ފަރުޟު ޙައްޖުގެ އަޅުކަމާ ވިދިގެން އަންނަ މުސްލިމުންނާ ބައްދަލުކޮށްފައި ވާ އަޟްޙާ ޢީދުގެ މުނާސަބާ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަށައިފިއެވެ.

ޢަޟްޙާ ޢީދުގެ މުނާސަބާގެ އުފާފާޅުކުރުންތައް ފަށާފައިވަނީ ބޮޑު ޖަމާއަތުގައި ކުރެވުނު ޢީދު ނަމާދުންނެވެ.

އަޟްޙާ ޢީދުގެ މުނާސަބާއާއި ދިމާކޮށް، ބައެއް ހަނގުރާމަތައްވެސް މަޑުޖައްސާލާފައިވާކަމަށް ޚަބަރު ލިބެއެވެ. އެގޮތުން ލީބިއާގެ ވެރިކަން ހޯދުމަށް ކުރަމުންދާ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމަށް އެއްބަސްވުމަކަށް އައިސްފައިވާއިރު، ދާދިފަހުން ކާފިއު އިއުލާންކޮށް މަސްރަހު ނުތަނަވަސްވެގެން ގޮސްފައިވާ ކަޝްމީރުގައިވެސް ބައެއް ކަހަލަ ދޫދިނުންތައް ތަންފީޒު ކުރަމުންދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ފިލިޕީންސްގައި އަޟްޙާ ޢީދު ނަމާދު ކުރަނީ/ފޮޓޯ: ޓްވިޓާ

އަޟްޙާ ޢީދާ މެދުއިރުމަތީގެ ބައެއް ގައުމުތަކުން ކުރިމަތިލާފައިވަނީ ހަނގުރާމައާއި ސިޔާސީ ކޯޅުންގަނޑު ތެރެއިންނެވެ. އެގޮތުން އިސްރާއީލުގެ ފިއްތުންތަކުގެ ސަބަބުން އިންތިހާއަށް ތަކުލީފު ޖެހިފައިވާ ޣާއްޒާގައި ޢީދުގެ ކުލަތައް ފަނޑުވެފައިވާކަމަށް ޚަބަރު ލިބެއެވެ. އަޟްޙާ ޢީދަކީ ޤުރުބާނީގެ ޢީދެއްގެ ގޮތުގައި ސިފަކުރަމުން އަންނައިރު އުޟުހިއްޔާ ކަތިލެވޭނެ ތަނަވަސްކަން ކުރިން ލިބުނު ކިތަންމެ ބަޔަކަށް މިހާރު އެތަނަވަސްކަން ނެތްކަމުގެ ހިތްދަތިކަން ދަނީ ފާޅުކުރަމުންނެވެ.

ބައިނަލްއަގުވާމީ މަސްރަހަށް ބަލާއިރު، އަޟްޙާ ޢީދުގެ މުނާސަބާ އެންމެ ކުލަގަދަކޮށް ފާހަގަކުރަމުންދަނީ އެކުވެރި ޢަރަބި އިމާރާތުގައެވެ.