 ގައެވެ. ޓައިމްޒޯން ބެހިފައި އޮންނަ ގޮތުން، ނިއުޔޯކް އޮންނަނީ ދިވެހިރާއްޖެއަށްވުރެ 09 ގަޑިއިރު ފަހަތުގައެވެ. އެއީ ރާއްޖެގަޑިން މިރޭ 07:00ގައެވެ.

މިއީ 50 އަހަރަށްފަހު ކަޝްމީރުގެ މައްސަލައަށް ހާއްސަކޮށްގެން އދއިން މިފަދަ ބައްދަލުވުމެއް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.

ސަލާމަތީ މަޖިލީހުގައި ކުރިއަށް ގެންދާ މަޝްވަރަތަކަކީ، ކަޝްމީރުގެ މައްސަލައާއި ގުޅިގެން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގޫޓެރޭޒް ކަންބޮޑުވުންފާޅުކުރައްވާފައި އޮތް އޮތުމުގެ އިމުގެ ތެރެއިން ހިނގާ މަޝްވަރާތަކަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް، އދގައި ހުންނަވާ ޕާކިސްތާނުގެ މަންދޫބު މަލީހާ ލޫދީ ވަނީ ވިދާޅުވެފައެވެ.

މިމައްސަލައަކީ އަމިއްލަ ގެދޮރުގައި ގައިދީންނަށް ވެފައި ތިބި 14 މިލިއަނެއްހާ މީހުންގެ ހައްގުތަކާ ގުޅިފައިވާ މައްސަލައެއްކަންވެސް މަލީހާ ލޫދީ ވަނީ ފާހަގަކުރައްވާފައެވެ.

މިރޭ ކުރިއަށް ގެންދާ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވާ ސަލާމަތީ މަޖިލީހުގެ 15 މެމްބަރު ގައުމުގެ ތެރެއިން 9 ގައުމަކުން ތާއީދުކޮށްފިނަމަ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަޝްމީރުގެ މައްސަލައާއި ގުޅިގެން ސަލަމަތީ މަޖިލީހުގައި އިތުރު މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ފާސްވާނެއެވެ.

ސަލާމަތީ މަޖިލީހުގެ ރިޔާސަތު، މި އޯގަސްޓް މަހު ބަލަހައްޓަމުންދަނީ ޕޯލަންޑްއިންނެވެ.