މީގެކުރިން އީދު އައުމުން އެންމެ ބާރު ބޮޑުވާނީ ފެން ބަންދު ކުރަން ގެންގުޅޭ ކޮތަޅަށެވެ. އޭގެ ބަންޑެލި ބަންޑެލި ގަނެ ރައްކާ ކުރާނެއެވެ. ދެން އެންމެ ބާރު ބޮޑުވާނީ ގޭގޭގައި ހުންނަ ވަޅުތަކާއި ފެން ތާނގި ތަކަށެވެ. ބައެއް ގެތަކަށް ފެން އަޅަން ވަންނަން ޖެހޭނީ ވަގަށެވެ. އެއީ އެގޭގެ ވެރިން ކިޔާފާނެ އެއްޗަކަށް ވިސްނާފައެވެ. މިއީ އިހުޒަމަނުއް ސުރެ އަހަރެމެން ދިވެހިންނާ ހަމައަށް އައިސްފައިވާ ސަގާފީ ކަމަކަށް ވަނީ ވެފައެވެ. ޒަމާނާއި އެއްގޮތަކަށް ކަންކަން ބަދަލުވެގެން އައިއިރު މިކަމަށް އައި ބަދަލަކީ، ފެނުގެ ތެރެއަށް ކުލަ އެޅުމެވެ.
ނަމަވެސް މިކަމަށް މިފަހަކަށް އައިސް މިވަނީ ބޮޑު ބަދަލެއް އައިސްފައެވެ. މިފަހަކަށް އައިސް އަޅުގަނޑުމެންނާ ބައްދަލު ކުރާ އަޟްހާ އީދު ނުވަތަ ދިވެހިންގެ ނަމުން ނަމަ ބޮޑު އީދުތަކުގައި ފެން ކުޅި ކުޅުން ހުއްޓި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކުލަ ޖެހުން މިވަނީ އާއްމުވެފައެވެ. ކުލަ ޖަހަނީ ހިކި ކުލައެވެ. އީދާ ދިމާކޮށް މާލޭގެ ފިހަރާތަކާއި ރަށްރަށުގެ ފިހާރަތަކަށް ފެން ބަންދު ކުރާ ކޮތަޅަށް ކުރިން އޮންނަ ޑިމާންޑު މިހާރު އޮންނަނީ ހިކި ކުލައަށެވެ.
ހިކި ކުލަ އީދުގައި ޖަހަމުން ގެންދާތީ ގިނަބަޔަކު ތަފާތު އެކި ގޮތް ގޮތަށް މިކަމުގައި ސޯޝަލް މީޑިއާގައި އަންނަނީ ވާހަކަ ދައްކަމުންނެވެ. ބައެއް މީހުން މިކަން ދީނާ އަޅުވާ ކިޔާއިރު ދިވެހި ތާރީހާއި ސަގާފަތަށް ލޯބި ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި މިއީ ދިވެހި ސަގާފަތާ ބީރަށްޓެހި ކަމެކެވެ.
ބަޔަކަށް މިކަން ކިތަންމެހާވެސް ގޯހެވެ. މިކަމުގެ ސަބަބުން މި އީދުގައި ސަމާސާއަށް ކުރި ކަންކަން ވިހަވެފައިވެސް އެބަހުއްޓެވެ. ނަމަވެސް ކުލަ ޖަހާ މީހުން ފޯރީގައި މިކަން ކުރާއިރު އެ މީހުންނަށް މިކަމުގައި އެއްވެސް މައްސަލައެއް ނެތެވެ.
ގިނަ މީހުން މިކަމުގައި ބަލަނީ ރީތި ފޮޓޯ ނެގޭތޯ!
ދިވެހިންނަކީ އަބަދުވެސް ފަހުގެ ޓެކްނޮލޮޖީއަށް ލޯބިކުރާ ބަޔެވެ. ސްމާޓު ފޯނެއް ނެތް މީހެއް ނެތެވެ. ކޮންމެ މީހަކުވެސް ތަނަކަށް އަލަށް ދެވިއްޖިއްޔާ ނޫނީ ބަޔަކާ އެކީގައި ތަނަކަށް ދެވުނަސް ސެލްފީ ނަގާ އިންސްޓަގްރާމަށް ނޫނީ ސޯޝަލް މީޑިއާގައި ކޮންމެވެސް އެހެން ވަސީލަތަކަށް 'ވައްޓާނުލާ' ހިތްހަމަ ނުޖެހެއެވެ. އީދުގައި ވެސް އަހަރެމެންނަށް ފެންނަނީ މިއަދު އެމަންޒަރެވެ. ބަޔަކު މީހުން ކުލަ ޖެހުމާއި އަމިއްލަ އަށް ކުލަ ހޭކުމާވެސް ތަފާތު ވާނެއެވެ. ބައެއް މީހުން ފޮޓޯއެއް ނަގަން ވެގެން ނޫނިއްޔާ އިންސްޓަގްރާމް ކޮށްލުމަށް އަމިއްލައަށް ކުލަ ހާކައިގެން ފޮޓޯ ނަގާލެއް މަދެއް ނޫނެވެ. އަނެއް ބަޔަކު ކުލަ ޖަހާއިރު އެކި ކުލަ ކުލައިގެ ކުނޑިތައް ބުރަ ބުރައިގެން ދުރަށް ދާތަން ފޮޓޯ ނަގާ ސޯޝަލް މީޑިއާއަށް ލައެވެ.
ފޮޓޯގްރާފަރުން ބުނާ ގޮތުގައި މިކަމަކީ އެމީހުން ގެންގުޅޭ ސާމާނުތަކަށްވެސް ރައްކާތެރި ކަމެކެވެ. އަނެއްކޮޅުން ކުލަތައް ބުރަ ބުރައިގެން ދާތަން ނެގުމުން ފޮޓޯ ރީތި ފޮޓޯއަކަށް ވެގެންދާ ކަމަށް ފޮޓޯ ގްރާފަރުން ބުނެއެވެ.
ކޮންމެއަކަސް ރާއްޖޭގައި އިހުޒަމާނުއްސުރެ އީދުގައި ފެންކުޅި ކުޅުމުގެ ސަގާފަތަށް ބޮޑު ބަދަލެއް މިއޮތީ އައިސްފައެވެ. ބައެއް މީހުންނަށް މިކަން "އޯކޭ" ވާއިރު އަނެއް ބަޔަކަށް މިކަން 'އެހާ އެހާއެއް' ނޫނެވެ. މިކަމަށްވެސް ހައްލެއް ގެނެސް ދިވެހިންގެ ސަގާފަތް ދިރުވަން ބައެއް މީހުން ބޭނުންވެއެވެ. ދިވެހިން ދިވެހިންގެ ގޮތުގައި ތިބުމަކީ ދިވެހިން ދިވެހިންގެ ސަގާފަތާ ވެސް ދުރު ނުވެ ތިބުން ކަމަށް ބައެއް މީހުން ދެކެއެވެ. ކޮންމެއަކަސް އިއްޔެ ދިޔާ އެއްޗެއްގެ ސިފައިގައި ހުރި ފެން މިއަދު މިވަނީ އެކި ކުލަ ކުލައިން ޒީނަތްވެފައި ހުންނަ ހިކި ކުލައަކަށް ބަދަލުވެފައެވެ.