މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާހަގަ ކުރާ ބޮޑު އީދު ދުވަހުގައި ބީއެލްއެލްއިން ބައިވެރިވެ 10 ރަށެއްގައި އީދު ސައި ބާއްވަައިފިއެވެ.

މިއަދު ސައި ބޭއްވި ރަށްތަކަކީ ހއ. ވަށަފަރު، ނ. މަނަދޫ، ރ. މީދޫ، ބ. އޭދަފުށި، ކ. މާފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ތ. ގުރައިދޫ، ގދ. ގައްދޫގެ އިތުރުން ސ. މަރަދޫ އެވެ.

އީދު ސައި އިންތިޒާމު ކޮށްފައި ވަނީ ރަށުގެ ކައުންސިލްތަކާއި، މަދަނީ ޖަމިއްޔާތަކާއި އަދި އާންމު ފަރުދުންނާ ގުޅިގެން، އެފަރާތްތަކުގެ ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުމާ އެކުގައި ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލް އިން އަތޮޅުތެރޭގައި ބޭއްވި އީދު ސައިގެ ތެރެއިން / ފޮޓޯ: ބީއެމްއެލް

އީދު ސަޔާ ގުޅޭ ގޮތުން އެ ބޭންކުގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ "ކުޑަ އީދުގައި ބީއެމްއެލް އިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ އީދު ސައި ވެގެން ދިޔައީ ވަރަށް ކާމިޔާބު ހަރަކާތަކަށް. ކުދިބޮޑު އެންމެން ބައިވެރިވެ އެއްކޮށް ސައިބޮއި، ވާހަކަ ދައްކާ މަންޒަރު އެ ރަށްތަކުން ފެނިގެން ދިޔަ ކަމީ އަޅުގަނޑުމެން މި ހަރަކާތް ރޭވުމުގެ މަގްސަދު ފުރިހަމަވެގެން ދިޔަ ކަމަކަށް. އެހެން ކަމުން މި އީދުގައިވެސް ބީއެމްއެލް އިން އިސްނަގައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދިޔަ އީދު ސަޔަކީ ވަރަށް އުފާވެރިކަމާއި އެކުވެރި ކަމާއެކު ކުރިއަށް ގެންދެވުނު ހަރަކާތެއް" ކަމަށެވެ.

މިދިޔަ ފިތުރު އީދު ދުވަހު ރާއްޖޭގެ އަށް ރަށެއްގައި ކައުންސިލްތަކާއި މަދަނީ ޖަމިއްޔާތަކާ ގުޅިގެން ބީއެމްއެލް އިން އިންތިޒާމް ކުރި އީދު ސަޔަށްވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.