ޓީޗަރުންގެ މުސާރު ބޮޑުކުރުމަށްޓަކައި މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، މިނިސްޓަރު ވިދާޅުވީ މުސާރަ ބޮޑުކުރުމަށް ރައީސް އޮފީހާ ގުޅިގެން ޓީޗަރުންނަށް މުސާރަ ދިނުމާ ގުޅޭ އޮނިގަނޑުތަކަށް މިހާރު ބަދަލުތަކެއް ގެންނަވާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ބަދަލުތަކެއް މިނިސްޓަރު ހާމައެއް ނުކުރައްވައެވެ.

މިނިސްޓަރު ވިދާޅުވީ ވަރަށް އަވަސް މުސްތަގުބަލެއްގައި އާ އޮނިގަނޑު ހާމަކުރައްވާނެ ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެއް ޓީޗަރުންގެ އުޖޫރުއަށް ހެޔޮ ބަދަލެއް ގެނައުމަކީ އެ ވައުދު ފުއްދުމަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރެވެމުން. އެގޮތުން ރައީސް އޮފީހާއި ގުޅިގެން އޮނިގަނޑުތަކަށް ބަދަލުތަކެއް ގެނެސްފިން."
މިނިސްޓަރު އައިޝަތު އަލީ

ޓީޗަރުންގެ މުސާރައިގެ އިތުރުން އޯވާ ޓައިމްގެ އުސޫލަށް ވެސް ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޯވަ ޓައިމްގެ އިތުރުން އިތުރު އިނާޔަތްތަކެއް ވެސް ޓީޗަރުންނަށް ހަމަޖައްސައިދިނުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.