މާލޭގައި ދަތުރުކުރާ ޓެކްސީތަކުގެ އަގު ކުޑަ ކުރެވޭނީ މިހާރު ނަގާ ބައެއް ޓެކްސް ތަކުން ލުޔެއް ދީގެން ކަމަށް ޓެކްސީ އެސޯސިއޭޝަނުން ބުނެފިއެވެ.

މާލޭގެ ދުއްވާ ޓެކްސީތަކުން ނަގާ އަގު ބޮޑު ކަމަށް އާންމުން ދައްކާ ވާހަކަ ތަކަށް ރައްދު ދެމުން، އަބްދުﷲ ބުނީ މާލެ ތޮއްޖެހިފައި އޮތުމުގެ ސަބަބުން ކުރާ ދަތުރު ތަކަށް ގިނަ އިރުވެ، ހަރަދު ބޮޑުވާ ކަމަށެވެ. ނަމަވެސް އެކަމަށް އެއްވެސް ހައްލެ މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.

އޭނާ ބުނީ ޑްރައިވަރުން ޓެކްސީއެއް ގަންނަނީ 400،000 ނުވަތަ 300،000 ރުފިޔާއަށް ކަމަށާ، އޭގެ ހަރަދު ސަލާމަތް ވާނެ ދުވަހެއް ނޭނގޭ ކަމަށެވެ. އަދި މާލޭގައި އުޅަނދު ގިނަވުމުގެ ސަބަބުން ދަތުރުތައް ދިގުވެ ޕެޓްރޯލު އަނދާ މިންވަރު ވެސް އިތުރުވާ ކަމަށެވެ. އެހެން ކަމުން 25 ރުފިޔާ އަކީ ފައިދާ ލިބޭ އަގެއް ނޫން ކަމަށް އަބްދުﷲ ފާހަގަ ކުރެއެވެ.

އޭނާ ބުނީ ޓެކްސީ އަގު ހެޔޮ ކުރަން ބޭނުން ނަމަ ޓެކްސް އިން ކޮންމެވެސް ވަރެއް ކަނޑާލުން ނުވަތަ އެހެން ގޮތެއް ހޯދައިދޭން ޖެހޭ ކަމަށެވެ.

"ޓެކްސީގެ އަގުހެޔޮކުރަން ބޭނުންވަންޏާ އަޅުގަނޑުމެންނަށް މި ނަގާ ޓެކްސް އިން ކޮންމެވެސް ވަރެއް ކަނޑާދޭށޭ. ނުވަތަ ކޮންމެވެސް ލުއިގޮތެއް ހަދާދޭށޭ. މިހާރު ހުރީ ޕްރައިވެޓް ޓެކްސީތައް. ސަރުކާރުގެ ޓެކްސީތަކެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަޅުގަނޑުމެން އަމިއްލަ އަތުން ގަނެގެން ދުއްވާ ކާރަކީ 400،000 ނުވަތަ 300،000 ރުފިޔާގެ ކާރު. މީތި ކަވަރުވާނީ ކޮން ދުވަހަކުން ކަމެއް ނޭނގޭ."
އަބްދުﷲ އިބްރާހިމް

އަބްދުﷲ ބުނީ ޓެކްސީ ޑްރައިވަރުން ތިބީ ސަރުކާރަށް ދޫދޭ ގޮތަށް ކަމަށެވެ. ނަމަވެސް އެގޮތަށް އެކަން ކުރެވޭނީ ސަރުކާރުން ވެސް ދޫ ދިނުމުން ކަމަށެވެ. އަދި ޓެކްސީ ކުރާ މީހުންގެ ވާހަކަ ވެސް އަޑުއަހަން ޖެހޭނެ ކަމަށާ، މާލޭގައި މިހާ ބޮޑަށް ތޮއްޖެހިފައި އޮތް އިރު، ރައްޔިތުންނަށް މަންފާ ހޯދައިދޭން ޓްރާންސްޕޯޓު މިނިސްޓްރީން ހެޔޮ ކަމެއް ކޮށްދެންޏާ ވީ މީޓަރު ހަރުކޮށްދޭން ކަމަށް އޭނާ ބުނެޏެވެ. އޭނާ ބުނީ މީޓަރު ހަރު ކުރުން ނޫން އެހެން އެއްވެސް ޗޮއިސެއް ނެތް ކަމަށެވެ.

"އަހަރުމެން ވެސް އެއްކޯޓުން ނިމުނު ގޮތަކުން އަނެއްކާ އަނެއް ކޯޓަށް ވެސް ދާނަން. އަޅުގަނޑުމެން މިކަމުގައި މީޓަރު ނޫން އެހެން އެއްޗަކަށް އެއްބަސްވުމެއް ނެތް. އަޅުގަނޑުމެން މީޓަރާ ހަމައަށް ނުދެވެނީސް ހުއްޓާކަށް ނެތިން،"
އަބްދުﷲ އިބްރާހިމް

އޭނާ ބުނީ ޓެކްސީ ކުރާ ކާރުތައް ޕާކް ކުރާނެ ތަނެއް ވެސް މާލޭގައި ނެތް ކަމަށެވެ. އަދި އެ މައްސަލައިގައި އޭނާ އަމިއްލައަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކޮށް ޕާކް ކުރުމުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް އެދުނު ކަމަށެވެ. އަދި އެކަމަށް ރައީސް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ.

ނަމަވެސް މިހާތަނަށް އައިރުވެސް ކާރުތައް ޕާކް ކުރާނެ ތަނެއް ނުދައްކާ ކަމަށާ، މާލޭގެ ތަނެއްގައި މިހާރު ޕާކް ކުރަން ބޭނުން ވެއްޖެއްޔާ 4-5 ގަޑި އިރު ނަގާ ކަމަށެވެ. އަދި ޕާކް ކުރާނެ ތަނެއް ނުދައްކާ ސްޓިކާ ވެސް ޖަހާނެ ވަރަކަށް ޖަހަމުން ދާ ކަމަށް އޭނާ ބުނެއެވެ.

"އެއިރު ވިދާޅުވީ ޕާކްކުރާނެ ތަނެއް ނުދައްކާ ސްޓިކާ ނުޖަހާނަމޭ. ދެން އެހެންނަމަ ވެސް ޕާކް ކުރާނެ ތަންތަން ދައްކާފިޔޭ ކިޔާފައި މަގުތަކުގައި ޑަބަލް ލައިންދަމާލެއް ގިނަ ވެއްޖެ. މަގެއް އޮތިއްޔާ އެއްފަޅީގައި ދެ ރޮނގު. އަނެއް ފަޅީގައި ސައިކަލް ޒޯނެއް. ކާރު ބައްވާނެ ތަނެއް ނެތް. ސޯސަން މަގުގައި ވެސް އެއްކޮޅުގައި އެބައޮތް ހަތަރު ކާރު. މުޅި ސޯސަން މަގުގައި ވެސް އޮތީ ހަތަރު ކާރު ބޭއްވޭވަރަށް ޖާގަ ދީފަ."
އަބްދުﷲ އިބްރާހިމް

ޓްކެސީތައް ޕާކް ކުރާނެ ތަނެއް ނެތް ކަމަށް އަބްދުﷲ ބުނާ އިރު، ޓްރާންސްޕޯޓު ގަވާއިދުގައި އޮންނަ ގޮތުން، ކާރުތައް ރަޖިސްޓްރީ ކުރަނީ އެ ކާރެއް ބާއްވާނެ ގަރާޖެއް ދައްކާ އެ ގަރާޖެއްގެ ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުންނެވެ. އަދި ހުއްދަ ދެނީ ޕާކް ކުރުމަށް ގަރާޖެއް ހުންނަ ނަމައެވެ. ނަމަވެސް، މާލެގައި އެއް ގަރާޖެއްގެ ނަން މަތީގައި 1400 އަށްވުރެ ގިނަ ކާރު ރަޖިސްޓްރީ ކޮށްފައި ވާކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެއެވެ.