މެލޭޝިޔާގެ ސެގީ ޔުނިވާސިޓީގެ 4 ކޯހެއް ކިޔެވުމުގެ ފުރުސަތު ކްލިކް ކޮލެޖުން ހުޅުވާލައިފިއެވެ.

ރޭ ބަނޑޮސް ރިސޯޓުގައި ބޭއްވިި ހަފުލާގައި، ސެގީ ޔުނިވާސިޓީގެ 4 ޕްރޮގްރާމެއް އިފްތިތާހު ކޮށްދެއްވީ ހަފްލާގެ ޝަރަފުވެރި މެހެމާނު ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ. މި ރަސްމިއްޔާތުގައި ސެގީ ޔުނިވާސިޓީގެ ހަތަރު ކޯހެއް ކްލިކް ކޮލެޖުގައި ހިންގުމުގެ އެއްބަސްވުމުގައި ކްލިކް ކޮލެޖުގެ ފަރާތުން އެ ކޮލެޖުގެ ރައީސް ޑރ. ނައުޝާދު ސޮއި ކުރައްވާފައި ވާއިރު، ސެގީ ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޕްރޮފެސަރު ޕެޓްރިކް ކީ ޕެންގް ކޮންގްއެވެ.

ކްލިކް ކޮލެޖުން ތައާރަފްކުރި މެލޭޝިޔާގެ ސެގީ ޔުނިވާސިޓީގެ 4 ކޯސް

  • ބެޗެލާ އޮފް ބިޒްނަސް މެނޭޖްމަންޓް - ޖެނެރަލް މެނޭޖްމަންޓް ޕްރޮގްރާމް
  • ބެޗެލާ އޮފް ބިޒްނަސް މެނޭޖްމަންޓް - މާކެޓިން ޕްރޮގްރާމް
  • ބެޗެލާ އޮފް ބިޒްނަސް މެނޭޖްމަންޓް - ހިއުމަން ރިސޯސް މެނޭޖްމަންޓް ޕްރޮގްރާމް
  • މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން - ޖެނެރަލް މެނޭޖްމަންޓް ޕްރޮގްރާމް

ތިން އަހަރުގެ މުއްދަތަށް ދިގު ދެމިގެން ޑިގްރީ ކޯސް އަދި ދޮޅު އަހަރަށް ދިގު ދެމިގެންދާ މާސްޓާސް ކޯސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހެވެ. އަދި އެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

ރޭ ބަނޑޮސް ރިސޯޓުގައި ބޭއްވިި ހަފުލާގައި، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވާހަކަ ދައްކަވަނީ / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

ބަނޑޮސް ރިސޯޓުގައި ރޭ ބޭއްވި ހަފްލާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ވީހާ ވެސް ގިނަ ދަރިވަރުންނަށް މަތީ ތައުލީމް ފޯރުކޮށްދިނުން ކަމަށާއި އެކަމަށް އެހީތެރިވެ، ރާއްޖޭގައި ފެންވަރު ރަނގަޅު މަތީ ތައުލީމެއް ފޯރުކޮށްދެމުން އަންނާތީ މިނިސްޓަރު ވަނީ ކްލިކް ކޮލެޖަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން ވެސް އަދި ކްލިކްގެ ލޯން ސްކީމާއި ސްކޮލާޝިޕްގެ ދަށުން ވެސް ދަރިވަރުންނަށް އެ ކޯސްތަކުގައި ކިޔެވޭނެ ކަމަށެވެ.

ރޭ ބަނޑޮސް ރިސޯޓުގައި ބޭއްވިި ހަފުލާގައި، ސެގީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޕްރޮފެސަރު ޕެޓްރިކް ކީ ޕެންގް ކޮންގް ވާހަކަ ދައްކަވަނީ / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

ހަފްލާގައި ވާހަކަ ދައްކަވަމުން ބޭރުގެ އެހެން ކޯސްތަކަށް ވުރެ، ސެގީ ޔުނިވާސިޓީގެ ކޯސްތަކަށް ކުރާ ހަރަދު 50 ޕަސެންޓް ކުޑަވާނެ ކަމަށް ކްލިކް ކޮލެޖުގެ ނައިބު ރައީސް ހަސަން އަބްދުﷲ ސައީދު ވިދާޅުވެފައިވާއިރު، ސެގީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޕްރޮފެސާ ޕެޓްރިކް ކީ ޕެންގް ކޮންގް ވަނީ ކްލިކް ކޮލެޖާ ގުޅިގެން އެ ޔުނިވާސިޓީގެ ކޯސްތައް ފެށިގެން ދިއުމަކީ އުފާކުރައްވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ސެގީ ޔުނިވާސިޓީގެ އަމާޒަކީ މުޖުތަމައުއަށް ބޭނުންވާ ލީޑަރުން އުފައްދައި، ދަރިވަރުން ކިޔެވުމަށް ރަނގަޅު މާހައުލެއް އުފައްދައިދިނުން ކަމަށް ވެސް ޕްރޮފެސާ ކީ ޕެންގް ވިދާޅުވިއެވެ.