70 އެތައް އަހަރެއް ވަންދެން މިނިވަންކަމާ އިސްތިގުލާލުގެ ރަހަ ދެކެމުން އައި ޖައްމު އާއި ކަޝްމީރު ސްޓޭޓްގެ އިންޑިއާއާއި ވީ ފަޅިއަށް މި ބާރުތައް ލިއްބައިދިން އިންޑިއާގެ ގާނޫނު އަސާސީގެ މާއްދާ 370 އުވާލުމަށް އިންޑިއާގެ މައި ސަރުކާރުން ނިންމުމާއެކު ކަޝްމީރުގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ، އެކަކު މަރުވެއްޖެއެވެ.

ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށްކަމަށް ބުނެ ކަޝްމީރުގައި ކާފިއު އިއުލާންކޮށްފައިވާއިރު މަރުވެފައިވާ މީހާކީ އެމީހަކު ފަހާ، ފުލުހުން ދުވި މީހެއް ކަމަށް ޚަބަރުތައް ބުނެއެވެ. މީޑިއާގައި ނަން ހާމަ ނުކުރުމަށް އެދި ވާހަކަ ދެއްކި ފުލުހަކު ބުނީ މަރުވެފައިވަނީ ޒުވާނެއް ކަމަށާ، އޭނާ މަރުވީ ފުލުހުންގެ އަތުނުވާ ދުވަމުން ގޮސް ކޯރަކަށް ފުންމާލައިގެން ކަމަށެވެ. އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކަޝްމީރުގެ މަގުތައް މަތިން 100 އެއްހާ މީހުން ހައްޔަރުވެސްކޮށްފައެވެ.

ކަޝްމީރުގެ މަސްރަހާ ބެހޭ މައުލޫމާތު އެނގޭ މަސްދަރަކުން ޚަބަރު ދޭ ގޮތުގައި، ކަޝްމީރުގެ މައި ސިޓީ ކަމަށްވާ ސްރީނަގަރު ހޮސްޕިޓަލުގައި ދަނީ 6 މީހަކަށް ފަރުވާ ދެމުންނެވެ. އެއީ ބަޑީގެ ހަމަލާތަކެއް އަމާޒުވި މީހުންނާ، މުޒާހަރާ ތެރޭގައި އެހެނިގެން ގޮތްގޮތުން އަނިޔާވި މީހުން ކަމަށެވެ.

ޖައްމުއާއި ކަޝްމީރު ސްޓޭޓަށް ދީފައިވާ ހާއްސަ ދަރަޖައަށް އުނިކަން އަންނަ ގޮތަށް މާއްދާ 370 އުވާލުމަށް އިންޑިއާގެ ބީޖޭޕީ ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް، އިންޑިއާގެ ވެރިކަން ކުރާ ނިއުދިއްލީގައިވެސް ދަނީ މުޒާހަރާކުރަމުންނެވެ.

އެގޮތުން އެތައް ސަތޭކަ ބަޔަކު ވަނީ ދިއްލީގެ މަގުތަކަށް ނިކުމެ، ސަރުކާރުގެ ނިންމުމާ ދެކޮޅަށް އަޑުއުފުލަން ފަށާފައެވެ. ބީޖޭޕީގެ ނިންމުމަކީ "ޑިމޮކްރަސީ މަރާލުން" ކަމަށާ، ސަރުކާރުގެ ނިމުން އަލުން މުރާޖައާ ކުރުމަށް އެދޭ ކަމަށްވެސް މުޒާހަރާގެ ބައިވެރިންވަނީ ގޮވާލާފައެވެ.

ޚަބަރު ލިބޭ ގޮތުގައި އިންޑިއާގެ އެކި ހިސާބުތަކުގައި މިހާރު ވަނީ ސިލްސިލާ މުޒާހަރާތައް ފެށިފައެވެ. ކޮންމެ ބަޔަކުވެސް ގޮވާލަމުންދަނީ ސަރުކާރުގެ ނިންމުން ބަދަލު ކުރުމަށެވެ.

މާއްދާ 370 އަކީ ކަޝްމީރަށް ބޮޑެތި އިމްތިޔާޒުތަކަކާ ބާރެއް ލިއްބައިދިން މާއްދާއެކެވެ. އެގޮތުން ވަކި ގާނޫނު އަސާސީއެއް އެކުލަވާލުމާ، ވަކި ދިދައެއް ގެންގުޅުމާ، ގާނޫނުތައް ހަދާ އުޅުމުގެ ބާރު ކަޝްމީރުގެ ރައްޔިތުންނަށް އޮތީ ލިބިފައެވެ. ހާރިޖީ، ދިފާއީ އަދި މުއާއްސަލާތާ ގުޅުންހުރި ސިޔާސަތުތައް ހިންގާ ބެލެހެއްޓުން އޮންނަނީ މައި ސަރުކާރަށެވެ.

ގާނޫނު ހަމަޖެހިފައި އޮތް ގޮތުން، ރަށްވެހި ކަން ދީ ބިން މިލްކު ކުރުމާ އެނޫންވެސް އަސާސީ ހައްގުތަކާ ގުޅިގެން ބަސް ކިޔާ، ގާނޫނީ ހައިސިއްޔަތު ދިނުމުގެ ފުރިހަމަ މިނިވަންކަން ޖައްމު އާއި ކަޝްމީރު ސްޓޭޓަށް އޮތީ ލިބިފައެވެ. އެ ސްޓޭޓަށް ނިސްބަތް ނުވާ އިންޑިއާ މީހުންނަށް ޖައްމު އާއި ކަޝްމީރު ސްޓޭޓުން ބިމާ މުދާ މިލްކު ނުކުރެވޭ ގޮތް ހެދުމުގެ ބާރުވެސް މި ސްޓޭޓްގެ ރައްޔިތުންނަށް އޮތީ ލިބިފައެވެ. އެތަނުގައި ވަޒަންވެރިގެން އުޅެވޭނެ މީހުންނާ އެނޫން މީހުން ކަނޑައެޅުމުގެ ބާރުވެސް އޮތީ ލިބިފައެވެ.

މުޅި އިންޑިއާއަށް ބަލާއިރު މުސްލިމުންގެ މެޖޯރިޓީ އޮތް ހަމައެކަނި ސްޓޭޓަކީވެސް ޖައްމު އާއި ކަޝްމީރުގެ ސްޓޭޓްއެވެ.