ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް މަގާމުން ވަކިކުރުމަށް އަނެއްކާވެސް ހުށަހަޅައިފިއެވެ.
ބިޝާމް މަގާމުން ވަކިކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕަށް ހުށަހެޅީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ. ސިރާޖު ވިދާޅުވީ މިނިވަން މުއައްސަސާތަކުން މީހުން ވަކިކުރަން އޮންނަނީ ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅާ، ލީޑަރުންނާ އަދި ޕާލަމެންޓްރީ ގްރޫޕުގެ މަޝްވަރާ ކުރުމަށް ފަހު ގޮތެއް ކަނޑައެޅުން ކަމަށެވެ. އަދި ޕީޖީއަށް އިތުބާރު ނުކުރެވޭތީ މަގާމުން ވަކިކުރަން ފެންނަ ކަމަށް ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅާފައިވާ ކަމަށެވެ.
ސިރާޖު މި މައްސަލަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ހުށަހެޅީ މީގެ ތިން ހަފްތާ ކުރިންނެވެ. ނަމަވެސް އެކަމާ މެދު ޕާލަމެންޓްރީ ގްރޫޕުން ވަކިގޮތެއް ނުނިންމައެވެ.
ޕީޖީ ބިޝާމް މަގާމުން ވަކިކުރަން ހުށަހެޅި އިރު، ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަދި މޭޑޭގެ މުޒާހަރާގައި ހައްޔަރުކޮށް ޖަލުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ މައްސަަލައިގައި ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި ސިއްހީ ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމުގެ ތުހުމަތު ކުރެވޭތީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އަބްދުﷲގެ މަރުގެ މައްސަލައިގައި އިހުމާލުވާ ކަރެކްޝަންސްއާ ދެކޮޅަށް ދައުވާކޮށްދިނުމަށް އެދި ހުށަހެޅިއެވެ. ނަމަވެސް ޕީޖީން ވަނީ ދައުވާނުކޮށްދީ މައްސަލަ އަނބުރާ ފޮނުވާލައިފައިވެއެވެ.
އަދި ނޫސްވެރިޔާ ރިޟްވާން ގެއްލުނު މައްސަލައިގައި ދައުލަތުން ދައުވާކުރި މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުށް ސާބިތު ނުވާކަމަށް ހުކުމް ކުރި ދުވަހު، އެ މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަ އަށް ހައި ކޯޓުގައި އެދިފައި ނުވާކަމަށް ހައިކޯޓުން ވަނީ ރިޟްވާންގެ އާއިލާއަށް މައުލޫމާތު ދީފައެވެ.
ޕީޖީ ބިޝާމް މަގާމުން ވަކިކުރަން މިދިޔަ އަހަރުގެ ފަހުކޮޅު ވެސް މަޖިލީހަށް ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލަ މަޖިލީހުން ބޭރުކޮށްލިއެވެ.