ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އޮން އިންޓަނޭޝަނަލް ސެޓްލްމަންޓް އެގްރީމަންޓްސް ރިޒަލްޓިންގް ފްރޮމް މީޑިއޭޝަން (ސިންގަޕޯ ކޮންވެންޝަން އޮން މީޑިއޭޝަން) ނުވަތަ މަޝްވަރާގެ ތެރެއިން ހައްލުކުރާ ބައިނަލްއަގުވާމީ ވިޔަފާރީގެ މައްސަލަތަކުން އުފެދޭ އެއްބަސްވުމާ ބެހޭ އދގެ މުއާހަދާގައި ދިވެހިރާއްޖެއިން މިއަދު ސޮއިކޮށްފިއެވެ.

ސިންގަޕޫރުގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ ފަރާތުން މިމުއާހަދާގައި ސޮއިކުރެއްވީ ދައުލަތުގެ ބަންޑާރަ ނައިބު އަލްއުސްދާޒު އިބްރާހީމް ރިފްޢަތުއެވެ.

އދގެ މެމްބަރު ގައުމުތަކުގެ ތެރެއިން ދިވެހިރާއްޖެ ހިމެނޭ ގޮތަށް 46 ގައުމަކުން މިއަދު ވަނީ މި މުއާހަދާގައި ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ވިޔަފާރިއާއި އިގުތިސޯދުގެ ވަރުގަދަ ހަނގުރާމައެއް ކުރަމުން އަންނަ އެމެރިކާއާއި ޗައިނާވެސް ހިމެނެއެވެ.

އދގެ މުއާހަދާގައި ސޮއިކުރުމުގެ ރަސްމިއްޔާތު ހޮސްޓުކުރި ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސިއޭން ލޫންގް ވިދާޅުވީ، މިމުއާހަދާއަކީ ބައިނަލްއަގުވާމީ ވިޔަފާރިއާއި އިންވެސްޓްމަންޓްތައް އާ ހަރުފަތަކަށް ގެންގޮސްދިނުމަށް އެހީތެރިވެދޭނެ މުއާހަދާއެއް ކަމަށް ގަބޫލުފުޅުކުރައްވާކަމަށެވެ. މި މުއާހަދާގައި ސޮއިކުރި ގައުމުތަކަކީ، ހުޅުވާލެވިފައިވާ ބައިނަލްއަގުވާމީ ވިޔަފާރީގެ މައިދާނަށް މަރުހަބާ ކިއާ ގައުމުތަކެއްގެ ގޮތުގައި ލީ ވަނީ ސިފަކުރައްވާފައެވެ.

އދގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ފޯ ލީގަލް އެފެއާޒް ސްޓީވަން މެތިއާސް ވިދާޅުވީ މަޝްވަރާކޮށްގެން ވިޔަފާރީގެ މައްސަލަތައް ހައްލުކޮށް ބަދަލުދިނުމުގެ ސަގާފަތާ މެދު ޝައްކުތަކެއް ހުރުމަކީ މިކަން ކާމިޔާބު ކުރުމަށް މިއަދު އެޅިފައިވާ އެންމެ ބޮޑު ހުރަސްކަމަށެވެ. އިނގިރޭސިވިލާތާ އެމެރިކާއަކީވެސް މިފަދަ އުސޫލުތަކެއް މިހާރުވެސް ތަންފީޒު ކުރަމުންދާ ގައުމުތަކަކަށްވީނަމަވެސް، ދުނިޔޭގެ ފެންވަރުގައި މިކަން ބަލައިގަތުން އަދިވެސް އޮތީ މަޑުޖެހިފައެވެ.

ސިންގަޕޯ ކޮންވެންޝަން އޮން މީޑިއޭޝަންގައި ސޮއިކުރުމުގެ ފައިދާއަކީ ކޮބާ؟

މިފަދަ އެއްބަސްވުމެއްގައި ސޮއިކުރުމުގެ އެންމެ ބޮޑު ފައިދާއަކީ ރައްޔިތުންނަށް ފައިދާއާއި މަންފާ ލިބެނިވި އުސޫލަކުން އިގުތިސޯދީ ހަރަކާތްތައް ފުޅާކުރުމަށް ސަރުކާރުތަކަށް ބާރުއެޅިގެން ދިއުމެވެ. ވަކިވަކި ވިޔަފާރިތަކަށް ބަލާއިރު، ލުއި ފަސޭހަ ގޮތެއްގައި ވިޔަފާރީގެ މައްސަލަތަކާ ދެބަސްވުންތައް ހައްލުކުރެވިގެންދިއުމަކީ މާލީ ގޮތުން ބަލާއިރު ލިބޭ މަންފާއަކަށްވެސްވެގެންދެއެވެ. ވިޔަފާރީގެ އެންމެ މުހިންމު ހިއްސާދާރުން ކަމަށްވާ މުދަލާ ހިދުމަތް ލިބި، ގަންނަ ފަރާތްތަކަށްވެސް މީގެ ފައިދާ ބޮޑެވެ.

ސިންގަޕޯ ކޮންވެންޝަން އޮން މީޑިއޭޝަންގައި ސޮއިކޮށްފައިއޮތުމަކީ ވިޔަފާރީގައި މައްސަލައެއް ޖެހިއްޖެ ހިނދެއްގައި ކޯޓު ހައިޖާނުގަނޑެއްގައި ނުބެދި، މަޝްވަރާކޮށްގެން މައްސަލަ ހައްލުކުރެވިގެންދާނެ ކަމުގެ ޔަގީންކަން ބަޔާންކޮށް، އިންވެސްޓަރުންނަށް ދެވޭ ޔަގީންކަމެކެވެ. ފަތުރުވެރިކަމާ، ތަރައްގީ އަދި މާލީ ސިނާއަތް ކުރިއެރުވުމަށް ބޭރުގެ އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލާއިރު، މިފަދަ މުއާހަދާއެއް އޮތުމުގެ ސަބަބުން ދެފަރާތުގެ މެދުގައި އޮންނަ ޔަގީންކަން އިތުރުވެގެންދެއެވެ.

ރާއްޖެފަދަ އުމްރާނީ ބިނާވެށީގެ މަޝްރޫއުތައް ހިންގާ ގައުމުތަކަށްވެސް މިފަދަ މުއާހަދާއެއްގެ ފައިދާ ބޮޑެވެ. މިއީ މުޅި މަޝްރޫއު ހުއްޓުމަކަށް ނުގެނެސް، ނުވަތަ އެއްބަސްވުންތައް އުވާލާ ބަދަލުދައްކަން ނުޖެހި، މަޝްވަރާގެ ތެރެއިން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މައްސަލަތަކަށް ހައްލު ހޯދާދޭ މުއާހަދާއެކެވެ.

ސިންގަޕޯ ކޮންވެންޝަން އޮން މީޑިއޭޝަންގައި ފުރަތަމަ ސޮއިކުރާ ގައުމުތަކަށް ލިބިދޭ ވަކިން ބޮޑު ފައިދާއެއްވެސް އޮވެއެވެ. މި ގައުމުތަކަކީ މަޝްވަރާކުރުމަށް ވިޔަފާރިތަކަށް އިސްވެ ހުށަހެޅުމުގެ ފުރުސަތު އޮންނަ ގައުމުތަކެކެވެ.

ސިންގަޕޯ ކޮންވެންޝަން އޮން މީޑިއޭޝަންގައި ތަންފީޒުކުރުން

ދިވެހިރާއްޖޭގައި ބޭރުގެ އިންވެސްޓްމަންޓްތަކަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމާއި، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަކުގެ ނިޒާމު ހަރުދަނާ ކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުގެ އަމާޒެއް ކަމާއި، ސިންގަޕޯ ކޮންވެންޝަން އޮން މީޑިއޭޝަންގައި ދިވެހިރާއްޖެއިން ސޮއިކުރުން ވެގެންދާނީ އެ އަމާޒަށް ވާސިލުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށް ދެކޭކަމަށްވެސް ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުން ބުނެއެވެ.

އދއިން އެކުލަވާލާފައިވާ މުއާހަދާގެ 14 ވަނަ މާއްދާ ބުނާ ގޮތުގައި 3 ގައުމަކުން މުއާހަދާގައި ސޮއިކޮށް ތަސްދީގުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި މުއާހަދާގެ މާއްދާތައް ތަންފީޒުކުރެވެން ފަށާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ދިވެހިރާއްޖެއިން މިއަދު ސިންގަޕޯ ކޮންވެންޝަން އޮން މީޑިއޭޝަންގައި ސޮއިކުރި ނަމަވެސް، މި މުއާހަދާ ތަންފީޒު ކުރުމަށް ކަމާބެހޭ ވަކި ގާނޫނެއް ބޭނުންވެއެވެ. ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުން ބުނީ، މިމަސައްކަތް، އެއޮފީހުން މިހާރު ފަށާފައިވާކަމަށެވެ. ރާއްޖޭގައި މި މުއާހަދާއަށް އަމަލުކުރަން ފަށާނީ، އޭގެ ފަހުގެ މަރުހަލާއެއްގައެވެ.