ކޮންމެ އީދެއްގައި ވެސް ތަފާތު މާލިތައް ނެރެމުން އަންނަ ހދ. ކުޅުދުއްފުށީގައި "އެ ދައިތާގެ ގެއްލުވާލާ ބެޑްޝީޓް" މާލި އަކީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފަށް ބުލީ ކުރުން ކަމަށް ނުސީދާގޮތަކަށް އޭނާ ވިދާޅުވެއްޖެއެވެ.

"އެ ދައިތާގެ ގެއްލުވާލާ ބެޑްޝީޓް" މާލި އަކީ، ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި އަބްދުﷲ ޝައިމް ގެއްލުނު ހާދިސާއަށް ޖޯކުޖަހައި ނެރުނު މާއްޔެކެވެ. އަދި މި މައްސަލައިގައި ޝިދާތާއަށް އާންމުން ވަރަށް ބޮޑަށް ފާޑުކިޔަމުން ދަނިކޮށް، ނޫސްވެރިންގެ ބައްދަލުވުމުގައިި ޝިދާތާ ވިދާޅުވެފައި ވަނީ ހިޔާގެ މުވައްޒަފުންނަށް ޝައިމް ގެއްލުނު ކަން ނޭނގުނީ އާންމުކޮށް މޫނާއެކު ޝައިމް ބެޑްޝީޓު އަޅައިގެން ނިދާތީ ކަމަށެވެ. އަދި އޭނާ ގެއްލުނު ރޭ ބެޑްޝީޓު އަޅައިގެން ނިދަން އޮތުމުން މުވައްޒަފުންނަށް ނުބެލުނީ ކަމަށް ވެސް ޝިދާތާ ވަނީ ވިދާޅުވެފައެވެ.

ކުޅުދުއްފުށީ މާލި ޕެރޭޑްގައި ވެސް ދައްކަނީ އެ މަންޒަރެވެ. މި މައްސަލައިގައި ޝިދާތާ ވަނީ ނުރުހުންވެވަޑައިގެން ޓްވީޓެއް ވެސް ކުރައްވާފައެވެ. އެ ޓްވީޓުގައި ޝިދާތާ ވިދާޅުވީ އެއްވެސް ޒާތެއްގެ އެއްވެސް ކަހަލަ ބުލީކުރުމެއް ބަލައި ނުގަނެވޭ ކަމަށާއި އެކަމާ ދެކޮޅަށް އަޑުއުފުލަން ޖެހޭ ކަމަށެވެ. އަދި އޭގެ ތެރޭގައި އޭނާއާ އެހެން މީހުން ވެސް ހިމެނޭ ކަމަށް ޝިދާތާ ވިދާޅުވިއެވެ.

ކުޅުދުއްފުށީ މާލި ޕެރޭޑްގައި މި ސަރުކާރުން ކޮށްދޭން ވައުދުވި ބައެއް ކަންކަން ދައްކާ މާއްޔާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލަވަން މަސައްކަތް ކުރި ހާދިސާގެ މާއްޔާ، ނޮވެމްބަރު 3 ގެ އުދުވާނީ ހަމާލެގެ މޭސްތިރި އަބްދުﷲ ލުތުފީ ފެންނަ ގޮތަށް "އަސްލު ލުުތުފީ" ގެ މާއްޔެއް ވެސް ނެރެފައިވެއެވެ.