އިންޑިއާގެ އަސްކަރީ ބާރުތަކުން ކަޝްމީރުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ޖައްމުއާއި ކަޝްމީރު ސްޓޭޓް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ކާބޯތަކެއްޗާ ފައިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިމަތިވެ، ބަނޑަށް ޖެހިދާނެ ކަމުގެ ބިރުވެރިކަން އެބައޮތް ކަމަށް ކަޝްމީރުގެ ރަށްވެހިން ބުނަން ފަށައިފިއެވެ.

އިންޑިއާއާއި ޕާކިސްތާނުންވެސް އެ ސްޓޭޓެއްގެ ފުރިހަމަ މިލްކުވެރިކަމަށް ވަކާލާތު ކުރަމުންދާ ޖައްމުއާއި ކަޝްމީރު ސްޓޭޓްގެ އިންޑިއާއާއި ވީ ފަޅިއަށް މީގެ ކުރިން ލިބިދީފައި އޮތް މިނިވަންކަމާ އިސްތިގުލާލަށް ހުރަސް އެޅޭ ގޮތަށް، އިންޑިއާގެ ގާނޫނު އަސާސީގެ މާއްދާ 370 އުވާލުމަށް އިންޑިއާގެ ވެރިކަން ކުރާ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އިން މިދިޔަ ހޯމަ ދުވަހު ނިންމުމާ ގުޅިގެން އެސަރަހައްދުގެ ނުތަނަވަސްކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގެ މައި ސިޓީއެއް ކަމަށްވާ ސްރީނަގަރުގައި ފިހާރައެއް ހިންގަމުން އަންނަ މުނީރު އަހުމަދު ބުނީ އެ ފީހާރާގައި ހުރި އަސާސީ މުދާތައްވެސް ހުސްވަމުންދާ ކަމަށެވެ. ކުރިން ގުދަންކޮށްފައި ހުރި ތަކެތިވެސް މިހާރު ވިކި ހުސްވަމުންދާކަމަށާ، ކިރާ ގޮދަން ފުށް ފަދަ ޒަރޫރީ ބާވަތްތައްވެސް މުޅިން ހުސްވުމާ ގާތްވެފައިވާކަމަށްވެސް މުނީރު ފާހަގަކުރިއެވެ. ކަޝްމީރުގައި މިހާރު އިއުލާންކޮށްފައިވާ ކާފިއުއަކީ ދިގުދެމިގެންދާނެ ކާފިއުއެއްކަމަށް ބެލެވޭ ކަމަށާ، އަދި ގިނަ ބަޔަކު ބަނޑަށްޖެހިގެންދާނެ ކަމަށް ބެލެވޭ ކަމަށްވެސް މުނީރު ފާހަގަކުރިއެވެ.

ކަޝްމީރުގެ ރައްޔިތުން ފާހަގަކުރި ގޮތުގައި އެ ސަރަހައްދުގައި ހުރި ގިނަ އޭޓީއެމްތަކުގެ ބޭނުމެއްވެސް މިހާރަކު ނުކުރެވެއެވެ.

އޯގަސްޓް މަހަށް ފެށުމާއެކުހެން އިންޑިއާގެ މައި ސަރުކާރާ ގުޅިފައިވާ ސަލާމަތީ ބާރުތަކުންވަނީ ކަޝްމީރަށް ޓެރަރިސްޓް ހަމަލާތަކެއްގެ ނުރައްކާ އެބައޮތް ކަމަށް އެ ސަރަހައްދުގައި ތިބި ދަތުރުވެރިންނާ ފަތުރުވެރިން ކަޝްމީރު ދޫކޮށްދިއުމަށް ގޮވާލާ، ކަޝްމީރުގައި އަސްކަރީ ސަފުތައް ރުކުރުވާލާފައެވެ. އެއާއެކު ދެން ފެނިގެންދިޔައީ ކަޝްމީރުގެ ރައްޔިތުންގެ މިނިވަންކަމާ ސީދާ ގޮތުން ގުޅިފައި އޮތް މާއްދާ 370، އިންޑިއާގެ ގާނޫނު އަސާސީއިން އުވާލި މަންޒަރެވެ.