މާލޭގެ ޕާކިންއަށް މުޅިން ހައްލެއް ގެނެވިގެން ދާނީ މާލޭގައި ރެޖިސްޓްރީ ކުރެވޭ އުޅަނދުތައް ކޮންޓްރޯލު ކުރެވިގެން ކަމަށް މިނިސްޓާ އޮފް ޓްރާންސްޕޯޓް އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ޕާކިން ސްޓިކާ ޖެހުމާ ގުޅޭގޮތުން ސުވާލު ކުރުމަށް މިނިސްޓަރު ނަހުލާ މަޖިލީހަށް ހާޒިރުކޮށް މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވީ މާލޭގެ މަގުތަކަށް ފަސޭހައެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާކަން ކަމަށާއި، މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކު ކުރާނެ ޖާގަތައް ހަދަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް ފަސް ސަރަހައްދެއްގައި ޕާކިން ސްޕޭސް ގާއިމް ކުރެވިފައި ވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ، މާލޭގެ ޕާކު ކުރުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް މި އަހަރުގެ ނިޔަލަށް ސައިކަލު ޕާކުކުރުމަށް 1000-1500 ޖާގަ އަދި ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރުމަށް 100 ޖާގަ މިއަހަރުގެ ނިޔަލަށް ކަނޑައަޅާނެ ކަމަށެވެ. އަދި މާލޭގައި ޕާކު ކުރާނެ ތަންތަން ހެދިކަމުގައި ވިޔަސް މާލޭގެ ޕާކިންއަށް މުޅިން ހައްލެއް ގެނެވިގެން ދާނީ މާލޭގައި ރެޖިސްޓްރީ ކުރެވޭ އުޅަނދުތައް ކޮންޓްރޯލު ކުރެވިގެން ކަމަށެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ ޕާކު ކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް އެކަން އިތުރަށް ދިރާސާ ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން މާލޭގެ މަގުތައް ފަރުމާކޮށްފައި ހުރީ ޕާކިން އަށް ޖާގަ ދީގެން އެކަމަށް ވިސްނައިގެން ނޫން ކަމަށާ، ނަމަވެސް ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނަށް ލުއިފަސޭހަ ވާނެ ގޮތަކަށް ކަންތައް ކުރުން ކަމަށެވެ. އެގޮތުން ވީވަރަކުން ޕާކިން ސަރަހައްދުތައް ގާއިމް ކުރައްވާނެ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
މާލޭގައި ދުއްވާ އުޅަނދުތަކާއެކު ތޮއްޖެހުން ކުޑަކުރުމަށް ވަރަށް ތަފްސީލުކޮށް ޓްރެފިކްގެ މައްސަލައާއި ހައްލު ބަޔާންކޮށްފައިވާ ކަރުދާހެއް މިހާރު ކެބިނެޓަށް ހުށަހަޅުއްވާފައިވާ ކަމަށް ވެސް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
ސްޓިކާ ޖަހާނީ ފުލުހުން އާންމުކޮށްފައިވާ ނުވަ ސަރަހައްދެއްގައި ޕާކު ކުރާނަމައެވެ. އެ ސަރަހައްދުތަކަކީ:
- މިސްކިތްތައް ކައިރި
- ކަފިހި ހުރަސް
- ދުވާރުމަގު
- ގޯޅި ތަކުގެ ކަންމަތި
- ސްކޫލުތައް ކައިރި
- ހޮސްޕިޓަލުތައް ކައިރިބޭންކުތައް ކައިރި
- ބޮޑުތަކުރުފާނުމަގުގެ ތާރު އެޅި ސަރަހައްދު
- ފުލުހުންގެ ކޯނު/ ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު
- ޑަބަލް ލައިން ދަމާފައިވާ ސަރަހައްދު
އެއްގަމު އުޅަނދުތަކުގެ ގާނޫނަކީ ތަންފީޒު ކުރަންޖެހޭ ގާނުނެއް ކަމަށާއި ގަވައިދާ ހިލާފަށް ޕާކުކުރާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށާއި، ޓްރެފިކް ފުލުހުން ވެހިކަލްތަކުގައި ސްޓިކާ ޖަހަނީ ރައްޔިތުންނަށް އުނދަގޫވާގޮތަށް، ގަވައިދާ ހިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގައި ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
މީގެ އިތުރުން ނަހުލާ ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އެއާޕޯޓުގައި ޕާކު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއެކު މާލެގެ ބޮޑުތަކުުރުފާނު މަގުގައި ޕާކު ކުރާ ވެހިކަލްތައް މަދުވެފައިވާ ކަމަށެވެ. އެގޮތުން އެއާޕޯޓުގެ ދެ ސަރަހައްދަކުން ސައިކަލުތައް ޕާކުކުރެވޭނެ 1692 ޖާގަ ކަނޑައެޅިފައި ވާއިރު، ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރުމަށް 47 ޖާގަ ކަނޑައެޅިފައިވާ ކަން މިނިސްޓަރު ނަހުލާ ފާހަގަ ކުރެއްވިއެވެ.