މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލި މައްސަލައިގައި ދައުލަތުން ދައުވަކުރި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކުރުމުގެ ހުއްދައަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހައި ކޯޓުގައި އެދިފައި ނުވާކަމަށް އެ ކޯޓުން ބުނި ބުނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދޮގުކޮށްފިއެވެ.
ޕީޖީ އޮފީހުން ރިޟްވާންގެ މައްސަލައިގައި ހައިކޯޓުން ދެއްކި ވާހަކަ ދޮގުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ޕީޖީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިތޯ ރިޟްވާންގެ އާއިލާއިން ސާފުކުރުމުން ހައިކޯޓުން ރިޟްވާންގެ އާއިލާއަށް ފޮނުވި ޖަވާބާ ގުޅިގެންނެވެ.
ރިޟްވާންގެ މަންމަ ހައިކޯޓަށް ފޮނުވި ސިޓީގެ ޖަވާބުގައި އެކޯޓުން ބުނެފައިވަނީ ރިޟްވާންގެ މައްސަލަ އިސްތިއުނާފު ކުރުމަށް ނުވަތަ އިސްތިއުނާފު ކުރުމުގެ ހުއްދައަކަށް ދައުލަތުން އެދިފައިވާ ކަމަށް މި ކޯޓުގެ ރެކޯޑްތަކުން ފެންނަން ނެތް ކަމަށެވެ.
ރިޟްވާން ގެއްލުނުތާ ފަސް އަހަރު ފާއިތުވެ، އަދި އޭނާ ގެއްލުވާލިކަމަށް ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާ އިރުވެސް އެ މައްސަލައިގެ އިސްތިއުނާފުގެ މަރުހަލާ ހައި ކޯޓުގައި ފަށާފައި ނުވެއެވެ.
ހައިކޯޓުން ރިޟްވާންގެ އާއިލާއަށް ފޮނުވި ޖަވާބުގެ މައްސަލައިގައި ޕީޖީ އޮފީހުން ރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރިޟްވާންގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދައަށް ހައި ކޯޓުގައި އެދިފައި ވާނެކަމަށާ، އޭގެ ޖަވާބު ވެސް ލިބިފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި އިސްތިއުނާފު ކުރުމުގެ ހުއްދައަށް ހައިކޯޓުގައި އެދުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ދެވަނަ ދުވަހުއެވެ. އެއީ ކުރިމިނަލް ކޯޓުން ހުކުމް ވެސް ކުރި ދުވަހެވެ. އެ ހުއްދައަށް އޭގެ ހަތަރު ދުވަސް ފަހުން ހައިކޯޓުން ޖަވާބު ދީފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
ނޫސްވެރިޔާ ރިޟްވާންގެ މައްސަލަ މަރުކޮމިޝަނުން ވެސް އަންނަނީ ބަލަމުންނެވެ. އެ ކޮމިޝަނއގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީީ ރިޟްވާން ގެއްލުވާލުމުގެ އަޑީގައި ތިބި "ޓެރަރިސްޓް ގްރޫޕް" ހޯދިފައިވާ ކަމަށެވެ.
ސުއޫދު ކުރެއްވި ޓްވީޓުތަކެއްގައި ވިދާޅުވީ އެކަމުގައި ބައިވެރިވި ޓެރަރިސްޓް ގްރޫޕްގެ ތަފްސީލީ މައުލޫމާތު މި މަސް ނިމުމުގެ ކުރިން ހާމަކުރަން ކޮމިޝަނުން ވިސްނަމުން އަންނަ ކަމަށެވެ. އަދި ޓެރަރިސްޓް ގްރޫޕްގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ކޮމިޝަނަށް ހެކި ހޯދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ނަމަވެސް އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ވެފައެއް ނުވެއެވެ.