1440 ވަނަ އަހަރުގެ ޢަރަފާތު ދުވަހުގެ ޚުތުބާ ދެއްވާނީ، ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ކޮމިޓީގެ މެމްބަރު އައްޝައިހު މުޙައްމަދު ބިން ޙަސަން އަލް-ޝައިހުކަމުގައި ޚާދިމުލް ޙަރަމައިނި އައްޝަރީފައިން އިން އިއުލާންކޮށްފިއެވެ.

އައްޝައިހު މުޙައްމަދު ބިން ޙަސަން އަލް-ޝައިހުއަކީ، ޚާދިމުލްޙަރަމައިނި އައްޝަރީފައިން ކޮމްޕްލެކްސް ފޯ ޙަދީޘްގެ ރައީސްވެސްމެއެވެ. އޭނާ މި މަގާމަށް އިސްކުރެވުނީ ސައުދީ ޝާހީ އޯޑަރަކަށް، ހިޖުރައިން 1439 ވަނަ އަހަރުގެ މުޙައްރަމު މަހުގެ 27 ވަނަ ދުވަހުއެވެ.

ހައި ސްކޫލް ތައުލީމު ފުރިހަމަ ކުރެއްވުމަށްފަހު އައްޝައިހު މުޙައްމަދު ބިން ޙަސަން އަލް-ޝައިހު ގުޅިވަޑީގަތީ، ސައުދީގެ ވެރިރަށް ރިޔާދުގައި ހުންނަ، އިމާމު މުޙައްމަދު ބިން ސައުދު އިސްލާމިކް ޔުނިވާސިޓީގެ ޝަރީޢާ ފެކަލްޓީއާއެވެ. ޔުނިވާސިޓީ ތައުލީމު ފުރިހަމަ ކުރެއްވުމަށްފަހު، ހަޔާ އިންސްޓިޓިއުޓް އޮފް ޖުޑީޝަރީއިން މާސްޓާޒް ޑިގްރީއަކު ދަސްވެނިވެވަޑައިގެންނެވިއެވެ. އެއަށްފަހު ފެކަލްޓީ އޮފް ޝަރީޢާގެ ލެކްޗަރަރެއްގެ ގޮތުގައި 10 އަހަރު މަސައްކަތްކުރެއްވިއެވެ.

އެއަށްފަހު، މީލާދީން 2000 ވަނަ އަހަރު ދެން ފެނިގެންދިޔައީ ޑިޕާޓްމަންޓް އޮފް ސައިންޓިފިކް ރިސާޗް އެންޑް އިޝޫއިން ފަތްވާސްގެ މެމްބަރުކަމަށް އައްޝައިހު މުޙައްމަދު ބިން ޙަސަން އަލް-ޝައިހު އައްޔަންކުރެވިގެންދިޔަ މަންޒަރެވެ.

ސައުދީ ކައުންސިލް އޮން ސީނިއާ ސްކޮލާޒް ގެ މެމްބަރުކަމަށް އައްޝައިހު މުޙައްމަދު ބިން ޙަސަން އަލް-ޝައިހު އިސްކުރެވުނީ މީލާދީން 2005 (ހިޖުރައިން 1426) ވަނަ އަހަރުގެ ތެރޭގައެވެ. އެއަށްފަހު ކައުންސިލް އޮފް ސީނިއާ ސްކޮލާޒްގެ ސްޓޭންޑިންގް ކޮމިޓީ ފޯ ރިސާޗް އެންޑް އެޑްވައިޒަރީ ބްރާންޗްގެ ފުލްޓައިމް މެމްބަރަކަށް އޭނާ ހަމަޖެއްސިގެންދިޔެއެވެ.

ރިޔާދުގައި ހުންނަ ޝައިހު މުޙައްމަދު ބިން އިބްރާހީމް އަލްޝައިހު މިސްކިތުގައި، އައްޝައިހު މުޙައްމަދު ބިން ޙަސަން އަލް-ޝައިހު ދަރުސް ދެއްވަން ފެއްޓެވީ ހުޖުރައިން 1412 ވަނަ އަހަރުގެ ތޭރޭގައިކަންވެސް ފާހަގަކުރަންޖެހެއެވެ.