އެއްވެސް އިރެއްގައި ޓެކްސީގެ އަނގުކަނޑައަޅެމާ މެދު އެއްވެސް ޓެކްސީ ސެންޓަރަކާ ވެސް އަދި ޓެކްސީ ޑްރައިވަރަކާ ވެސް ވާހަކަ ނުދައްކާ ކަމަށާއި، ޓެކްސީގެ އަގު ސަރުކާރުން ކަނޑައެޅީ އެއްވެސް މަޝްވަރާކުރުމެއް ނެތިކަމަށް ޓެކްސީ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އިބްރާހިމް ބުނެފިއެވެ.

އަބްދުﷲ ބުނީ ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ އެސޯސިއޭނާވެސް އަދި ސެންޓަރަކާ ވެސް އެކަމާ ގުޅިގެން މަޝްވަރާ އަަކަށް ދާން ބޭނުން ނުވާ ކަމަށެވެ. އަދި މިހާރު ކަނޑައަޅާފައިވާ އަގަކީ 'މަތިން އަންގާފަ އޮތް އަގު' ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށް އޭނާ ބުނެއެވެ.

"ކުރިންވެސް އަދި ދަރުބާރުގޭގައި ވެސް ދެކެވުނު ވާހަކައަކީ އޭގެ އަގުބޮޑު ވާހަކަ. ދެން އަގު ކުޑަކުރަން ވާހަކަ ދެއްކީ. އެމީހުން ބުނަނީ އަގު ކަނޑައަޅާފައިވަނީ ޑްރައިވަރުންނާއި ވެރިންނާއި އެކި އެހެނިހެން މީހުންނާ ވާހަކަދައްކާފައި ކަމަށް. އަޅުގަނޑުމެންނާ އެވާހަކަތަކެއް ނުދައްކާ."
އަބްދުﷲ

އޭނާ ބުނީ ޓެކްސީ ސެންޓަރުތަކާއި ވެރިންނާއި އެންމެ ފުރަތަމަ ދެކެވުނު ވާހަކައަކީ މީޓަރުގެ ވާހަކަ ކަމަށެވެ. އަދި އަގުގެ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށާއި، މީޓަރެއް ތައްޔާރުކުުރުމާްއި، އެޕެއް ތައްޔާރުކުރުމުގެ ވާހަކަ އަބަދުވެސް ދެކެވެމުން ދިޔަ ކަމަށެވެ. އަދި އެޕެއް ތައްޔާރު ކޮށްގެން އޭގެ ތެރެއަށް މީޓަރު ލައިގެން މީޓަރުން ދަތުރުކުރަން ވާހަކަ ދެކެވުނު ކަމަށާއި، އެކަމުގައި މައްސަލައެއް ނެތް ކަމަށެވެ.

އަބްދުﷲ ބުނީ ހުރިހާ ޑްްރައިވަރުން ތައްޔާރުވީ އެޕަށް މީޓަރު ލައިގެން ދަތުރުތައް ކުރުމަށް ކަމަށެވެ. ނަމަވެސް ކުއްލިއަކަށް އައީ 60 ރުފިޔާ 70 ރުފިޔާގެ ފިކްސްޑް ރޭޓެއް ކަމަށާ، މިއީ އަސްލު އެންމެ ކަންބޮޑުވާ އެއްކަންތައް ކަމަށެވެ.

"އަޅުގަނޑުމެން މާލޭގައި ޓެކްސީ ދުއްވަން ފެށިއިރުން ފަށައިގެން، ސަރުކާރު ހަރަދުގައި އަޅުގަނޑުމެންނަށް ނޯންނާނެ ބައި ރުފިޔާއެއްވެސް ދީފައި. ފޯރަމްގައި އެއްވެސް މީހަކު ސަރުކާރުން ކަނޑައެޅި އަގަށް އެއްބަސް ނުވޭ. އަދި އެ އަގު ފާސްކުރަން ދިޔަ ބަޔަކު މިނިސްޓްރީގެ މީހުންނަށް ނުދެއްކުނު. އެކަހަލަ ގަވާއިދެއް ހަދާ ގެޒެޓް ކުރަންވާނީ އޭގައި އެމީހުން ބުނާގޮތަށް އެކަން ކޮށްފައި. ނަމަވެސް ޓެކްސީ ޑްރައިވަރުންނާއި ވެރިން އެއްބަސްވި އަގެކޭ ކިޔާފައި ނެރުނީމަ ކަމަކު ނުދޭ،"
އަބްދުﷲ

އޭނާ ބުނީ މިނިސްޓްރީން ދޮގު ވާހަކަތަކެއް ފަތުރައިގެން ކުރަން އެއުޅޭ ކަމަކީ އާންމުންނާއި ޓެކްސީ ޑްރައިވަރުންނާއި ޖެއްސުން ކަމަށެވެ. ޓެކްސީ އެސޯސިއޭޝަނުން ވަނީ ޓެކްސީގެ އަގުތަކަށް ގެނައި ބަދަލާ ގުޅިގެން ސިވިލް ކޯޓަށް ވެސް މައްސަލައެއް ވައްދާފައެވެ.

ސަރުކާރުން ކަނޑައެޅި އަގުތަކާ ދެކޮޅު ހަދާ ޓެކްސީ އެސޯސިއޭޝަނުން ސަރުކާރަށް ސިޓީއެއް ފޮނުވި އިރު އޭގައި ޖަހާފައިވާ ތައްގަނޑިތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ. އެގޮތުން އެ ސިޓީގައި ތައްގަނޑު ޖަހާފައިވާ ޓެކްސީ ސެންޓަރަކުން ވަނީ އެ ތައްގަނޑުތަކަކީ އެ ސިޓީ ތައްޔާރު ކުރި ބަޔަކު ވަގަށް ހަދައިގެން ޖަހާފައިވާ ތައްގަނޑެއް ކަމަށް ބުނެފައެވެ. އެހެން ކަމަށް ވުމާއެކު ޓެކްސީ އެސޯސިއޭޝަނުން ދައްކާ ވާހަކަ އާ މެދު އާންމުން ގެންދަނީ ސުވާލުގެ ނަޒަރަކުން ބަލަމުންނެވެ.