ޖައްމުއާއި ކަޝްމީރުގެ މިނިވަންކަމާ އިސްތިގުލާލަށް އުނިކަން އަންނާނެ ފަދަ ގޮތަކަށް އިންޑިއާގެ ގާނޫނު އަސާސީން މާއްދާ 370 އުވާލުމަށް އެގައުމުގެ ވެރިކަން ކުރާ ބީޖޭޕީއިން ނިންމުމާ ގުޅިގެން، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ކޮންޓެކްޓް ގްރޫޕް އޮން ޖައްމު އެންޑް ކަޝްމީރުން އިންތިހާއަށް ކަންބޮޑުވާކަން ފާޅުކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ކުށްލި ގޮތަކަށް ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ބައްދަލުމަށް ފަހު އެޖަމިއްޔާ ސެކްރެޓަރީ ޖެނެރަލް ޔޫސުފް ބިން އަހުމަދު އަލް އުތައިމީން ވަނީ، ގާނޫނީ ހައްގު ހޯދުމަށާ، މިނިވަންކަމާ އިސްތިގުލާލަށް ޖައްމު އާއި ކަޝްމީރުގެ ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް އޯއައިސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނި ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަޙްމޫދު ގުރައިޝީ ވިދާޅުވީ، އިންޑިއާގެ ސަރުކާރުން އެޅި މި ފިޔަވަޅަކީ މިހާރުވެސް ހަމަނުޖެހުންތައް އިންތިހާއަށް އުފެއްދިފައިވާ ޖައްމުއާއި ކަޝްމީރުގެ މައްސަލަ އިތުރަށް ނުރައްކާ ކުރުވާނެ ފިޔަވަޅެއް ކަމަށާ، މިކަމުގެ ނަތީޖާއަކީ އިންތިހާއަށް ދަރަޖައަށް ސީރިއަސް ނުރައްކަލަކަށް ވެސް ވެދާނެ ކަމަށެވެ.

އޯއައިސީގެ ކޮންޓެކްޓް ގްރޫޕް އޮން ޖައްމު އެންޑް ކަޝްމީރުން ބުނީ، އިންޑިއާ ސަރުކާރުގެ ނިންމުމަކީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށާ، އެ ނިންމުމަކީ ވަކި ފަރާތަކަށް ޖެހިފައިވާ ނިންމުމެއް ކަމަށެވެ. އަދި އޯއައިސީގެ އިންޑިޕެންޑެންޓްގެ ޕާމަނަންޓް ހިއުމަން ރައިޓްސް ކޮމިޝަން (އައި.ޕީ.އެޗް.އާރް.ސީ)އާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް، ކަޝްމީރުގެ ހާލަތު ވިލަރެސް ކުރުމުގެ ފުރުސަތު ދިނުމަށް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށްވެސް ކޮންޓެކްޓް ގްރޫޕް އޮން ޖައްމު އެންޑް ކަޝްމީރުން ވަނީ ބުނެފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއަށް ލިބިވަޑައިގަންނަވާ ބާރުތަކުގެ ދަށުން މާއްދާ 370 އުވާލައްވާފައިވާއިރު، މިބަދަލާއެކު ޖައްމުއާއި ކަޝްމީރުގައި ތަންފީޒު ކުރެވިގެންދާނީ އިންޑިއާގެ މައި ގާނޫނު އަސާސީއެވެ.