ހިއްމަފުށީ އައްސޭރި ޖަލުން ފިލި ގައިދީއަކު ހޯދާ އަނބުރާ ޖަލަށް ގެންގޮސްފިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ރޭ 10:08 ހާއިރު ހިއްމަފުށީ އައްސޭރި ޖަލުން ގައިދީއަކު ފިލައިފައިވާ ކަމުގެ މައުލޫމާތު އެރަށު ޕޮލިސް ސްޓޭޝަނަށް ލިބިފައިވާ ކަމަށެވެ. އަދި ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ އޮފިސަރުންނާ ގުޅިގެން ފިލި ގައިދީ ހޯދާ އަނބުރާ ޖަލަށް ގެންދިއުމަށް ކުރި މަސައްކަތުން ރޭ 10:13 ހާއިރު އޭނާ ހޯދާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މީހާ ފެނިފައި ވަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ ކަރެކްޝަންސްގެ އޮފިސަރަކަށް ކަމަށެވެ.

ރާއްޖޭގެ ޖަލުތަކުން މަދުން ނަމަވެސް ގައިދީން ފިލައިގެން ދިއުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ. އެގޮތުން، މިދިޔަ ޖުލައި މަހު 11 ވަނަ ދުވަހުގެ ރޭ ދަންވަރު މާފުށީ ޖަލުން ފިލި ގައިދީއެއް ކަނޑުމަތިން އަތުލައި އަނބުރާ ޖަލަށް ގެންގޮސްފައި ވެއެވެ.

މިކަމާ ގުޅިގެން، ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިލި ގައިދީ ހޯދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކުރި މަސައްކަތުގައި ފުލުހުންނާއި، މަސްބާނަން ނުކުމެ އުޅުނު މާފުށީ ޒުވާނުންތަކެއް އެހީވި ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި ގައިދީ ފިލައިގެން ގޮސްފައިވަނީ "ކަޔަކް" އެއްގައި ކަނޑަށެވެ. އަދި އޭނާ ހޯދާފައިވަނީ ކަނޑުމަތިންނެވެ.