ބަންދުގައި ހުންނެވި ކުރީގެ ނައިިބު ރައީސް އަހުމަދު އަދީބު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ.

އަދީބު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނީ، އެމަނިކުފާނު ބަންދުގައި ބަހައްޓާފައި ހުރި ގޮޅިތެރެއަށް ހޭނެތިގެން ވެއްޓުމުގެ ސަބަބުން ކަމަށް އަދީބުގެ ގާތް ފަރާތަކުން މައުލޫމާތު ދެއެވެ.

އަދީބު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދިނުމަށް ސްޓްރެޗާ އަކަށް އަރުވައިގެން ގެންދާ ފޮޓޯއެއްވެސް ވަނީ ސޯޝަލް މީޑިއާގައި އާންމު ކޮށްފައެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި އަދީބުގެ ނިތްކުރިމަތި ވަނީ ދުޅަވެފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އަދީބު ވެއްޓިވަޑައިގަތީ އެމަނިކުފާނު ހުންނަވާ ގޮޅިތެރެއަށެވެ.

އަދީބަށް މިވަގުތު ފަރުވާ ދެމުންދަނީ އައިޖީއެމްއެޗް އައިސީޔޫގައި ކަމަށް އާއިލާއިން ބުނެއެވެ. ނަމަވެސް އަދީބުގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން މާބޮޑު މައުލޫމާތެއް ސާފެއް ނުވެއެވެ. އަދީބު އައިޖީއެމްއެޗަށް ގެންދެވުނީ މިރޭ 9:30 ކަން ހާއިރުއެވެ.

އަދީބު ޖަލަށް ލާފައި ހުރީ އަދީބުގެ މައްޗަށް ކޮށްފައި އޮތް 33 އަހަރުގެ ހުކުމްތައް ކޯޓުން ބާތިލުކޮށް އެއްކޮށް މިނިވަން ވެފައި ހުންނަވަނިކޮށް ފިއްލަވައިގެން އިންޑިއާއަށް އެތެރެވާން އުޅުއްވަނިކޮށް އަތުލައިގެން ގެނެހެވެ. އަދީބު ފިއްލަވައިގެން އިންޑިއާއަށް އެތެރެވެވަޑައިގަންނަވަން އުޅުއްވީ ޓަގު ބޯޓެއްގައެވެ. އޭނާ އަތުވުމާއެކު ވިދާޅުވެފައި ވަނީ ފިއްލަވަން އުޅުއްވީ ރާއްޖޭގައި ފުރާނައަށް ނުރައްކާ ވެވަޑައިގެން ކަމަށެވެ.

އޭނާ އިންޑިއާގެ ހިމާޔަތަށް އެދިވަޑައިގެންނެވި ނަމަވެސް އިންޑިއާއިން އެކަން ބަލައި ނުގަނެ އޭނާ ދިވެހި ސަރުކާރާ ހަވާލު ކުރުމުން، ޖަލަށް ލާފައި ވަނީ އޭނާ ފިއްލެވި މައްސަލައިގައި ކުރާ ތަހުގީގަށެވެ.