ވަގަށް ބަބުކެޔޮ ކަނޑަން އުޅެނިކޮށް ވެއްޓި، އަނިޔާވި މީހަކު މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހދ. ކުޅުދުއްފުށީ މީހުން ނޫޅޭ ގެއެއްގައި ހުރި ބަބުކެޔޮ ގަހަކުން ވަގަށް ބަބުކެޔޮ ކަނޑަން އުޅެނިކޮށް ވެއްޓި މީހަކަށް އަނިޔާވި މައްސަލައެއް މިދިޔަ ބުދަ ދުވަހު 13:38 ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވެފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.

މި ހާދިސާގައި ވެއްޓި އަނިޔާވި މީހާ އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި ވައްކަމުގެ މައްސަލަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

މިފަހަކަށް އައިސް ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވަމުން ދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިދިޔަ ޖުލައި މަހު 23 ވަނަ ދުވަހު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސްޓާފް އޭރިއާގެ އޮފީހުން ވައްކަން ކުރަން އުޅުނު މީހަކު ފުލުހުން ވަނީ ހިފަހައްޓާފައެެވެ. އަދި ހަމަ އެ މަހު 20 ވަނަ ދުވަހުވެސް އެމްޕީއެލްގެ ހެޑް އޮފީސް ފަޅާލައި ލިޔެކިއުން ތަކެއް ވަގަށް ނަގާފައި ވެއެވެ. އެ ހާދިސާގައި އެމްޕީއެލްގެ އެޗްއާރު ޑިޕާޓްމަންޓްގެ ބެލްކަނީ ތެރެއިން ކުޑަ ދޮރެއް ހަލާކު ކޮށް، އެ އިމާރާތަށް ވަނުމުގެ ތެރޭގައި ސީސީޓީވީ ކެމެރާތައް ވެސް ހަލާކު ކޮށްފައިވެ އެވެ.