ދައުލަތުން ބަދަލު ހޯދުމަކީ މިހާރު އެންމެ ހިނގާ ވައްކަން ކަމުގައި މެދު ހެނެވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ވިދާޅުވުމުން އެމްޑީޕީގެ އެތެރެ ހެލިގަނެއްޖެއެވެ. އީދުގެ ކުޅި ސަމާ ފޯރީގައި އެންމެން މަސްއޫލުވެ އުޅެނިކޮށް އާޒިމު މިއަދު ކުރެއްވީ ޓްވީޓެކެވެ.

"ދައުލަތުން ބަދަލު ހޯދުން، މިހާރު އެންމެ ހިނގާ ވައްކަން" މިހެންނެވެ. އާޒިމުގެ އެ ޓްވީޓާއެކު އޭނާއަށް ގިނަ ބަޔަކު ރައްދު ދެމުން 2008 ގައިވެސް ވައްކަން ކުރި ކަމަށާއި އަދި 2012 ގައި އެއަށްވުރެ ބޮޑަށް ކޮށްފައި މިހާރު އަތް ނުފޯރާ ވަރަށް މައްޗަށް ގޮސްފައި ވާކަމަށް ބުނެފައިވެއެވެ. އެގޮތުން ކޮމެންޓް ކުރެއްވި އެއް ބޭފުޅަކީ ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރެއްވި އިސްމާއީލް ޒަރިޔަންދެވެ. އޭނާ ވިދާޅުވީ "ސަރުކާރު ބަދަލުވާ އިރު ބަދަލު ހޯދުން ވަރަށް ބޮޑު ވާނެ ކަމަށާ މިހާރު މިދަނީ މާ މައްޗައް" ކަމަށެވެ.

"ސަރުކާރުން އައުޓު ކޯޓު ސެޓަލްމަންޓް ހެދުމުގެ ބަދަލުގައި ގާނޫނަށް ބަދަލު ގެނެސްގެން ވިޔަސް މިކަން ޖެހޭނީ ހުއްޓުވަން" އާޒިމުގެ ޓްވީޓަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ އައްޑުއަތޮޅު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، "ގެއްލުމުގެ ބަދަލޭ ކިޔައިގެން މި ހޯދަނީ އެބުނާ ވިޔަފާރިއެއް ކޮށްގެން 1000 އަހަރުން ލިބޭނެ ފައިދާއެއް ނޫން. މިކަމަށް ދައުލަތުގެ ހުރިހާ މުއައްސަސާއެއްވެސް ސަމާލުވާން ޖެހޭ" ކަމަށެވެ.

އެހެން މީހަކު ބުނެފައިވަނީ "ވަގުންނާ ސަރުކާރު ހަވާލު ކުރީމައި ވާނެ ގޮތް މިފެންނަނީ" ކަމަށެވެ.

ޓްވީޓްގެ ރައްދު ހޫނުވަމުން ގޮސް ބައެއް މީހުނަށް ފޫޅު ކަނޑަން ފެށުމުން އާޒިމު ވަނީ އިތުރު ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓުގައި އާޒިމު ވިދާޅުވަނީ އޭނާ އެ ދައްކަވަނީ "ހައްގު ބަދަލު ހޯދަން އުޅޭ ފަރާތްތަކުގެ ވާހަކަ ނޫން ކަމަށް" އެވެ.

މި ޓްވީޓްތަކަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި މަންދު ކޮލެޖުގެ ބާނީ އިބްރާހިމް އިސްލާއީލްވެސް ވަނީ ރައްދެއް ދެއްވާފައެވެ. އޭނާ ވިދާޅުވަނީ "މަގޭ ފުރަތަމަ އުސޫލަކީ ފިލާ ހުރެގެން އެހެން މީހުން ލައްވާ ކަންކަން ނުކުރުން، އެއީ ފުއްޕާފަ އުޅޭ ފިނޑިން އުޅޭ ގޮތެއް. މަ ކުރާ ކަމެއް ކުރާނީ ވަރަށް ފާޅުގައި އެނގިގެން، ކެރިގެން" ކަމަށެވެ.

ބަދަލު ހޯދުމުގެ ވާހަކަ 'ފަޅައިގެން' މިދިޔަ ދަނޑިވަޅަކީ އެމްޑީޕީ ސަރުކާރު ވެރިކަމަށް އައިސް އެމްޑީޕީގެ އެކިއެކި މެންބަރުންގެ މަސްލަހަތު އޮންނަ ބައެއް ކުންފުނިތަކަށް ބޮޑެތި އަދަދުން ބަދަލު ދީފައިވާ ދަނޑިވަޅެކެވެ. އެގޮތުން އެމްޑަބްލިއުއެސްސީގެ ޗެއާމަން މައުސޫމުގެ ހިއްސާ އޮންނަ ކުންފުންޏަކަށް 22 މިލިއަން ރުފިޔާއާއި، އެމްޑީޕީގެ ލީޑާޝިޕުގެ އިސް ބައެއް ފަރާތްތަކާ ގާތް ގުޅުން އޮންނަ ދީބާޖާއަށް 348 މިލިއަން ރުފިޔާއާއި، ބިގް ކުންފުންޏަށް 78 މިލިއަން ރުފިޔާގެ ބަދަލު ދިނުން ހިމެނެއެވެ.

މީގެ އިތުރުން ބަދަލު ހޯދުމުގެ މައްސަލަތަކެއް ކޯޓަށް ވެއްދުމަށް ތައްޔާރުވަމުން ދާ ކަން 'ދަ ޕްރެސް' އަށް ވަނީ އެނގިފައެވެ.

ގަބޫލު ކުރެވޭ ގޮތުގައި އާޒިމު ކުރެއްވި އެ ޓްވީޓަކީ އެކަމަށް އިޝާރާތް ކުރައްވާ ފާޅު ކުރެއްވި ކަންބޮޑު ވުމެކެވެ.

އިދިކޮޅު ފަރާތްކުން ބުނާ ގޮތުގައި މިއަހަރަށް ފާސްކޮށްދިން ބޮޑު ބަޖެޓުން ތަރައްގީގެ މަޝްރޫއެއް ނުހިންގާ އިރު ބަޖެޓު މިހާރު ވަނީ 'ކައި' ހުސްކޮށްލާފައެވެ.