ބިޒީކޮށް ދިޔަ ދުވަސްތަކަށްފަހު މުޅި މާލެ ފަޅުކޮށްލާފައި ގިނަ ބަޔަކު ވަނީ އީދު ޗުއްޓީއަށް ރަށްރަށަށް ފުރައިގެން ގޮސްފައެވެ. އަދިވެސް ފުރަމުންދާ މީހުން މަދެއް ނޫނެވެ. މިއީ ތޮއްޖެހިފައިވާ މާލޭގެ ކާރުބާރު ބޮޑުކަމަށް މަޑުކަމެއް އައިސް މުޅި މާލެ ހިމޭންވާ ވަގުތު ކޮޅެކެވެ. ނަމަވެސް މި ހިމޭންކަމުގެ ފައިދާ ނަގާ މީހުން ވެސް މަދެއް ނޫނެވެ.

ފުރަން ތައްޔާރުވާ އިރު ކޮންމެ މީހަކުވެސް ބޮޑު ލިސްޓެއް ހަދައެވެ. ނަމަވެސް އެ ލިސްޓުން ބައެއް ކަންކަމަށް ޖާގަ ނުލިބުމުގެ ސަބަބުން ލަނޑު ލިބޭ މީހުން މަދެއް ނޫނެވެ. އީދަށް މުޅި މާލެ ހުސްކޮށްލާފައި ތި ދިޔައީ ހަމަ އެ ލިސްޓް ފުރިހަމަ ކޮށްފަ ހެއްޔެވެ. ކުރިއަށް އޮތް އަޟްހާ އީދު ބަންދުގައި ރާއްޖެއިން ބޭރަށް ނުވަތަ އަތޮޅު ތެރެއަށް ޗުއްޓީއަށް ދިއުމުގެ ކުރިން ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް އިސްކަންދިނުމާއި ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅީ ކިތައް މީހުން ހެއްޔެވެ.

ފުރުމުގެ ކުރިން މިކަންކަން ކޮށްލާ

ޗުއްޓީއަށް ދިއުމުގެ ކުރިން، ގޭގައި ހުންނަ އަގުބޮޑެތި އަދި ފަސޭހައިން އުފުލައި ގެންގުޅެވޭ ޒާތުގެ ތަކެތި ރައްކާކުރުމާއި ގޭގައި ފައިސާ ރައްކާކުރުމުގެ ބަދަލުގައި ބެންކަށް ފައިސާ ޖަމާކުރުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެކެވެ. އަދި ޕާސްޕޯޓާއި އައިޑީ ކާޑު އަދި ކޭޝްކާޑު ފަދަ މުހިންމު ތަކެތި ހާމަތަންތަނުގައި ނުބަހައްޓައި ރައްކާކުރުމަކީ ވެސް މުހިންމުކަމެކެވެ.

މީގެއިތުރުން ދިރިއުޅެމުންދާ ގެ ނުވަތަ އެޕާޓްމަންޓް ހުސްކޮށް ބަހައްޓާފައި ރަށުން ބޭރަށް ދާނަމަ އިތުބާރުކުރެވޭ ޒިންމާދާރު ފަރާތަކާ ތަން ހަވާލުކުރުމާއި ގޭގައި އެކަށީގެންވާ އަލިކަމެއް ބެހެއްޓުމަކީ ސަމާލުކަންދޭންޖެހޭ މުހިންމު ކަމެކެވެ. އަދި ގެއަށް ފަސޭހައިން ވަދެވޭގޮތަށް ހުރި ތަންތަން ރަނގަޅަށް ބަންދުކުރުމަކީވެސް ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

އަދި ގެއިން ބޭރުގައި ބަހައްޓާފައި ހުންނަ ބޫޓު ނުވަތަ ފައިވާން ފަދަ ތަކެތީގެ ތެރޭގައި ތަޅުދަނޑި ފަދަތަކެތި ނުބެހެއްޓުމާއި ގޭގެ އެއްވެސް ދޮރެއްގެ ތަޅު ހަލާކުވެފައި ހުރިނަމަ ތަޅު ބަދަލުކޮށް ތަޅުދަނޑި ފަދަ ތަކެތި އިތުބާރުކުރެވޭ ޒިންމާދާރު ފަރާތެއްގެ އަތުގައި ރައްކާކުރުމަކީ ވެސް ކުރެވިދާނެ މުހިންމު ކަމެކެވެ.

މާލޭގެ ގެއެއްގެ މަތިން ނަގާފައިވާ ފޮޓޯއެއް / ފޮޓޯ: އެފްބީ

މީގެ އިތުރުން ކަރަންޓު ޝޯޓުވުން ނުވަތަ ގޭސް ލީކުވުން ފަދަ ނުރައްކާތެރި ހާދިސާއެއް ހިނގުމަށް މެދުވެރިވެދާނެ ފަދަ ކަމެއް ގޭގައި ހުރިތޯ ރަނގަޅަށް ބެލުމަކީ ވެސް ކުރަންޖެހޭ މުހިންމު އެއްކަމެވެ. އެގޮތުން ދިިރިއުޅެމުންދާ އެޕާޓްމަންޓް ނުވަތަ ގެ ހުސްކޮށްފައި ދާކަމުގައި ވާނަމަ ގޭސްފުޅި ނައްޓާލުމާއި އިލެކްޓްރިކް އަދި އިލެކްޓްރޯނިކް ސާމާނުތަކުގެ ތެރެއިން ކަރަންޓު ކަނޑާލާފައި ބެހެއްޓޭ ޒާތުގެ ތަކެތިން ކަރަންޓު ކަނޑާލުމަކީ ވެސް ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެކެވެ.

ޗުއްޓީގައި ރަށުން ބޭރަށް ދިޔައީ ސައިކަލަށް ކިހިނެއް ހަދާފައި

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޗުއްޓީތަކުގައި ސައިކަލު ވަގަށް ނަގާ މިންވަރު އިތުރުވެއެވެ. އަދި އެފަދަ މައްސަލަތައް ހުށަހެޅެނީ ޗުއްޓީ ނިމޭފަހުން އޭގެ ވެރިން އެނބުރި އައިސް އެ ހޯދާ ނުފެނުމުންނެވެ. މީގެ އިތުރުން ވެސް ގަވާއިދާ ހިލާފަށް ޕާކް ކޮށްފައި ހުންނަ ނަމަ، ޓޯ ކުރުމުގެ ފުުސަތުވެސް ބޮޑެވެ.

ފުލުހުން ބުނީ ސައިކަލުތައް މަގުމައްޗަށް ދޫކޮށްލާފައި ހުންނައިރު ވަގަށް އެ ނުގެންދެވޭނެ ގޮތަށް ޕާކުކޮށް ޝަޓާލޮކްކޮށް ނުވަތަ ޑިސްކް ލޮކްކޮށް ނުވަތަ ޑިސްކް ތަޅެއް އެޅުން ވަރަށް މުހިންމު ކަމަށެވެ. އަދި ގިނައިން ވަގަށް ނަގަނީ ވޭވް ބްރޭޑްތަކުގެ ސައިކަލުކަމަށް ފުލުހުން ބުނާ އިރު، އެ ބްރެންޑުގެ ސައިކަލުތައް ހާއްސަ ސަމާލުކަމެއްދިނުމަކީ މުހިންމު ކަމެކެވެ.

މާލޭގައި ޕާކަށް ޖެހުން މަނާތަނެއްގައި ގިނަ އަދަދެއްގެ ސައިކަލް ޕާކަށް ޖަހާފައި

މީގެ އިތުރުން ވެސް މަޑިދަށުގައި އަގުބޮޑު އެއްޗެހި ބަހައްޓާފައި އެ ކަމުން ހަނދާން ނައްތާލާ މީހުން ވެސް މަދެއް ނޫންނެވެ. ދެން ފެންނަނީ މަޑި ފަޅާލައިގެން އެ ވަގަށް ނަގާ މަންޒަރެވެ. ފުލުހުން ބުނެފައިވަނީ ސައިކަލު ޕާކުކޮށްފައި ދާއިރު އަގުބޮޑު މުދާ ސައިކަލު މަޑިދަށުގައި ނުބެހެއްޓުމަށް އެދޭ ކަމަށާއި، ގިނަ ފަހަރަށް މަޑިދަށުގައި ހުންނަ މުދާ ވަގަށް ނަގާ ކަމަށް ރިޕޯޓްކުރާކަމަށެވެ.

މިކަމަށް ވެސް ހައްލެއް އެބަ އޮތެވެ. މާލޭގައި ރަނގަޅަށް ޕާކް ކުރެވޭނެ މީހުން ގިނަ ހިސާބެއްގައި ނުވަތަ ގޭގެ ކުރިމަތީގައި ޕާކް ކުރެވިދާނެއެވެ. އަދި ސީސީޓީވީ ކެމެރާ ހުންނަ ނަމަ އެތަނެއް ވަކިން ރަނގަޅެވެ. ނުވަތަ ޗުއްޓީއަށް ނުދާ ރަހުމަތްތެރިއެއްގެ ނުވަތަ އާއިލާގެ މީހެއްގެ އަތަށް ސައިކަލު ހަވާލުކުރާށެވެ. މިގޮތަށް ހަވާލުކުރުމުގެ ކުރިން އެމީހަކު އަތުގައި ލައިސަންސް އޮތްތޯ ޔަގީން ކުރާށެވެ.

އޮފީސްތައް ހުރީ ރައްކާތެރިކޮށްތަ!

ކުރިއަށް އޮތީ 8 ވަރަކަށް ދުވަހުގެ ޗުއްޓީއެކެވެ. އޮފީހެއް ތަނެއް ނުހުޅުވާނެއެވެ. ނަމަވެސް މިފަދަ ޗުއްޓީތަކުގެ އެންމެ ބޮޑު އެ ޝިކާރައަކަށް ވަނީ ތަޅުލާފައި ހުންނަ އޮފީހެވެ. މިކަންކަމުން ރައްކާތެރިވުމަށް ފުލުހުން ބުނީ، ކޮންމެ ދުވަހަކުވެސް މީހަކު ލައްވާ އޮފީސް ހުރިތަން ނުވަތަ ސަރަހައްދު ބަލާ ޗެކް ކުރުމަށެވެ. އަދި ސެކިއުރިޓީއެއް އުޅޭނަމަ ރަނގަޅަށް އެތަންތަން ބެލުމަށް އިރުޝާދު ދިނުން މުހިންމު ކަމަށެވެ.

ގިނަ އަދަދެއްގެ ސަރުކާރު އޮފީސް ހުންނަ ހިސާބު

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ޗުއްޓީތަކުގައި ޕްރައިވެޓް އޮފީސްތައް ފާޅާލާ ވައްކަން ކުރުމުގެ ރިޕޯޓްތައް ގިނަވެއެވެ. އެހެންކަމުން އޮފީހުގައި ހުންނަ މުހިންމު ލިޔެކިޔުންތައް ރައްކާތެރިކުރުމާއި، ފައިސާ ގެންގުޅޭނަމަ ބޭންކަން ޖަމާކުރުން މުހިންމެވެ.

ޗުއްޓީގެ އުފާވެރިކަން ކަށަވަރު ކުރާތި

ޗުއްޓީ ދުވަސްވަރު ރަށްރަށަށް ދަތުރު ދިއުމާއި މަސްދަތުރު ދިއުންފަދަ ކަންކަންކަން ކުރުމާއި މޫދަށް އެރި އުޅުމުގައި ހިތާވެރި ހާދިސާތައް ދިމާވެފައި އެބަހުއްޓެވެ. އެހެންކަމުން ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ ކުޑަކުދިން އެކަނި ގޮނޑުދޮށަށް ދޫކޮށްނުލުމަކީ މުހިންމު ކަމެކެވެ. އަދި ދާ ތަންތަނުގެ މޫދާ ތަންތަނުގެ މައުލޫމާތު ހޯދުމާއި، މަސް ދަތުރު ދާނަމަ، އެކަން ބަޔަކަށް އަންގާ ނުވަތަ ދާ އުޅަނދުގައި ސަލާމަތާ ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅު އަޅާފައިވޭތޯ އަމިއްލައަށް ޗެކްކުރުން މުހިންމެވެ.

އީދުގެ ހަރަކާތްތައް ރަށެއްގައި ކުރިއަށްދަނީ

ފަޅު ރަށްރަށަށް ދާނަމަ، އެކަން އާއިލާގެ ބަޔަކަށް އެންގުން މުހިންމެވެ. މިހެން ހަދަން ޖެހެނީ ފަޅު ރަށްރަށަށް ގޮސް އުޅޭ އިރު ދިމާވެދާނެ ކަމަކަށް ބަލާ ސަމާލުވުމަށެވެ. އަދި އެގޮތަށް އަންގާފައިވާނަމަ އާއިލާއިން އެކަން ބަލާ އަވަށް ފިޔަވަޅު އެޅޭނެއެވެ.

އީދު ތެރޭގައި މަޖާ ކުރުމާއި ކުޅިވަރު ކުޅުންވެސް އޮވެއެވެ. ނަމަވެސް އީދު ފާހަގަކުރާ އިރު، އިސްލާމީ ހުދޫދުގެ ތެރޭގައި ތިމާއަށާއި އެހެން މީހަކަށް އަނިޔާއެއް ނުވާނެގޮތަށް އަމަލު ބެހެއްޓުމަކީ މުހިންމު ކަމެކެވެ.