އެމެރިކާ އިސްވެ އޮވެ ގަލްފްގެ ހޮރުމޫޒު ކަނޑުއޮޅީގައި އަސްކަރީ ބާރުވެރިކަން ގަދަކުރަމުންދާ ދިއުމާ ގުޅިގެން، އީރާނުގެ ރައީސް ހަސަން ރޫހާނީ ފާޑުވިދާޅުވެއްޖެއެވެ.

އެމެރިކާގެ މި އަމަލަކީ އަރަބި ގަލްފް ސަރަހައްދުގެ ގައުމުތައް ބައިބައިކޮށް، އެ ގައުމުތަކުގެ ހަޒާނާ ހުސްކޮށްލުން ކަމަށް ރޫހާނީ ވަނީ ތުހުމަތު ކުރައްވާފައެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރޫހާނީ ވިދާލުވީ ގަލްފްގެ ގައުމުތަކަކީ އެ ގައުމުތަކުގެ ސަލާމަތްތެރިކަން އަމިއްލައަށް ކަށަވަރު ކުރުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ ގައުމުތަކެއް ކަމަށެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރޫހާނީ ވަނީ، މިކަން ކަށަވަރު ކުރުމަށް ގަލްފްގެ ގައުމުތައް އެއްގަލަކަށް އެރުމަށް ގޮވާލައްވާފައެވެ.

ފާރިސީ ގަލްފާ، އޮމާން ކަނޑުގެ ސަރަހައްދުގައި ކޯލިޝަނެއް އެކުލަވާމަކީ ދެކޮޅު ޖެހޭ ކަމެއް ނޫންކަމަށާ، އެކަމުގެ ސަބަބުން ސަރަހައްދީ ސަލާމަތްތެރިކަމަށް ލިބޭނެ އެހީތެރިކަމެއް ނެތްކަން ކަށަވަރު ކަމަށްވެސް ރޫހާނީ ވަނީ ވިދާޅުވެފައެވެ. އަދި އެ ސަރަހައްދުގައި ބޭރުގެ އަސްކަރީ ބާރުތަކަކަކުން ފޯރިމަރަންޖެހޭ ސަބަބެއް ނެތް ކަމަށްވެސް ރޫހާނީ ވަނީ ވިދާޅުވެފައެވެ.

އޮމާންއާއި އީރާނާ ދެމެދުގައި އޮންނަ ހޮރުމޫޒު ކަނޑުއޮޅިއަކީ، އެމެރިކާއާއި އީރާނުގެ ޒަމާންވީ ހީނަރު ގުޅުމުގެ "ފިތުނައިގެ ހަނގުރާމައިގެ" މައިދާނަށް މިހާރުވަނީ ވެފައެވެ. ހޮރުމޫޒު ކަނޑޮއޮޅިއަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މުހިންމު މަގަކަށް ވާއިރު، އެ މަގުން ދަތުރުކުރާ ކަނޑުބޯޓު ފަހަރަށް އީރާނުން ހުރަސް އަޅަމުންދާކަމަށް އެމެރިކާއިން ތުހުމަތުކުރާއިރު، އީރާނުން ދަނީ މި ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ.

ކަންމިހެން އޮތްއިރު އެމެރިކާއިންވަނީ ހޮރުމޫޒު ކަނޑުއޮޅި ސަރަހައްދުގައި އެގައުމުގެ އަސްކަރީ ފިޔަވަޅުތިލަ ވަރުގަދަކޮށްފައެވެ. ކަނޑުމަތީ އަސްކަރިއްޔާގެ އެންމެ ޒަމާނީ އާލާތްތައް، އެ ސަރަހައްދުގައި އަރުމާޒެއްގެ ބީދައިންވަނީ ރުކުރުވާލާފައެވެ. އަދި މިކަމަށް އިސްރާއީލުން ދެމުންދާ އެއްބާރުލުމަށްވެސް އީރާނުންވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށްފައެވެ.