ޓެކްސީ ޑްރައިވަރުން ބޭނުންވަނީ މީޓަރު ހަރުކޮށްގެން ދަތުރުކުރަން ކަމަށާ، އަގު ހަމަވުމުން އެތަނަކަށް ހުއްޓާފައި ފަސިންޖަރުން ބާލާނެ ކަމަށް ޓެކްސީ އެސޯސިއޭޝަނުން ބުނެފިއެވެ. ޓެކްސީ އެސޯސީއޭޝަނުގެ ރައީސް އަބްދުﷲ އިބްރާހިމް އިތުރަށް ބުނީ އޭރުން ދެފަރާތަށް ވެސް މައްސަލައެއް ނުޖެހި ދަތުރު ނިންމާލެވޭނެ ކަމަށެވެ.

ޓެކްސީތަކުގެ އަގަށް ގެނައި ބަދަލާއެކު ޓެކްސީ ޑްރައިވަރުން އަންނަނީ ނުރުހުން ފާޅުކޮށް އެގަގުގައި ދަތުރު ނުކުރެވޭނެކަމަށް ބުނަމުންނެވެ. ނަމަވެސް އެޕް ބޭނުންކޮށް މީޓަރު ޖައްސައިގެން ދަތުރު ކުރާނަމަ އެކަމަށް ތާއިދު ކުރާނެ ކަމަށް ޓެކްސީ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ޓެކްސީތަކަށް ކަނޑައެޅި އަގާ ގުޅޭގޮތުން ޓެކްސީ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އިބްރާހިމް ބުނީ ޑްރައިވަރުން ބޭނުންވަނީ މީޓަރު ކަމަށެވެ. އެއިރުން ފަގީރު މީހާ ފަގީރުކޮށް އަދި މޮޅު މީހާ މޮޅުކޮށް ދަތުރު ކުރެވޭނެ ކަމަށެވެ.

"އެހެންވީމަ 20 ރުފިޔާއަށް ވެސް ދަތުރުކުރަންވީ. 50 ރުފިޔާ ޖީބުގައި އޮތް މީހާ އެވަރަށް ދަތުރުކުރަންވީ. ޝޯޓްކަޓެއް ޖައްސަން ބޭނުންވީމަ މީޓަރު ޖައްސައިގެން ދާންވީ، އެ ދާންވާ އިރަށް މާފަންނު ސަހަރާ ކައިރިއަށް މީޓަރު ހަމަވެއްޖެއްޔާ ފައިބައިގެން ދާންވީ. އެއްކަލަ ވިހި ރުފިޔާ ހަމަޖައްސަން މީޓަރު ހުރީމަ ހަމަޖެހުނީ ނޫންތޯ،"
ޓެކްސީ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ

އޭނާ ވިދާޅުވީ މީޓަރު ޖައްސައިގެން ދުއްވާ އިރު، އެ ހަމަޖައްސާ އަގަށް މީޓަރު ހަމަވުމުން ފަސެންޖަރު ޖެހޭނީ ފައިބަން ކަމަށެވެ. އަދި އެކަމަށް ފަސެންޖަރުންނަށް އިންކާރެއް ނުކުރެވޭނެ ކަމަށާއި، އެއީ އެޕުން އެޖަހާ ލޮކޭޝަނަކަށް ދެވުނީމައި އެ ދެވުނީ ކަމަށެވެ.

"އެހިސާބުން ސްޓޮޕް. ފައިބަން ޖެހޭނީ. ޗާޖް ކުރާނީ ސްޓޮަޕަށް އެއިރުން،"
ޓެކްސީ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ

ޓްރާންސްޕޯޓް މިނިސްޓްރީ ޓެކްސީ ދަތުރުކުރެވޭނެ އެންމެ ބޮޑު އަގު ކަނޑައަޅާ އެއަށް އަމަލުކުރުމަށް ވަނީ ޓްކްސީ ޑްރައިވަރުންނަން އަންގާފައެވެ. ނަމަވެސް އެ އަގަކީ އެއްވެސް މަޝްވަރާ ކުރުމެއް ނެތި ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކެއް ކަމަށް ޓެކްސީ އެސޯސިއޭޝަނުން ބުނި ނަމަވެސް ސަރުކާރުން ބުނީ އެ އަގު ކަނޑައަޅާފަނީ އެތައް ފަހަރެއްގެ މަޝްވަރާއަށް ފަހު ކަމަށެވެ.

މިހާރު ސަރުކާރުން ހަމަޖައްސާފައި ވަނީ ހުޅުމާލެއަށް ޓެކްސީ ދަތުރެއް ކުރެވޭނެ އެންމެ ބޮޑު އަގަކީ 75 ރުފިޔާ ކަމަށެވެ.

މީގެ އިތުުރުން ހުޅުމާލެ އިން ހުޅުލެ އަށް އަދި ހުޅުލެ އިން ހުޅުމާލެ އަށް ކުރެވޭ ދަތުރެއްގެ އަގު 60 ރުފިޔާ ކަމަށް ވަނީ ކަނޑައަޅާފައެވެ. ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މާލޭ ސަރަހައްދުގައި ޓެކްސީ ފެއާ ބޮޑުކަމަށް ރައްޔިތުން ޝަކުވާ ކުރަމުން ދިއުމާ ގުޅިގެން ޓެކްސީ ސެންޓަރުތަކާއި ޓެކްސީ ޑްރައިވަރުން އަދި އާންމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ފަހު ޓެކްސީ ދަތުރުގެ ހިދުމަތް މިއަދުން ފެށިގެން މޮބައިލް އެޕްލިކޭޝަން މެދުވެރި ކޮށްގެން ފޯރުކޮށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.