މިއަދަކީ ޙައްޖުގެ އަޅުކަން އެދިގެން ސައުދީ އަރަބިއްޔާއަށް ޖަމާވެފައިވާ މުސްލިމު އަޚުންނާ އަޚުތުން، ޙައްޖުގެ ސީދާ އަޅުކަމަށް ފެށި ދުވަހެވެ.

ޙައްޖުވެރިން މައްކާއަށް ދިޔުމާއި އެކު ޠޮވާފުލްޤުދޫމް ކުރުން އޮވެއެވެ. މިއީ ޙައްޖަށް ނިޔަތްގަނެގެން މައްކާ އަށް ގޮސް ފުރަތަމަ ކުރާ ޠަވާފްއެވެ. އެއަށްފަހު ދެން އޮންނަނީ ސަޢުޔުކުރުމެވެ. އެއީ ޞަފާއާއި މަރުވާގެ ދެމެދުގައި ހަތް ފަހަރު ހިނގުމެވެ.

ޙައްޖުގެ މަނާސިކުތަކަށް ބަލާއިރު ދެން އޮންނާނީ ބޯ ބޭލުން ނުވަތަ ކުރުކޮށް ކޮށުމެވެ. އަންހެނުން އިސްތަށިގަޑުން ކުޑަ އިސްތަށިކޮޅެއް ކަނޑާލުމުން ފުދޭނެއެވެ.

ޙައްޖުމަހުގެ އަށްވަނަ ދުވަހު (މިއަދު) މިނާއަށްގޮސް އެރޭ މިނާގައި ރޭކުރަން (ހޭދަކުރަން) ޖެހެއެވެ. މައްކާއިން މިނާއަށް ކުރާ ދަތުރަކީ ގާތްގަނޑަކަށް 5 ކިލޯމީތަރުގެ ދަތުރެކެވެ.

ޙައްޖުވެރިން މިރޭ މިނާގައި މަޑުކުރުމަށްފަހު، މިނާގައި ފަތިސް ނަމާދުކޮށްގެން ޢަރަފާތު ބިމަށް ދަތުރު ފަށާނީ މާދަމާ (ޙައްޖު މަހުގެ 9 ވަނަ ދުވަހުގެ) ހެނދުނުއެވެ. ޙައްޖުމަހުގެ 9 ވަނަ ދުވަހު އިރުއެރުމުން މިނާ ދޫކޮށް ޢަރަފާތަށް ގޮސް އެދުވަހުގެ އިރުއޮއްސިއްޖެއުމަށް ދާންދެން ޢަރަފާތުގައި މަޑުކުރުމަކީ ޙައްޖުގެ މަނާސިކުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.