ކޮންމެ އަހަރެއްގެ ވެސް ޙައްޖު މޫސުމާ ދިމާކޮށް ސައުދީ އަރަބިއްޔާއިން ހިލޭ ސާބަހަށް ހިންގާ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ "ސޭވް އަ ލައިފް" ކެމްޕޭންގެ މި އަހަރުގެ ހަރަކާތްތައް ވެސް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންގޮސްފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

"ސޭވް އަ ލައިފް" ކެމްޕޭންގެ ދަށުން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކިންގް ޢަބްދުﷲ މެޑިކަލް ސިޓީގައި 160 އަށްވުރެ ގިނަ ސާޖަރީ ވަނީ ހާދާފައެވެ. ފޯރުކޮށްދީފައިވާ ބައެއް ހިދުމަތްތަކުގެ ތެރޭގައި ކާޑިއެކް ކެތީޓަރައިޒޭޝަންގެ 160 ސާޖަރީއަކާ، އޯޕަން ހާޓް 3 ސާޖަރީއެއް ހިމެނެއެވެ.

ކޮންމެ އަހަރެއްގެ ވެސް ޙައްޖު މޫސުމާ ދިމާކޮށް ސައުދީގެ ސިއްހަތާ ބެހޭ ވުޒާރާއިން ހިންގާ "ސޭވް އަ ލައިފް" ހަރަކާތަކީ، ހިތުގެ އޮޕަރޭޝަންތަކުން ފެށިގެން ގޮސް މާބަނޑު އަންހެނުން ވިއްސުން ފަދަ ސީރިއަސް ސިއްހީ ފަރުވާގެ އެހީ، ހިލޭ ސާބަހަށް ފޯރުކޮށްދިނުމަށް ހިންގާ ހަރަކާތެކެވެ.

މި ކެމްޕޭންގެ ދަށުން ހިދުމަތް ފޯރުކޮށްދިނުމުގައި 30000 އަށްވުރެ ގިނަ މެންބަރުން ހަރަކާތްތެރިވަމުން ދެއެވެ. މިފަހަރުގެ ޙައްޖުގެ އަޅުކަމާއި ދިމާކޮށް، މެޑިކަލް އެއިޑުންނާ ފީލްޑް ޓީމުތަކުގެ ގޮތުގައި 1141 މެންބަރަކު ހަރަކާތްތެރިވާ ކަމަށް މައުލޫމާތު ލިބެއެވެ.