މާތް ﷲ ރަހުމަތްފުޅާއެކު 1440 ވަނަ އަހަރުގެ އަޟްޙާ ޢީދު އަޅުގަނޑުމެންނާ ބައްދަލުކުރާކަށް މާގިނަ ވަގުތެއް ދެން ނެތެވެ. ފަރުޟު ޙައްޖުގެ މަތިވެރި އަޅުކަމާ ވިދިގެން މުސްލިމު އުއްމަތާ ބައްދަލުކުރާ އަޟުޙާ ޢީދުގެ މުނާސަބާއާއި ގުޅުވައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ސަގާފީ އެކި ކުލަވަރުތަކާއެކު އުފާފާޅުކުރަމުންދާއިރު، ހުރިހާ ހިސާބަކަށްވާ ޢާންމު އެއް ކަމެއް އެބައޮވެއެވެ. އެއީ ޢީދު ހަދިޔާ ދިނުމެވެ.

ހަދިޔާ ދިނުމުގައިވެސް ބަލަންވީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް، މެދު މިނުގެ ހަދިޔާއެއް ދިނުމަށެވެ. އެހެންކަމުން މި ބަލާލަނީ، އަޟުޙާ ޢީދާ ދިމާކޮށް ގާތް ތިމާގެ މީހުންނާ ރަހުމަތްތެރިންނަށް ދެވިދާނެ ބައެއް ހަދިޔާއަށެވެ.

އީދީ

ޢީދުގެ މުނާސަބާއާއި ގުޅުވައިގެން ދުނިޔޭގެ ބައެއް ހިސާބުތަކުގައި ބަހާ ފައިސާއަށް ކިޔާ އުޅެނީ ޢީދީއެވެ. ޢީދީ ބެހުމަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި އެތައް ޒަމާނެއް ވަންދެން ކުރަމުން އައި ކަމެކެވެ. ޢާންމުކޮށް ޢީދީ ލިބެނީ ކުޑަކުދިންނަށެވެ. ޢީދީގެ ގޮތުގައި ބަހާ، ހަދިޔާ ކުރަނީ މާ ބޮޑު ޢަދަދެއް ނޫނެވެ. 10 ރުފިޔާ، 20 ރުފިޔާ މިހެން ގޮސް، ކެރި ފޯރުންތެރިކަން ހުރިއްޔާ 50 ރުފިޔާވެސް ބަހަންވީއެވެ. ޢީދީ ބެހުމުގައި ސަމާލުވާންވީ ތިބާގެ އެންމެ ގާތުން، އާއިލާގެ ތެރެއިން ފެށުމަށެވެ. އެއަށްފަހު، އާންމު ޖަމާއަތްތަކަށް ނިކުމެގެންވެސް ޢީދީ ބެހިދާނެއެވެ. މުހިންމީ ބޮޑު އަދަދެއް ދެވެން ނެތިއްޔޭ ބުނެ އެއްޗެއް ނުދީ ހުރުމެއް ނޫނެވެ. 6 ހައެއްކަ މީހުންގެ ފަރާތުން 10 ރުފިޔާގެ މަގުން ޢީދީ ލިބޭ ކުއްޖަކަށްވެސް 60 ރުފިޔާ ލިބޭނެތާއެވެ.

ދިވެހިފައިސާގެ ގޮތުގައި ބޭނުންކުރާ ވަކިލާރި/ފޮޓޯ: ފްލިކާ

އަންނައުނު

އާންމު ދިރިއުޅުމުގައި އުޅޭ އިރު ހާލުގައި ޖެހި އަނެކުންގެ އެހީއަށް އިންތިހާއަށް ބޭނުންވެފައިވާ އާއިލާއެއް ތިބާއަށް ފާހަގަކުރެވިފައި އޮވެދާނެއެވެ. އެގެއެއްގެ ހުރިހާ ކުދިންނަށްވާ ވަރަށް އަންނައުނު ހޯދާ ނުދެވުނު ކަމުގައި ވީ ނަމަވެސް، ކޮންމެވެސް އެއް ކުއްޖަކަށް ނަމަވެސް ޢީދު ހެދުމެއް ހަދިޔާކޮށްދެވޭތޯ ބަލާށެވެ. ޢީދު ދުވަހަށް ޒީނަތްތެރިވުމަކީ ހަމަ ކޮންމެ ކުއްޖަކުވެސް ކުރަން ބޭނުންވާނެކަމެކެވެ.

ގޭތެރޭގައިވެސް މިކަން ކުރެވިދާނެއެވެ. މިޒަމާނަކީ ޕާޓީއަކަށް ދާން ނޫން ގޮތަކަށް އެންމެން އެއްކުލައަކުން ހެދުން އަޅަން ލަދުގަންނަ ޖީލެއް އޮތް ޒަމާނަކަށްވީ ނަމަވެސް، އާއިލާގެ މެމްބަރުންނަށް އެއްކަހަލަ ޝޯލް ނޫނީ ފިރިހެނުންނަށް އޮފީހަށް ދާނެ އިސްޓާކީނު ޖޯޑެއްވެސް ހަދިޔާ ކުރެވިދާނެއެވެ. އެންމެން އެއްދުވަހަކާ އެ ބޭނުންކުރާކަށް ނުޖެހޭނެތާއެވެ. އެކަމަކު އާއިލީ ވަންތަކަމުގެ ރަމްޒެއްގެ ގޮތުގައި ހުރިހާ މެމްބަރުންގެ އަތުގައި އެކައްޗެއް އޮންނާނެތާއެވެ.

ގަހަނާ

ޢީދު ހަދިޔާގެ ގޮތުގައި ބަހާ ގަހަނާއަކީ މާ އަގުބޮޑު ގަހަނާތަކަކަށް ވާކަށް ނުޖެހެއެވެ. އެއީ ފަހާއެއްޗިހި ވިއްކާ ފިހާރައަކުން ލިބެން ހުންނަ ފަރި ރިބަންކޮޅަކާ، ނަލަ މިނާފުށްތަކެއް ބޭނުންކޮށްގެން އަމިއްލައަށް ގޭގައި ތައްޔާރުކޮށްލާ އުޅާގަނޑަކަށްވެސް ހެދިދާނެއެވެ. ފިހާރައަކުން އަގުބޮޑު ގަޑިއެއް ގަނެފައި ދިނުމުގެ ބަދަލުގައި، އަމިއްލަ އަތުން ތައްޔާރުކޮށްލާ މިފަދަ ކުޑަކުޑަ ހަދިޔާއެއްގެ މާނައާއި އަސަރު ހަމަ ޔަގީނުންވެސް މާ ފުންވާނެއެވެ.

ހަދިޔާކުރުމަށް ތައްޔާރުކޮށްފައިވާ ޝޯލްތަކެއް/ފޮޓޯ: ޝޮޕިފައި

ކާބޯތަކެތި

ޢީދޭ ބުނުމާއެކު ކާބޯތަކެތީގެ ވާހަކަ ނުދައްކާ އެއްވެސް ކަމެއް ނިންމާލެވޭކަށް ނޯވެއެވެ. ބައެއް މީހުންނަކީ ޢީދު ފެންނަނީވެސް ގެރިމަހާ ކުކުޅުމަހުގެ ސިފާގައެވެ. ޢީދު ހަދިޔާގެ ގޮތުގައި ކާބޯތަކެތިވެސް ހަދިޔާ ކުރެވިދާނެއެވެ. ފަހަރެއްގައިވެސް މިދަންނަވަނީ ކުއްޖަކަށް ނަންކިޔަން ކައްކާލާ ވަރަށް ކޭންގަނޑު ހަދައިގެން ބަހާ ވާހަކައެއް ނޫނެވެ.

ޢީދު ހަދިޔާގެ ގޮތުގައި ބެހުމަށް ގޭގައި އަމިއްލައަށް ބްރައުނީއެއް ތައްޔާރުކޮށް، ފޮތިފޮއްޗަށް އެ ކޮށާ، ތިމާ ހިތް އެދޭ ކޮންމެ މީހަކަށް ރީތި ފޮއްޓަކަށް ލާފައި އެ ބްރައުނީ ފޮތި ހަދިޔާ ކުރެވިދާނެއެވެ. ނުވަތަ ކަދުރާ، އެކި ކަހަލަ ހަނާކުރި ބަދަނުގެ ބާވަތްތައް ފުޅިއަކަށް އަޅާ، ރީތި ގޮތަކަށް ފަރުމާކޮށްފައިވެސް ހަދިޔާ ކުރެވިދާނެއެވެ.

ޤުރުއާން މުސްހަފާ ހަދީސް ފޮތް

ޓެކްނޮލޮޖީއާއިއެކު އައި އެންމެ ބޮޑު ބަދަލަކީ ގޭގެއިން ޤުރުއާން މުސްޙަފް ލިބެން ހުންނަ މިންވަރު މަދުވުމެވެ. އެކަމަކު ކޮންމެވެސް މީހަކު މުސްޙަފެއްގެ ބޭނުން ޖެހިފައި ހުރެދާނެއެވެ. ދުރާލާ އެކަން ބަލާ، އެމީހަކަށް މުސްޙަފެއް ހަދިޔާ ކުރެވިދާނެއެވެ.

ކީރިތި ޤުރުއާންގެ މުސްޙަފުގެ އިތުރުން ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅުތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ސައްހަ ފޮތްވެސް ހަދިޔާ ކުރެވިދާނެއެވެ. މިފަދަ ފޮތްތައް ކިޔާ އުޅުމަކަށް ވަކި އުމުރެއް ނެތެވެ. ނަމަވެސް ފޮތް ހަދިޔާކުރުމުގައި، އެ މީހެއްގެ އުމުރާ ގުޅޭނެ ފޮތެއް ހަދިޔާ ކުރުން ބުއްދިވެރިއެވެ.

ދީނީ ފޮތް

އަދުގެ ތުއްތު ސިކުނޑިތައް ބޮޑުވެ ތަރައްގީ ވަމުން އަންނަނީ ފުދޭ ވަރަކަށް ބޮޑަށް ހުޅަނގުގެ ފިކުރުތަކެއްގެ ތެރޭގައެވެ. ނުސީދާ ގޮތުންވެސް ސެންޓަކްލޯސްއާއި އެލްފްތަކުގެ ވާހަކަވެސް އޮންނަނީ އެނގިފައެވެ. ނަމަވެސް އިސްލާމް ދީނާ ގުޅޭ ވާހަކައެއް އެނގެނީ މަދު ކުއްޖަކަށެވެ. އެހެންކަމުން، ކުޑަކުދިންގެ އުމުރާ ގުޅޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ދީނީ ފޮތްފޮތް، ކުޑަކުދިންނަށް ހަދިޔާ ކުރެވިދާނެއެވެ.

ފޮތް ހަދިޔާ ކުރުމަށްފަހު، މި ފޮތް ކިޔާލުމުގައިވެސް އެކުދިންނާއެކު ވަގުތު ހޭދަކޮށްލެވިދާނެއެވެ.

އެހީދޭ ޖަމާއަތަކަށް އެހީވުން

ތިމާގެ މީހުންނާ އަވަށްޓެރިންނަށް، އަދި ގާތް ރަހުމަތްތެރިންނަށް ހަދިޔާ ދިނުމަށް ފަހުގައިވެސް ތިބާގެ އަތުގައި ތަނަވަސްކަން ހުރެއްޖެނަމަ، އެހީދޭ ޖަމިއްޔާ، ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދޭށެވެ. އެއީ މާލީ އެހީއެއް ކަމުގައި ނުވި ކަމުގައި ވީނަމަވެސް، އެމީހުންނާއެކު ވަގުތު ހޭދަކޮށްލައިގެންވިއަސް އެހީތެރިކަމެއް ފޯރުކޮށްދޭށެވެ.

އާއިލާއެއްގެ މެމްބަރުންނަށް ތައްޔާރުކޮށްފައިވާ ޢީދު ހަދިޔާތަކެއް/ފޮޓޯ: ޑެއިލީ ޓައިމްސް

އެހީދޭ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ރީތި އާދަ ކުދިންނަށް ދަސްކޮށްދިނުމުގެ ގޮތުން އާއިލާގައި ތިބި، ތަންދޮރު އެނގޭ ވަރުގެ ކުދިން ގޮވައިގެން އެފަދަ ތަންތަނަށް ގޮސް އުޅެވިދާނެއެވެ.

ކުޅޭ ސާމާނު

ކުޑަކުއްޖަކަށް ހަދިޔާއެއް ދޭން ވިސްނާލާއިރު އެންމެ ފުރަތަމަވެސް ނަޒަރު ހުއްޓޭނީ ކޮންމެވެސް ކަހަލަ ކުޅޭ އެއްޗަކާ ދިމާލަށެވެ. ޢީދީގެ ސަބަބުން ލިބޭ ފައިދާ ބޮޑުވި ނަމަވެސް، ބައެއް ކުދިންނަކީ ލިބޭ ފައިސާގެ ނޫޓަކަށްވުރެ ހަދިޔާއަކަށް މާ ބޮޑަށް ބޭނުންވާ ކުދިންނެވެ. ހަދިޔާގައި މާ ބޮޑު ބުރަދަނެއް ނެތަސް، ސައިޒުން ބޮޑުވަނިކޮށް ގަޔާވާ ކުދިންވެސް މަދެއް ނޫނެވެ. ނަމަވެސް ހަދިޔާއެއް ގަންނައިރުވެސް، އެ ހަދިޔާއަކީ އެކުއްޖާއަށް ޖިސްމާނީ ގޮތުންނާ ނަފްސާނީ ގޮތުން އަދި ދީނީ ރޫހަށް އުނިކަން ނާންނަފަދަ ކުޅޭއެއްޗަކަށް ވުން މުހިންމެވެ.

ކަރަންޓްސާމާނު

ޒުވާން އުމުރުގެ ކުއްޖަކަށް ޢީދު ހަދިޔާއެއް ދޭން ވިސްނާ ވިސްނާވެސް ދޭނެ އެއްޗެއް ނޭނގޭ ފަހަރު އާދެއެވެ. މިފަދަ ކުއްޖަކަށް ހަމަ އެންމެ ރަނގަޅުވާނީ ކޮންމެވެސް ކަހަލަ ގެޖެޓެއް ގަނެދިނުމެވެ. އެކަމަކު އެއީ ތިބާގެ ތަނަވަސްކަން ހުރި މިންވަރަކުންނެވެ. އާއިލާގެ ދެތިން މެމްބަރުންވެގެން އެއް ހަދިޔާވެސް ގަނެދެވިދާނެއެވެ.

ކަރަންޓް ސާމާނުގެ ވާހަކަ ދައްކާއިރު، އެކި ކަހަލަ އަވަންތަކާ، ޓޯސްޓަރުތައްވެސް ހެޔޮ އަގުގައި މިހާރު ލިބެން ހުރެއެވެ. މިފަދަ އެއްޗަކަށް ބޭނުންޖެހިފައިވާ މީހަކު ހޯދާ، މިއިން ހަދިޔާއެއްވެސް ދެވިދާނެއެވެ.

އެކުގައި ވަގުތު ހޭދަކޮށްލުން

މިއީ ޢީދުގައި ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއެވެ. ވަގުތަކީ އޭގެ އަގު ނުކުރެވޭނެ ހަދިޔާއެކެވެ. ހަމަ ޔަގީނުންވެސް ތިބާ އެމީހަކު ދެކެ ހަގީގީ ލޯބިވާ ކޮންމެ މީހަކަށްވެސް ވަގުތު ހުސްކޮށްދޭނެއެވެ. ކޮންމެ ގޮތަކުންވެސް ވަގުތު ހޯދާނެއެވެ. މުޅި ދުވަހު އެކުގައި ނުއުޅެވުނު ކަމުގައި ވީ ނަމަވެސްމެއެވެ. ޢީދު ދުވަހުގެ ކޮންމެވެސް ވަގުތު ކޮޅެއް، އެހެން ދުވަސްތަކާ ހިލާފަށް ދިގު ދެމިގެންދާ ގޮތެއްގައި އެ މީހަކާއެކު ހޭދަކޮށްލާށެވެ. އެންމެ ރަނގަޅީ އާއިލާ މެމްބަރުންނާ ގާތްތިމާގެ މީހުންނާ ރަހުމަތްތެރިން އެކުގައި ވަގުތު ހޭދަކޮށްލުމެވެ.

ޢީދުގެ މުނާސަބާއާއި ގުޅުވައިގެން ހަދިޔާ ދީ އުޅުމަކީ ދީން ހުއްދަ ކުރާ ކަމެކެވެ. އެއީ ބިދުޢައެއް ކަމަށް ބައެއް މީހުންގެ ހިތްތަކުގައި ސުވާލު އުފެދުނު ކަމުގައި ވީނަމަވެސް، އިސްލާމީ ޝަރީޢާއިން މުސްލިމުންނަށް ހުއްދަ ކުރާ 2 ޢީދު 2 ދުވަހާ، ހަފުތާ ޢީދު ކަމުގައިވާ ހުކުރު ދުވަހު، ދީނީ އިމުގެ ތެރޭގައި އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކޮށް، ހަދިޔާ ބަދަލު ކުރުމުގައި މައްސަލައެއް ނެތެވެ.